ރައީސް އޮފީސް

އެމްއެންޔޫގައި މެޑިސިން ހަދާ ދަރިވަރުންނަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ކިޔެވޭނެ ގޮތް ހަދައިފި

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)ގެ ދަރިވަރުންގެ ޔޫނިއަންގެ އިލްތިމާސަށް އިޖާބަ ދެއްވައި، އެ ޔުނިވަސިޓީގެ ސްކޫލް އޮފް މެޑިސިންގައި ތައުލީމު ހާސިލްކުރާ ދަރިވަރުންގެ ކިޔެވުން މިހާރެކޭވެސް އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމާ ގުޅޭ އިދާރާތަކަށް މިއަދު އަންގަވައިފި އެވެ.

ރައީސް މިގޮތަށް އަންގަވާފައި މިވަނީ އެމްއެންޔޫގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ތައުލީމީ ކަންކަމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ބޭނުންކުރަމުން ދިޔަ ޖާގަ ހުސްކުރަން އެންގުމުން ދަރިވަރުން އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް އިހްތިޖާޖުކޮށް ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

މިމައްސަލައިގައި އެމްއެންޔޫގެ ދަރިވަރުންގެ ޔޫނިއަން އިން ވަނީ މިދިޔަ އޭޕްރީލް 23 ވަނަ ދުވަހު ރައީސް މުއިއްޒަށް ސިޓީއެއް ވެސް ފޮނުއްވާފަ އެވެ. މި ސިޓީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމުގެ މަތީން، މިދިޔަ އޭޕްރީލް 26 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން މިނިސްޓަރު ވަނީ، ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ މަސްއޫލުވެރީންނާއި، ދަރިވަރުންގެ މަންދޫބުންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުވުމެއްވެސް ބާއްވަވާފަ އެވެ.

މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށްފަހު ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާ، ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ދަތިކަމެއް ނާންނާނެ ގޮތުގެ މަތީން ކަންކަން ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒުގެ ފަރާތްޕުޅުން ކުރިން ދެއްވާފައިވެ އެވެ.

ރައީސް އޮފީހުން ބުނީ ކިޔަވާ ކުދީންނާއި ގުޅުންހުރި މިފަދަ ކޮންމެ ކަމެއްގައި އަދި ސިއްހީ ހިދުމަތުގެ ހާލަތު ރަނގަޅުކުރެއްވުމުގައި، ދައުލަތުގެ އާމްދަނީއާ ފުދުންތެރިކަމާ ހާލަތު ތަންދިން މިންވަރަކުން ވީ އެންމެ ހެޔޮ ބަދަލުތަކެއް ގެނަސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިސްކަން ދެއްވާ ކަމަށެވެ.

މިގޮތުން އެމްއެންޔޫގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ތައުލީމު ހާސިލްކުރަން ބޭނުންވާނެ ޒަމާނީ ވަސީލަތްތަކާއެކު، ދިރާސާތައްވެސް ކުރެވޭނެ ހާއްސަ ތައުލީމީ ބިނާއެއް އެޅުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ. އަދި އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލްގައި ބަލިމީހުންނަށް ޖާގައާއި އެނދު އިތުރުކޮށް ސިއްހީ އާ ހިދުމަތްތައް މި ދެ ހޮސްޕިޓަލްގައި ތައާރަފްކުރުމުގެ މަސައްކަތްވެސް ޖާގައާއި ވަސީލަތްތައް ތަންދިން އެންމެ އެކަށޭނަ ގޮތަކަށް ހަލުވިކަމާއެކު ކުރެވެމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.