ޑރ. އައިޝަތު ޝިހާމް

ޓީއާރްޓީ ޗިލްޑްރަން ފެސްޓިވަލަށް ތުރުކީއަށް ދާ ކުދިންނާ މިނިސްޓަރު ބައްދަލުކުރައްވައިފި

ތިރީސް އަށް ވަނަ ބައިނަލް އަގުވާމީ ޓީއާރްޓީ ޗިލްޑްރަން ފެސްޓިވަލަށް މިއަހަރު ރާއްޖެއިން ތުރުކީ އަށް ދާ ކުދިންނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ބައްދަލުކުރައްވައިފި އެވެ.

ޓީއާރްޓީ ފެއާ އަކީ 1979 ވަނަ އަހަރުން ފެށިގެން ތުރުކީގެ ރޭޑިއޯ ޓެލެވިޒަން ކޯޕަރޭޝަނުން ކުޑަކުދިންނަށް ބާއްވަމުން އަންނަ ފެއާއެކެވެ. މިއަހަރު އެ ގައުމުގައި ފާހަގަކުރަނީ ޓީއާރްޓީ 38 ވަނަ ފެސްޓިވަލެވެ. ނަމަވެސް މިއީ ރާއްޖެއިން އެ ފެސްޓިވަލްގައި ބައިވެރިވާ ހަތަރުވަނަ ފަހަރެވެ. މިއަހަރުގެ ފެސްޓިވަލްގައި ރާއްޖޭގެ ހަތަރު ސްކޫލަކުން 13 ދަރިވަރުން ބައިވެރިވެ އެވެ. އެއީ ޖަމާލުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލާއި ރެހެންދި ސްކޫލާއި ކ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ދަރިވަރުންނެވެ.

ސަތޭކަ ތިރީހަށްވުރެ ގިނަ ގައުމުތަކުން ބައިވެރިވާ އެ ފެސްޓިވަލްގައި ބައިވެރިވުމަށް ދަރިވަރުން މިއަދު ތުރުކީއަށް ފުރާނެ އެވެ. ކުދިންނާ އެކު ދެ އޮފިޝަލުން ބައިވެރިވާނެ އެވެ. ފެސްޓިވަލް ކުރިއަށްދާނީ މާދަމާއިން ފެށިގެން މިމަހުގެ 30 ގެ ނިޔަލަށެވެ.

ފެސްޓިވަލްގެ ބައިވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު އައިޝަތު ޝިހާމް ވަނީ، މީގެ ކުރިން ރާއްޖޭގެ ފަރާތުން އެ ފެސްޓިވަލުގައި ބައިވެރިވެ ރާއްޖެ ތަމްސީލުކުރި ކުދިން ފަދައިން ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް މަސައްކަތްކޮށް ރީތި އަހުލާގު ހިފެހެއްޓުމަށް ނަސޭހަތްތެރިވެފައެވެ. އަދި އެފަދަ ދަތުރުތަކަކީ ކުދިންގެ ކުރިއެރުމަށް ވަރަށް މުހިންމު ތަޖުރިބާތަކެއް ލިބިގެން ދާނެ ދަތުރުތަކެއް ކަމަށާއި، އެފަދަ ދަތުރުތަކުން ދަސްވާ ކަންތައްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް މިނިސްޓަރު ވަނީ ނަސަތޭހަތްތެރިވެފައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ އެ ފެސްޓިވަލްގައި ކޮންމެ ގައުމަކުންވެސް ދެ ހަރަކާތެއް ހުށަހަޅާނެ އެވެ. އަދި ކޮންމެ ގައުމަކުންވެސް އެއް ދަރިވަރާއި އޮފިޝަލަށް ތުރުކީގެ ރައީސް އާއި ޕްރައިމް މިނިސްޓަރާއި ގާނޫނުހަދާ މަޖިލީހުގެ ރައީސްގެ އިތުރުން އަންތާލިޔާ ސިޓީގެ މޭޔަރާއި ބައްދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.