އޮފްބީޓް

ފިހި، މޫނާއި މޭގެ ހަންގަނޑު ގުޅުނު ޒުބޭދާ ރީތިކޮށްލި އޮޕަރޭޝަން!

ފޮޓޯތައް ބަލައިލާށެވެ، އެއީ 2001 އަހަރު އަފްގާނިސްތާނުގެ ކުޑަ އަވަށެއްގައި ދިރިއުޅެމުންދިޔަ އަންހެން ކުއްޖެކެވެ. އުމުރުން އެންމެ ނުވަ އަހަރުގެ ޒުބޭދާ ވެސް އުޅެމުން އައީ އެ އުމުރުގެ އެހެން ކުދިން އުޅެމުން އައި ފަދަ އުފާވެރި ދިރއުޅުމެކެވެ. ގުދުރަތުން ވެސް ރީތިކަމެއް ލިބިފައިވާ ޒުބޭދާ އަކީ ކިޔެވުމަށްވެސް މޮޅު ކުއްޖެކެވެ. ނަމަވެސް ކަންވާނޭ ގޮތެއް އެނގެނީ ކާކަށް ހެއްޔެވެ؟

އާދައިގެ ދެމަފިރިއަކަށް ލިބިފައިވާ ޒުބޭދާ، އޭނާގެ އަވަށުގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއެއްގައި ފިހި ލިބުނު ގެއްލުމުގެ ސަބަބުން ދުވަހަކުވެސް އޭނާ ރަނގަޅުވާނެ ކަމަށް އޭނާގެ މައިންބަފައިންނަށް ގަބޫލެއް ނުކުރެވުނެވެ. އެ ހާދިސާގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ޒުބޭދާގެ މޫނު ވަނީ އޭނާގެ މޭގެ ހަންގަނޑާއި ގުޅިފަ އެވެ. މޫނުގެ ތިރީބަޔާއި ކަރުވަނީ އެއްކޮށް މެޔާއި ގުޅިފަ އެވެ.

ދެ

ޒުބާދޭގެ މައިންބަފައިން އެމީހުންގެ ފެންވަރުން އެންމެ ރަނގަޅު ފަރުވާ ދިނެވެ. ރަށުގެ ހުރިހާ ހޮސްޕިޓަލަކުން ފަރުވާ ދިނެވެ. ނަމަވެސް ލިބުނީ އެއް ނަތީޖާ އެކެވެ. އެންމެ ފަހުން 2002 ވަނަ އަހަރު ޒުބޭދާގެ މައިންބަފައިން އެމެރިކާގެ ހޮސްޕިޓަލަކަށް ގެންދިޔަ އެވެ. އެ ކުޑަކުޑަ ހަށިގަނޑުގައި އަޅަމުންދިޔަ ވޭނަށް ލުޔެއް ގެނެސްދެވޭތޯ އެވެ. ކަނިވެފައިވާ އުންމީދުގެ ހުޅުކޮޅު ދިއްލުނީ އެހިސާބުންނެވެ.

ޒުބޭދާގެ މޫނުމަތީގެ ހަންގަނޑަށް ވާންވެފައި ހުންނާތީ އޭނާ އަކަށް ރަނގަޅަށް އަނގައެއް އަދި ލޮލެއް ނުލެއްޕެ އެވެ. އެހެން ކަމުން ނިދުމަކީ ޒުބޭދާ އަށް ފަސޭހަކަމެއް ނޫނެވެ. ކާއެއްޗެއް އަރުތެރެއަށް ލުމަކީ އެއްގޮތަކަށް ވެސް ކުރެވޭ ކަމެއް ނޫނެވެ.

