ދިރާގު

ހޮޓެލް އޭޝިއާ 2024ގެ ޑިޖިޓަލް ޕަރޓްނަރަކަށް ދިރާގު

މި އަހަރުގެ ބާއްވާ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖްގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގު ސޮއިކޮށްފި އެވެ.

ހޮޓެލް އޭޝިއާ އަކީ ރާއްޖޭގައި އިންތިޒާމްކޮށްގެން ބާއްވާ އެންމެ ފާހަގަކޮށްލެވޭ ފުޑް އެންޑް ހޮސްޕިޓާލިޓީ ޓްރޭޑް ޝޯ އެވެ. އެގޮތުން މިއަހަރު ކުރިއަށްދާނީ ހޮޓެލް އޭޝިއާގެ 18 ވަނަ އެޑިޝަނެވެ.

މިއަހަރުގެ އިވެންޓްގެ އެގްޒިބިޝަން ހަރަކާތް އޮންނާނީ މިމަހުގެ 13 އިން 15ގެ ނިޔަލަށް ދަރުބާރުގެ އަދި އުސްފަސްގަނޑު ގައެވެ.

މި އިވެންޓްގެ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ކުރިއަށްދާނީ މިމަހުގެ 12 އިން 15 އަށް ދަރުބާރުގެ އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައެވެ.

މިއަހަރުގެ އެގްޒިބިޝަންގައި ރާއްޖެ އަދި ރާއްޖެއިން ބޭރުން 100 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެ، އެފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލާނެ އެވެ. މީގެ އިތުރުން އައު އުފެއްދުންތައް ލޯންޗުކުރުމާއި ދައްކާލުން އަދި އެކި ވާކްޝޮޕް ހަރަކާތްތައްވެސް އެގްޒިބިޝަންގެ ތެރެއިން ވަކި އިވެންޓްތަކުގެ ގޮތުގައި ކުރިއަށްދާނެ އެވެ.

މިއަަހަރުގެ ކަލިނަރީ މުބާރާތްތަކުގައި ފާހަގަކޮށްލެވޭ ޖަޖިން ޕެނަލަކާ އެކު 25 ކެޓަގަރީއަކުން 600 އަށް ވުރެ ގިނަ ދިވެހި އަދި ބައިނަލްއަގުވާމީ ކަލިނަރީ އިންޑަސްޓްރީގެ ފަންނުވެރިން ބައިވެރިވާނެ އެވެ.

މި އިވެންޓްގެ ސަބަބުން އެފަރާތްތަކުގެ ހުނަރުތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބުމުގެ އިތުރުން ސަރަހައްދީ ކަލިނަރީ ކޮމިއުނިޓީ ތެރޭގައި ނެޓްވާކް ކުރުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބާއްވާ މިފަދަ ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުންދީ އެހީތެރިވުމަށް ކަމަށްވެސް ދިރާގުން ބުނެ އެވެ.