އޭދަފުށި

އޭދަފުށީގައި 1،000 ހައުސިން ޔުނިޓް އެޅުމަށް ޗައިނާ ކުންފުންޏަކަށް

ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރުމަށް ޗައިނާގެ ސިނޯހައިޑްރޯ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމުވެސް މިރަސްމިއްޔާތުގައި ބައިވރިވެވަޑައިގެންނެވި އެވެ.

މިމަޝްރޫއާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

އޭދަފުށްޓަކީ މިސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީކުރަން ނިންމާފައިވާ އާބަން ސެންޓަރުތަކުގެ ތެރެއިން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާ ރަށެއްގެ ގޮތުގައި ހަމަޖައްސަވައި އޭދަފުށީގައި 1،000 ހައުސިން ޔުނިޓް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭންގައި އޭދަފުށްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ އެއްފަސް ކުރުމުގެ ޕްރޮގްރާމުގެ ދަށުން އޭދަފުށްޓަކީ އެކަމަށް އިސްކަންދީގެން ތަރައްގީކޮށްފައިވާ ރަށެކެވެ.

އޭދަފުށިން އެންމެ ފަހުން ގޯތި ދޫކުރީވެސް ރައީސް މައުމޫންގެ ވެރިކަމުގައި 1998 ވަނަ އަހަރު އެވެ. އެކަމަކު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިއްކާފައިވާ އޭދަފުށީގެ ބިމުން 183 ގޯތި ދޫކުރަން އަނެއްކާވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ.