ރާއްޖެ ކުޅިވަރު

މިއީ އަހުލާގީ ފެންވަރު އެންމެ ދަށް ފުޓްބޯޅަ ކުޅުންތެރިޔާތަ؟

ފުޓްބޯޅަ ކުޅުންތެރިޔާ ރިލްވާން ވަހީދުގެ ވާހަކައެއް އެންމެފަހުން އަޑުއެހީ ކޮން ގޮތަކަށް ހެއްޔެވެ؟ އޭނާ މިހާރު ކުޅެމުން އަންނަ ކްލަބް، ނިއު ރޭޑިއަންޓުން، އަހުލާގީ މައްސަލައެއްގައި އޭނާ ސަސްޕެންޑްކުރި ވާހަކައިން ކަމަށް ވެދާނެ އެވެ.

މިއީ ނިއު ރޭޑިއަންޓުން އޭނާ އަށް މިފަދަ އަދަބެއް ދިން ފުރަތަމަ ފަހަރެއް ނޫނެވެ. އަދި ރިލޭއެއްގެ ގޮތުގައި ދިވެހި ފުޓްބޯޅައިގެ ދަނޑަށް މަޝްހޫރުވެފައިވާ، 25 އަހަރުގެ މި ކުޅުންތެރިޔާގެ އަހުލާގީ މައްސަލައެއް ފުޓްބޯޅައިގެ ފަލަ ސުރުހީއަކަށް އެރި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. -- ކުޅުންތެރިއެއްގެ ގޮތުގައި ފުޓްބޯޅަ ދަނޑަށް ރިލޭ ފުރާފުރިހަމަ ވަނީ އަހުލާގުން ސުމެއް ހޯދައިގެންނެވެ. ހަގީގަތަކީ މިއީ އެވެ.

އެހެންވީމަ ރިލޭގެ އިތުރު ވާހަކައެއް ދެއްކުމުގެ ކުރިން، އޭނާގެ ވާހަކަ ފަލަ ސުރުހީތަކަށް އަރާފައިވާ ގޮތްތަކަށް އެންމެ ފުރަތަމަ ބަލައިލަމާ ހިނގާށެވެ.

  • ނިއު އިން ރިލޭ ސަސްޕެންޑްކޮށްފި
  • ގަދަކަމުން ބަދުއަހުލާގީ އަމަލެއް ހިންގި ކަމުގެ ތުހުމަތު ރިލޭގެ މައްޗަށް ދައުވާކޮށްފި
  • ދެ މެޗަށް ސަސްޕެންޑްކޮށް 4،000ރ. އިން ޖޫރިމަނާކޮށްފި
  • ނިއު އިން ރިލޭގެ ކޮންޓްރެކްޓް އުވާލައިފި
  • އަންހެން ކުއްޖެއްގެ މައްސަލައެއްގައި ރިލޭ ހައްޔަރުކޮށްފި

ރިލޭގެ ޚަބަރުތައް ހާވައި ބަލައިލީމަ ފެންނަނީ މިކަހަލަ ސުރުހީތަކެކެވެ. މިފަދަ ސުރުހީއެއްގެ ދަށުން ލިޔުމަކަށް ފުރުސަތު ދެވުނީ ވެސް ހަގީގަތުގައި މިހެންވެ އެވެ. އެއްގޮތަކަށް ވެސް ހުނަރެއް ނެތް ނުވަތަ ތާކުންތާކުނުޖެހޭ ކުޅުންތެރިޔަކު މުޅި ގައުމުގައި ކުށްވެރިޔަކަށް ބަދަލުވަމުންދާތީކީއެއް ނޫނެވެ.

