ހަބަރު

ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ޓީޗަރުން މިއަހަރުތެރޭ ހަމަވާނެ: މިނިސްޓަރު

މިއަހަރު ނިމޭއިރު ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ހަމަނުވާ ސްކޫލްތަކަށް ޓީޗަރުން ހަމަޖައްސައި ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

އަތޮޅުތަކުގެ ސްކޫލްތަކުގެ ހާލަތު ބައްލަވައިލެއްވުމަށް މިނިސްޓަރު ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން މިދިޔަ ބުދަ ދުވަހު ގދ. އަތޮޅުަށް ކުރެއްވި ދަތުރުފުޅު ނިންމާލުމަށްފަހު މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކޮންމެ ސްކޫލަކަށްވެސް މިދިޔަ އަހަރު ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ ޓީޗަރެއްގެ ވަޒީފާ ހަމަޖައްސާފައިވާނެ ކަމަށާއި އަދި މިހާރު ބައެއް ސްކޫލްތަކަށް ޓީޗަރުން ހަމަޖެހިފައިވާ ކަމަށެވެ.

"ޓީޗަރުން މަދު ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް މިހާރުވެސް ކުރިއަށް އެބަދޭ. އެރަށެއްގައި ތިބި ހާއްސައެހީއަށް ބޭނުންވާ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެއްވިއްޖެއްޔާ އެރަށަށް ވަރަށް ބޮޑު ލުއިކަމެއް ލިބޭނެ" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރު 38 ސްކޫލަކަށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ ޓީޗަރުން ވަނީ ހަމަޖައްސާފަ އެވެ.

އަންނަ ހަފްތާގައި ރާއްޖޭގެ ސްކޫލްތަކުން 2،000 ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފެށިގެން ދާނެ ކަމަށާއި އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ފަސް އަހަރަށް ބަހާލައިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި ޕްރޮގްރާމަށް ޓީޗަރުން ހޮވަނީ ކޮންމެ ރަށެއްގެ ސްކޫލްގައި މިހާރު ތިބި ޓީޗަރުންނަށް ބަލާފައި ސްކޫލުން ވަކިވަކި މާއްދާއިން އިތުރަށް ކުރިއަރުވަން ބޭނުންވާނަމަ އެމާއްދާއަކަށް ކަމަށެވެ.

މިޓީޗަރުން ތަމްރީނު ކުރުމުގެ ޕްރިގްރާމްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ގައުމީ ޔުނިވާސިޓީ އާއި ގުޅިގެންނެވެ.