މޯލްޑިވިއަން އައިޑޮލް 2

މޯލްޑިވިއަން އައިޑޮލްގެ އަގަކީ 17 މިލިއަން ރުފިޔާ، ދެ ވަނަ ސީޒަނަށް ތައްޔާރުވޭ!

މޯލްޑިވިއަން އައިޑޮލް އަކީ 17 މިލިއަން ރުފިޔާގެ އަގުބޮޑު ޕްރޮޖެކްޓެއް ކަމަށާއި އަންނަ އަހަރު ޕީއެސްއެމް އެނބުރި އަންނާނީ މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭކާ އެކުގައި ކަމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިލް ހަލީލް މިރޭ ވިދާޅުވެއްޖެ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ގްރޭންޑް ފިނާލޭގެ ސްޓޭޖުގައި ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ އައިޑޮލް އަކީ ކިތަންމެ އަގުބޮޑު ޝޯއެއް ކަމަށްވިޔަސް ޕީއެސްއެމްގެ ބަޖެޓުން އެއަށް އެއްވެސް ޚަރަދެއްކޮށްފައި ނުވާ ކަމަށެވެ. އަދި މިއީ ސީދާ ވިޔަފާރީގެ އުސޫލުން ކުރިއަށް ގެންގޮސްފައިވާ ވިޔަފާރިއެއް ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ 17 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް. އެކަމަކު ޕީއެސްއެމްގެ ބަޖެޓުން އެއްވެސް ހޭދައެއް ނުކުރޭ،" ސްޕޮންސަރުނަށް އިޝާރާތްކުރައްވަމުން ހަލީލް ވިދާޅުވި އެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ މިފަހަރުގެ އައިޑޮލް ޝޯގެ ގަދަ 10 ލަވަކިޔުންތެރިންނަށް ބައިނަލްއަގުވާމީ ސްޓޭޖުގެ ފުރުސަތު ހޯދައިދޭނެ ކަމަށާއި މި ޕްލެޓްފޯމް މެދުވެރިކޮށް 30 ލަވަކިޔުންތެރިން ރާއްޖެ އިން "އެކްސްޕޯޓް" ކުރާނެ ކަމަށެވެ.

މީގެއިތުރުން ޓީވީއެމްގެ ސްޓޫޑިއޯގެ ދަތިކަމުގެ ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ މިފަދަ ބޮޑެތި ޝޯތަކަށް ހާއްސަކޮށްގެން ޕީއެސްއެމް ބޮޑު ސްޓޭޖެއް ގާއިމުކުރާނެ ކަމަށެވެ.

މޯލްޑިވިއަން އައިޑޮލްގެ ދެ ވަނަ ސީޒަންނަށް މިހާރު ވެސް މެއިން ސްޕޮންސަރުން ލިބިފައިވާއިރު ހަތް މިލިއަން ރުފިޔާ މިހާރު ވެސް ޝޯގެ އުފެއްދުމަށް ކަށަވަރުވެފައިވާކަން ވެސް ހަލީލް ހާމަކުރެއްވި އެވެ.