ބޮލީވުޑް

ހައުސްފުލް 3: ތިން ގުނަ އިތުރަށް މަޖާވާނެ!

އާކްޝޭ ކުމާރުގެ ކޮމެޑީ ފިލްމްތަކަކީ އެ ފިލްމްތަކަކަށް އަބަދުވެސް ބެލުންތެރިން އިންތިޒާރުކުރާ ފިލްމްތަކެކެވެ. އޭގެ ތެރެއިން ވެސް، "ހައުސްފުލް"ގެ ފިލްމްތައް ވެގެން ގޮސްފައިވަނީ ހާއްސަ ފިލްމްތަކަކަށެވެ. އާކްޝާގެ އެންމެ ކާމިޔާބުވި އެއް ކޮމެޑީ ފިލްމަށް "ހައުސްފުލް" ވާނެ އެވެ. އެ ފިލްމަށް ލިބުނު ކާމިޔާބީއަށް ބަލާފައި "ހައުސްފުލް 2" އެއް ވެސް ނެރުނެވެ. ފުރަތަަމ ފިލްމަށްވުރެ ކާމިޔާބެވެ.

ދެން މިއޮތީ "ހައުސްފުލް 3" އެވެ. މި ފިލްމްގެ ފަސްޓްލުކް މިވަނީ އާންމުކޮށްފަ އެވެ. ކުރީ ދެ ފިލުމުން ވެސް ފެނުނު އާކްޝޭ މި ފިލްމުން ވެސް ފެންނާނެ އެވެ. ހަމަ އެގޮތަށް ރިޓޭޝް ދޭސްމުކް ވެސް "ހައުސްފުލް 3"އިން ފެންނާނެ އެވެ. "ހައުސްފުލް 2"ގައި ކޮމެޑީ ދައްކާލާ ގިނަ ބައެއްގެ މަގުބޫލުކަން ޖޯން އަބްރަހަމް މި ފިލްމުން ނުފެންނާނެ އެވެ. ނަމަވެސް ޖޯންއަށް ދޫނުކުރާ ވަރުގެ ތަރިއެއް ފިލްމުން ފެންނާނެ އެވެ. އެއީ އަބީޝެކް ބަޗަން އެވެ.

"ހައުސްފުލް"ގައި ލަވައަކުން ފެނިގެން ދިޔަ އަދި "ހައުސްފުލް 2"ގެ އަންހެން މެއިން ލީޑުން ފެނިގެން ދިޔަ ޖެކްލިން ފަރޭންޑެސް "ހައުސްފުލް 3"ގެ މެއިން ލީޑުން ފެންނާނެ އެވެ. ޖެކްލިންގެ އިތުރުން ދެން ފެނިގެންދާނީ ނަރުގިސް ފަކްރީ އަދި ލީސާ އެވެ.

ކުރީގެ ދެ ފިލްމާ ހިލާފަށް މި ފިލްމް ޑައިރެކްޓްކޮށްފައިވަނީ، ސާޖިދު ސަމްޖީ އަދި ފަރުހާދު ސަމްޖީ އެވެ. ކުރީގެ ދެ ފިލްމް ޑައިރެކްޓްކުރި ސާޖިދު ހާން މި ފިލުމުގެ މަސައްކަތުން ބޭރުކޮށްފައިވަނީ ފިލްމްގެ ޕްރޮޑިއުސަރު ސާޖިދު ނަޑެއަލުވާލާއާ ޖެހުނު މައްސަލައެއްގަ އެވެ. އަދި ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި، ސާޖިދާއި ޖެކްލިންގެ ލޯބީގެ ގުޅުން ނިމިގެން ދިޔުމަކީ ވެސް ސާޖިދަށް މި ފިލްމް ޑައިރެކްޓްކުރުމަށް ނުލިބުނު ސަބަބެކެވެ.

ފިލްމާ ގުޅޭ ގޮތުން ސާޖިދު ނަޑެއަލުވާލާ ބުނެފައިވަނީ، ފިލްމަކީ ބެލުންތެރިން ބަލައިގަންނާނެ ފިލްމަކަށްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި ކުރީ ދެ ފިލްމަށްވުރެ ތިން ގުނަ އިތުރަށް މަޖާވާނެ ކަމަށެވެ.

މި ފިލްމްގެ ފަސްޓްލުކް މިހާރު އާންމުކޮށްފައިވާއިރު، ފިލްމް ރިލީޒްކުރަން ނިންމާފައިވަނީ ޖޫން ތިންވަނަ ދުވަހު އެވެ.