އިލެކްޝަންސް ކޮމިޝަން

އީސީގެ މެންބަރުންނަށް ރިޓަޔާމަންޓް ޕެކޭޖު ލިބޭ އިސްލާހު ބާތިލްކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުންގެ އަމިއްލަ މަސްލަހަތު ހިމަނައިގެން އެ ކޮމިޝަންގެ ގަވައިދު އިސްލާހުކޮށް ހަދާފައިވާ ރިޓަޔާމަންޓް ޕެކޭޖާ ގުޅޭ މާއްދާތައް ބާތިލްކޮށްފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ގެޒެޓްވެސް ކޮށްފައިވާ އިސްލާހުތައް ބާތިލް ކުރީ މިއަދު އެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު މިއަދު އަވަސް އަށް ވިދާޅުވީ އެ އިސްލާހުތައް ބާތިލްކުރީ ފިނޭންސް މިނިސްޓްރީން އަންގައިގެން ކަމަށެވެ.

"މިނިސްޓްރީން އަޅުގަނޑުމެންނަށް އަންގާފައި އޮތީ ކޮމިޝަންގެ މެންބަރުންގެ މުސާރައާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް. އެހެންކަމުން މަޖިލީހުގެ ނިންމުމެއް ނެތި އެ އިސްލާހުތައް ގެނައި ނަމަވެސް މިނިސްޓްރީއަށް އެ އިސްލާހުތަކަށް އަމަލުނުކުރެވޭނެ ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.

އީސީގެ މެންބަރުން އަމިއްލައަށް ރިޓަޔާމަންޓް ޕެކޭޖެއް މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު ތައާރަފް ކުރީ އީސީގެ ކުރީގެ ނައިބް ރައީސް އިސްމާއީލް ހަބީބުގެ މެންބަރު ކަމުގެ ދައުރު މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހަމަވާން ދަނިކޮށެވެ. އަދި މި ޕެކޭޖު ތައާރަފް ކުރީ ބައެއް މިނިވަން މުއައްސަސާތަކުން މިފަދަ ޕެކޭޖުތަކެއް ހަދައި އެއަށް ގާނޫނީ ބާރު ހޯދުމަށް ބައެއް މުއައްސަސާތަކުން މަޖިލިސް ތެރެއިން މަސައްކަތްވެސް ކުރަމުން ދަނިކޮށެވެ.

އީސީ އިން ރިޓަޔާމަންޓް ޕެކޭޖެއް ތައާރަފް ކުރީ އީސީގެ މެންބަރުންގެ ގޮތުގައި އެ ވަގުތު ތިއްބެވި ފަސް މެންބަރުންނަށްވެސް ރިޓަޔާމަންޓް ޕެކޭޖު ލިބޭ ގޮތަށެވެ. އީސީގައި އޭރު ތިއްބެވި ފަސް މެންބަރުންނަކީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި، ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އިސްމާއީލް ހަބީބާއި، ކޮމިޝަންގެ މެންބަރުން ކަމަށްވާ މުހައްމަދު އާސިފާއި އަލީ ނަޝާތުގެ އިތުރުން ޑރ. މުހައްމަދު ޒާހިރު އެވެ. ނަމަވެސް ހަބީބްގެ ދައުރު ނިމި އޭނާގެ ބަދަލުގައި އީސީގެ މެންބަރު ކަމަށް މިހާރު ވަނީ އެ ކޮމިޝަންގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް ހަސަން ޒަކަރިއްޔާ އައްޔަންކުރައްވާފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރަކަށް ކޮންމެ މަހަކުވެސް 40،000 ރުފިޔާގެ މުސާރައެއް ލިބިވަޑައިގަންނަވަ އެވެ.