ޒުބޭދާގެ ނަސީބު އަތުގައި ހިފީ ލޮސް އެންޖަލިސްގެ ޕްލާސްޓިކް ސާޖަންއެއް ޒުބޭދާގެ ފަރުވާއަށް އަތުކުރި އޮޅާލިފަހުންނެވެ. ޕީޓާ ގްރޮސްމަން އަކީ ފިހިފައި ހުންނަ ބަލި މީހުންނަށް ހާއްސަ ޑޮކްޓަރެކެވެ. ގްރޮސްމަން އަށް ޒުބޭދާގެ ހާލަތު އެނގުނުއިރު ޒުބޭދާގެ ހާލުވަނީ ވަރަށް ސީރިއަސް ވެފަ އެވެ. ޑރ. ގްރޮސްމަން ޒުބޭދާ ބެލި ދުވަހު ދިނީ މާ އުފާވެރި ހަބަރެއް ނޫނެވެ. ޒުބޭދާގެ ހާލު ވަރަށް ގޯސްވެފައިވާ ކަމުގެ ހަބަރެވެ. ނަމަވެސް ފަރުވާ ފެށުމާއެކު އުންމީދު އާވެގެން ދިޔަ އެވެ. އެތައް އޮޕަރޭޝަނެއް ކޮށްގެން ޒުބޭދާ ރަނގަޅު ކުރެވިދާނެ ހަބަރެވެ. ނަމަވެސް އެންމެ މަދުވެގެން ތިން އަހަރު ހޭދަވާނެ ކަމަށެވެ.

މި އޮޕަރޭޝަނަށް ޒުބޭދާގެ ބުރަކަށިން އަދި ހަށިގަނޑުގެ އެކި ހިސާބުތަކުން ހަން ނަގަން ޖެހުނެވެ. ނަމަވެސް އޮޕަރޭޝަންތައް ކުރަން ފެށުމާއެކު ޒުބޭދާގެ ހަށިގަނޑުގައި ހަލާކުވެފައިހުރި ބައެއް ޓިޝޫތައް އަލުން އުފެދެން ފެށި އެވެ. މޫނުމަތީގެ ސޫރަ އެނބުރި އަންނަށް ފެށި އެވެ. ނަމަވެސް އެވަގުތަކީ ޒުބޭދާގެ މައިންބަފައިން ޒުބޭދާ އާ ވަކިވާން ޖެހުނު ވަގުތެވެ.


ޑރ. ގްރޮސްމަންގެ ދެމަފިރިންނާ ޒުބޭދާ ހަވާލުކުރުމަށްފަހު އެނބުރި އަފްގާނިސްތާނަށްދަން ޖެހުނީ އެހާ ތަނަވަސްކަން ނެތުމުންނެވެ. ޑރ. އަށް ކުރާ އިތުބާރު ބޮޑުވުމުންނާއެކުވެސް މެއެވެ. ދަރިއަކު ލިބިމުގެ ނަސީބު ލިބިފައި ނެތް އެ ދެމަފިރިން ޒުބޭދާ ގެންގުޅުނީ ދަރިއެއް ފަދައިންނެވެ. ޒުބޭދާ ރަނގަޅުވަމުން އައި ވަރަކަށް އޭނާ އަށް ކިޔަވައިދޭން ވެސް މަސައްކަތް ކުރަމުން ދިޔަ އެވެ. އެގޮތުން 12 ހަފްތާ ތެރޭގައި ޒުބޭދާ އިނގިރޭސި ދަސްކުރި އެވެ. ނަށަން ވެސް ޒުބޭދާވަނީ ދަސްކޮށްފަ އެވެ. ސްކޫލަށް ފޮނުވައިގެން ޑރ. ގްރޮސްމަން ޒުބޭދާއަށް ކިޔަވައިދިނެވެ. ތިން އަހަރު ދުވަހުގެ ފަރުވާ އެއް އަހަރުން ޒުބޭދާ އަށް ކުރެވި އޭނާއަށް އަވަސް ޝިފާއެއް ލިބުނެވެ.

އެންމެފަހު އޮޕަރޭޝަން ކުރީ ޒުބޭދާގެ 11 ވަނަ އުފަން ދުވަހު އެވެ. އެއީ ޒުބޭދާގެ 12 ވަނަ އޮޕަރޭޝަނެވެ. އެއޮޕަރޭޝަނަށްފަހު ޒުބޭދާ އެއްކޮށް ރަނގަޅުވި އެވެ. ފުރިހަމަ ކުޅެދޭ މީހަކަށް ބަދަލުވި އެވެ. ފިހުނު ލަކުނުތައް އެ ހަށިގަނޑުގައި ވިޔަސް ކުރީގެ ރީތި ސިފަ އަނބުރާ ޒުބޭދާއަށްވަނީ ލިބިފަ އެވެ. މިއަދު ޒުބެދާވަނީ އެނބުރި އޭނާގެ މައިންބަފައިން ކަިރިއަށް ބަދަލުވެފަ އެވެ.