ދިވެހި ފުލުހުންގެ ހިދުމަތަށް ބިދޭސީ ހޯދުމަށް އިއުލާންކުރުމަށްފަހު އެ އިއުލާން ބާތިލްކޮށްފި އެވެ.
ފުލުހުންގެ ތަރުޖަމާން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ބިދޭސީން ހޯދުމަށް ހުޅުވާލުމަށްފަހު އެ އިއުލާން އިއްޔެ ކުއްލި ގޮތަކަށް ބާތިލްކުރީ ދިވެހިންނަށް ވަޒީފާ ދިނުމުގައި އިސްކަންދެވޭ ގޮތަށް ފުލުހުންގެ ހިދުމަތުން އަމަލު ކުރުމަށް ނިންމާފައިވާތީ ކަމަށެވެ.
"ކުރިން ކޮށްފައިވާ އިއުލާނަކީ އާދައިގެ މަތިން ފުލުހުންގެ އިދާރާގެ ބަހާތަކުގައި ބިދޭސީން ލައްވާ ކުރުވަމުން އައި މަސައްކަތްތައް ކުރުމަށް ބިދޭސީން ހޯދުމަށް ކޮށްފައިވާ އިއުލާނެއް،" ބާތިލްކުރި އިއުލާންގެ ތަފްސީލް ހިއްސާކުރައްވަމުން ޝިފާން ވިދާޅުވި އެވެ.
ފުލުހުންގެ ބޭނުމަށް ބިދޭސީން ހޯދަން ކުރި އިއުލާނެއް ބާތިލްކޮށްފައި މިވަނީ ސަލާމަތީ އިދާރާތަކުގެ އެއްވެސް ވަޒީފާއަކަށް ބިދޭސީން ހޯދުމަކީ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށް މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ރޭ ބޭއްވި "އަހާ" ފޯރަމްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައި ވަނިކޮށެވެ.
މިނިސްޓަރު އެރޭ ވިދާޅުވި ގޮތުގައި ސަލާމަތީ އިދާރާތަކުގައި އާންމު ގޮތެއްގައި ބިދޭސީން ގެންގުޅޭ ކެއިންބުއިމުގެ ހިދުމަތް ދިނުމާ ގުޅޭ ވަޒީފާ ތަކުގައެވެ.
ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީންގެ ދަފްތަރު އަލުން އެކުލަވާލުމަށް ހާއްސަ މަސައްކަތްތަކެއް ވެސް ފަށާފަ އެވެ.