ރިލްވާން ވަހީދަކީ މިއަދުގެ ފުޓްބޯޅަ ޖީލަށް ބަލާއިރު ޖަވާހިރެއް ފަދަ ކުޅުންތެރިއެކެވެ. މިއަދުގެ ފުޓްބޯޅަ ޖީލުން ނެގެން ތިބި އެންމެ ހުނަރުވެރި ކުޅުންތެރިންގެ ތެރޭގައި ރިލޭ ހިމެނޭނެ ކަމަށް ދިވެހި ފުޓްބޯޅައިގެ ހުރިހާ ތަޖުރިބާކާރުން ވެސް ގަބޫލުކުރެ އެވެ. ނަމަވެސް އެންމެން ވެސް ބުނަނީ މިއަދު އޭނާ ދައްކަމުން އަންނަ އަހުލާގާ އެކު އެއްވެސް ޓީމަކުން އޭނާ އަށް ފުރުސަތު ދޭން ބޭނުންވާ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

"ރިލޭ އަށް ޓޮޕް ލެވެލްގައި ނުހިފެހެއްޓިގެން އުޅޭ މައްސަލައަކީ އޭނާގެ ޑިސިޕްލިން. ގައުމީ ޓީމުން ވެސް ނުފެނިގެން އުޅޭ ސަބަބަކީ އޭނާގެ ޑިސިޕްލިން. އޭނަ ދާ ކޮންމެ ޓީމެއްގެ ކޯޗުންނާއި އޮފިޝަލުންނާ އޭނާއާ ދެމެދު މައްސަލަ އެބަޖެހޭ،" ރާއްޖޭގެ ވަރަށް މަޝްހޫރު ކުޅުންތެރިއެއް އަދި ކޯޗަކު ނަން ނުޖެހުމަށް އެދި ރިލޭއާ ބެހޭ ގޮތުން ވާހަކަ ދެއްކި އެވެ.

"ރިލޭ އަބަދުވެސް ބަލާނީ އޭނާގެ އަމިއްލަ ޕްލޭނަކަށް ކުޅެވޭތޯ. ގޭމް ޕްލޭނަކަށް ފޮލޯކުރާ ކުޅުންތެރިއެއް ނޫން އޭނާ އަކީ. އެކަމަކު ޓީމެއްގައި އޮންނާނެތާ ޕްލޭނެއް. އެގޮތަކަށް ރިލޭ މަސައްކަތެއް ނުކުރޭ. ކުރުކޮށް ބުނަނީ ނަމަ ވަރަށް އުނދަގޫ ކުޅުންތެރިއެކޭ ބުނެވޭނީ ރިލޭ އަކީ."

"އަހަރެން ހަމަ ގައިމު ވެސް ޓީމެއް ނަގަންޏާމު، އަހަރެން ނުނަގާނަން ރިލޭއެއް. އެއީ ޓީމެއްގެ ތެރޭގައި ގެންގުޅެން އުނދަގޫ މީހަކީ ރިލޭއަކީ."

ފުޓްބޯޅަ ދަނޑުން ރިލްވާން ދަންނަ އެންމެން ވެސް ބުނަނީ މިހެންނެވެ. އޭނާގެ ކިބައިގައި ކިތަންމެ ހުނަރެއް ހުއްޓަސް ޓީމަކަށް އޭނާ ނަގައިގެން މަސައްކަތް ކުރެވެން ނެތް ކަމަށެވެ.

މާލެ އަށް ނިސްބަތްވާ މި ކުޅުންތެރިޔާގެ ފުޓްބޯޅަ ހަޔާތުގެ ފެށުމަކީ ކްލަބް ވެލެންސިއާ އެވެ. އުމުރުން 15 އަހަރުގައި އެ ކްލަބާ އެކު އެގްރީމަންޓެއް ހަދައި ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ އަށް ނުކުތީ 16 އަހަރުގަ އެވެ. އެއީ 2007 ވަނަ އަހަރެވެ. ރިލޭ އަކީ ވިންގުގައި ނިކަން ވަރުގަދަ އަށް ކުޅޭ ކުޅުންތެރިއެކެވެ.

އޭނާގެ ފުޓްބޯޅަ ހަޔާތުގެ އެހެން ދިމާއަކަށް ބަލާއިރު އެންމެ ގިނަ ހަނދާންތަކެއް ވަޅުލެވިފައި ވަނީ މިހާރު ވެސް ކުޅެމުން އަންނަ ނިއު ރޭޑިއަންޓާ އެކުގަ އެވެ. މި ހަފުތާގައި ރިލޭ އަށް ނިއު އިން ދިން އަދަބަކީ ފުޓްބޯޅަ ދަނޑުގައި ނިއު އިން އޭނާގެ މައްޗަށް ކުރި އެފަދަ ފުރަތަމަ ހުކުމެއް ނޫނެވެ.

