ރިޕޯޓް

ވިޔަފާރީގައި ކުރި އަރައިދިޔުމުގެ ސިއްރު: ފައިސާގެ ދައުރު ބެލެހެއްޓުން

May 6, 2024

ޒަމާނަށް އަންނަމުންދާ ބަދަކުތަކާއިއެކު މުޖުތަމައުގެ އަފްރާދުންގެ މަސްއޫލިއްޔަތުތަކާއި ބޭނުންތައް ދަނީ ބަދަލުވަމުންނެވެ. މިފަދަ މުޖުތަމައެއްގައި ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުން ކުރިއަރައިދިޔުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން ވިޔަފާރިވެރިއެއްގެ ކުރިމަގު ބައްޓަން ކުރުމަށްޓަކައި އެންމެ މުހިއްމު ކަމަކީ ފައިސާގެ ދައުރު ބެލެހެއްޓުމެވެ.

އެންމެ ފުރަތަމަ ކަމަކަށް ފައިސާގެ ދައުރަކީ ކޮބައިތޯ ބަލާލަމާތޯ އެވެ. ފައިސާގެ ދައުރަކީ ވިޔަފާރިއަށް ފައިސާ ވަދެ ނުކުންނަ ގޮތެވެ. މިގޮތުން ފައިސާ ވަންނަ މުއާމަލާތެއްގެ މިސާލަކީ މުދާ ވިއްކުމުގެ މުއާމަލާތެވެ. އަދި ފައިސާ ނުކުންނަ މުއާމަލާތެއްގެ މިސާލަކީ ވިޔަފާރި ހިންގުމަށްދާ ހަރަދުތަކެވެ.

ފައިސާގެ ދައުރު ބެލެހެއްޓުމަށްޓަކައި އެންމެ ފުރަތަމަ ކުރުން ލާޒިމުކަމަކީ ކުރިމަގުގައި އަންނާނެ ބަދަލުތަކަށް ބިނާކޮށް ފައިސާގެ ދައުރު ހިނގާނޭ ގޮތް ލަފާކުރުމެވެ. ހަމަ މިއާއެކު ފައިސާގެ ދައުރަށް އަންނަ ބަދަލުތައް ގަވާއިދުން ދިރާސާކޮށް ކުރިން ލަފާކުރި ލަފާކުރުންތަކައި އަޅާކިޔުން މުހިއްމެވެ. މިގޮތަށް ކަންކަން ކުރުމުން، ދިމާވެދާނެ މައްސަލަތައް ކުރިއާލައި ހައްލު ކުރުމަށް ފަސޭހަވެގެންދެ އެވެ.

މިއަށްފަހު ފައިސާގެ ދައުރު ބެލެހެއްޓުމަށްޓަކައި ދެން ކުރުން އެންމެ މުހިއްމު ކަމަކީ ވިޔަފާރިއަށް ދަރަނިވެރިވާ ފަރާތްތައް ބެލެހެއްޓުމެވެ. އެއަށްފަހު އެ ފަރާތްތަކުން ފައިސާ ދެއްކުމަށް ލަސްވާނަމަ އެއަށް އެކަށީގެންވާ ފިޔަވަޅު އެޅުން މުހިއްމެވެ. މިގޮތަށް ކަންތައްކުރުމުން އަހަރީ ފައިދާ އިތުރުވެގެންދާނެ އެވެ.

ހަމަ މިބީދާއިން ފައިސާގެ ދައުރު ބެލެހެއްޓުމަށްޓަކައި ވިޔަފާރީގެ ހަރަދުތައް މަދުކުރުމަކީވެސް މުހިއްމު ކަމެކެވެ. މިކަން ކުރުމަށްޓަކައި މުދާ އެތެރެކުރާ މިންވަރު ބެލެހެއްޓުމަށް ދޭންޖެހޭ އަހަންމިޔަތުކަން ބޮޑެވެ. ވިޔަފާރިއަށް މުދާ އެތުރުކުރާ މިންވަރު ބެލެހެއްޓުމުން، މުދާ ރައްކާކުރުމުގެ ހަރަދުތައް މަދުކުރެވި، ގިނަ ދުވަސް ވުމުގެ ސަބަބުން މުދާ ހަލާކުވުމުން ހުއްޓުވައިދެއެވެ.

މަތީގައި މިފާހަގަކޮށްލާފައިވާ ނުކުތާތަކަކީ ފައިސާގެ ދައުރު ބެލެހެއްޓުމަށްޓަކައި މިހާރުވެސް ބޭނުންކުރެވެމުންދާ އުކުޅުތަކެކެވެ. ފައިސާގެ ދައުރު އެންމެ ފުރިހަމަ ގޮތުގައި ބެލެހެއްޓުމުގެ ސަބަބުން ވިޔަފާރި ކުރިއަރައި، ފުޅާކުރުމުގެ ފުރުސަތުތައް ލިބި، ވިޔަފާރިއަށް ދިގު ދެމިގެންދާ މަންފާ ލިބިގެންދާނެ އެވެ.