ދުނިޔެ

ރަޝިއާ، ޔުކްރޭން ސުލްހަކުރުމަކީ ޗައިނާގެ ޒިންމާއެއް: ޝީ ޖިންޕިން

ޗައިނާގެ ރައީސް ޝީ ޖިންޕިން މިހާރު އުޅުއްވަނީ ޔޫރަޕަށް ކުރައްވާ ދަތުރުފުޅެއްގައި ފަރަންސޭސިވިލާތު ގައެވެ. މި ހަފުތާގެ ބުދަ ދުވަހުގެ ނިޔަލަށް އެ މަނިކުފާނު ފަރަންސޭސިވިލާތުގައި މަޑުކުރައްވާނެ އެވެ.

ޝީ ޖިންޕިންގެ ދަތުރުފުޅާ ދިމާކޮށް ފަރަންސޭސި ނޫހަކަށް އެ މަނިކުފާނު ލިޔުއްވި ކޮލަމެއްގައި ވިދާޅުވި ގޮތުން ސުލްހަމަސަލަސްކަން ޔޫރަޕްގައި ވެސް އޮންނަންވާނެ އެވެ.

ދުނިޔޭގައި އަލަށް އުފެދޭ ހަމަނުޖެހުންތަކަށް ހައްލު ހޯދުމުގައި ހުރިހާ ގައުމެއް އެކަތިގަނޑަކަށް ވުމަކީ ލާޒިމު ކަމެއް ކަމަށްވެސް އެ މަނިކުފާން ވިދާޅުވި އެވެ.

ޝީ ޖިންޕިން ވިދާޅުވީ ގައުމިއްޔަތު ދެމެހެއްޓުމަށާއި މިނިވަންކަމަށްޓަކައި އެންމެންނަށް ރުހެވޭ އެއްބަސްވުންތަކެއް އޮންނަންވާނެ ކަމަށާއި ބައިނަލްއަގްވާމީ ގޮތުން އެއްބާރުލުން ދިނުމަށްޓަކައި މިހާރު ކޮޅަށް ހުރި އޮނިގަނޑުތައް އެ ގޮތުގައި ދަމަހައްޓަން ޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިނިވަން ދައުލަތްތަކަށް އަރައިގަތުމަކީ އދގެ ޗާޓަރުތަކުގައި މަނާކޮށްފައި އޮންނަ ކަމަކަށް ވާތީ މިއީ އެއްވެސް ބަޔަކަށް ބޮލާލައި ޖެހިގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެއްބަޔަކަށް ނުރައްކާ ވެދާނެ ކަމެއްގެ ތެރެއަށް އަނެއް ބަޔަކު ވަދެގަނެ މަސްލަހަތު ނަގާލުމަކީ ތަރައްގީއަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށްވެސް ވިދާޅުވި އެވެ.

ޝީ ޖިންޕިން ވިދާޅުވި ގޮތުގައި ޔުކްރޭން މައްސަލަ ހައްލުކުރަން އިޚްލާސްތެރިކަމާއެކު މަސައްކަތްކުރާ ކޮންމެ ބަޔަކަށް ޗައިނާ އިން އެއްބާރުލުން ދޭނެ އެވެ. ފަރަންސޭސިވިލާތަކީ ދުނިޔެއަށް ކުރިމަތިވާ ބޮޑެތި ކަންކަމުގައި ނަގާކިޔާ ގައުމަކަށް ވާތީ ޔުކްރޭނަށް ސުލްހަ ގެނައުމަށް ފަރަންސޭސިވިލާތާ އެކު ޗައިނާ އޮޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޔުކްރޭނަކީ ޗައިނާއަށްވެސް މުހިއްމު ގައުމެއް ކަމަށް ޝީ ވިދާޅުވި އެވެ. އެ މަނިކުފާން ވިދާޅުވި ގޮތުގައި މަސްލަހަތު ގެއްލެނީ ނުފޫޒުގަދަ ބަޔަކު ހާސިލުކުރަން އެދޭ އަމިއްލަ އެޖެންޑާއެއްގެ ސަބަބުންނެވެ.

ޝީ ޖިންޕިން ޔޫރަޕަށް ކުރައްވާ މި ދަތުރުފުޅުގައި ފަރަންސޭސިވިލާތުގެ އިތުރުން ސާބިއާ އަދި ހަންގޭރިއަށް ވެސް ވަޑައިގަންނަވާނެ އެވެ.

ޝީގެ މި ދަތުރުފުޅުގެ ސަބަބުން ޔޫރަޕިއަން ޔޫނިއަނުން ޗައިނާއާ މެދު ދެކޭ ގޮތް ބަދަލުވެގެން ދާނެ ކަމަށް މަސްރަހު ދިރާސާކުރާ މީހުން ބުނެ އެވެ.