މޯލްޑިވްސް ޕޮލިސް ސާވިސް

ހަތަރު ކިލޯގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މާލޭގެ ގެއަކުން ހަތަރު ކިލޯގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މި މީހާ ހައްޔަރުކުރީ މިމަހުގެ ދެވަނަ ދުވަހު އެވެ.

ފުލުހުން ބުނީ މާލޭ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނުގައި ހަތަރު ކިލޯ ހުރި ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ މި މީހާގެ ބަންދަށް 15 ދުވަސް ދީފަ އެވެ.

މި މައްސަލަ ތަހުގީގު ކުރަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުންނެވެ.