އެމްއެންޑީއެފް

އަލަށް ހުވާކުރި ސިފައިންނަށް ބަޑި ހަވާލުކޮށްފި

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ދަށުން ހިންގާ "ދަ ބޭސިކް ސްކޫލް"ގެ ފަރާތުން ކުރިއަށް ގެންދިޔަ 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުންނަށް ހުވައިލައިދިނުމާއި، ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފި އެވެ. ‏

ގިރިފުށީގައި ‏މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތުގައި ތަމްރީނު ކޯސް ‌‏ފުރިހަމަ ކުރި ދަރިވަރުންނަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އެވެ.

ތަމްރީނު ފުރިހަމަކޮށް ހުވާކުރެއްވި ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވީ ރައީސް މުއިއްޒު އެެވެ.

ސިފައިންގެ 70 ވަނަ އަސާސީ ތަމްރީނު ކޯސް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 28 ވަނަ ދުވަހު އެވެ. މި ކޯހުގައި 135 ދަރިވަރުން ބައިވެރިވެ 98 ދަރިވަރުން ވަނީ ތަމްރީނު ފުރިހަމަކޮށްފަ އެވެ. މީގެތެރޭގައި ހިމެނެނީ ނުވަ އަންހެން ދަރިވަރުންނާއި 89 ފިރިހެން ދަރިވަރުންނެވެ.

މި ރަސްމިއްޔާތަށްފަހު ‏މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ސްޕެޝަލް ފޯސްގެ ފަރާތުން ވަނީ "ސްޕެޝަލް ފޯސް އޮޕަރޭޝަން ޑިސްޕްލޭ"އެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި ދީފަ އެވެ.