މީގެ ކުރިން ވެސް ނިއު ރޭޑިއަންޑާއި ރިލްވާން ވަހީދުގެ މާ ބޮޑު މައްސަލަގަނޑެއް ފަލަ ސުރުހީ އަށް އެރި އެވެ. އެފަހަރު އެންމެފަހުން މައްސަލަ ނިމުނުއިރު ނިއު އިން އޮތީ ރިލޭގެ ކޮންޓްރެކްޓް ވެސް އުވާލައި އޭނާ ނަގައި ޓީމުން ވެސް އެއްލައިލައިފަ އެވެ.

އެންމެ ފުރަތަމަ ޖެހުނު މައްސަލަ އަކީ، ކްލަބްގެ ހުއްދަ ހޯދުމެއް ނެތި، މެލޭޝިއާ އަށް ފުރައިގެން ގޮސް ފުޓްސަލް މުބާރާތެއްގައި ކުޅުމެވެ. އެއަށް ފަހު ނިއުގެ ޖޯޒީ ބާލާން އޭނާ އަށް މަޖުބޫރުވީ އެ ޓީމުގެ އެންމެ ސީނިއާ އަދި އެންމެ އިހްތިރާމް ލިބިފައިވާ ކުޅުންތެރިޔާ، ގޯލުކީޕަރު އިމްރާން މުހައްމަދާ ދިމާއަށް ޕްރެކްޓިހުގައި ހެއްދެވިނެހެއްދެވި އަށް ގޮވައިގެންނެވެ.

ގައުމަށް އިމްރާން މުހައްމަދު ބަތަލަކަށްވިޔަސް އަދި ކިތަންމެ ސީނިއާ ކުޅުންތެރިޔަކަށްވިޔަސް ރިލްވާނަށް އެ ދުވަހު ވެސް ފެނުނީ އޭނާގެ އަމިއްލަ ނަފުސާއި އެ ބޮޑާކަމެވެ.

ނިއުގެ ޖޯޒީ ބޭލުމަށް ފަހު އޭނާ ދެން ގުޅުނީ މާޒިޔާއާ އެވެ. އެ ކްލަބުގައި ވެސް އަހުލާގީ މައްސަލަތަކުން ރިލޭ އަށް ހަގީގަތުގައި އަރައިގަނެވިފައެއް ނެތެވެ. ފަހަރުގައި ކުޅުންތެރިއެއްގެ ގޮތުގައި ޓީމަށް ދޭން ޖެހޭ ކޮމިޓްމަންޓް ދެން ވެސް އޭނާ އަށް ނުދެވުނީ އެވެ.

"ޓީމަކަށްވިޔަސް އަދި އެއީ އޮފީހަކަށްވިޔަސް ނުވަތަ ކޮންމެ ތަނަކަށްވިޔަސް އެތަނުގެ ވެރިން ނުވަތަ އިސްކޮށް ތިބޭ މީހުންނަށް ކުރަންޖެހޭ ރެސްޕެކްޓެއް އޮންނާނެތާ. އެމީހުންގެ ކުރިމަތީގައި ވާހަކަ ދައްކަން ޖެހޭ ގޮތަކާއި އުސޫލެއް ވެސް އޮންނަން ޖެހޭނެތާ. އެކަމަކު އެފަދަ ސިފަތަކެއް ދައްކަން ޖެހޭ ކުޅުންތެރިޔަކަށް ރިލްވާންވާއިރު އޭނާ ފެންނަނީ އެހުރިހާ ސިފަތަކެއް ވެސް ނެއްޓިގެންދާ ކުޅުންތެރިއެއްގެ ގޮތުގައި،" ނަން ނުޖެހުމަށް އެދި ހިޔާލުފާޅުކުރި އެހެން ކޯޗަކު ބުންޏެވެ.

"އަޅުގަނޑަށް ހީވަނީ ފުޓްބޯޅައިގައި ވެސް އަދި އެހެން ކުޅިވަރެއްގައި ނަމަވެސް ދިގު މުއްދަތަކަށް އެކަން އެއް ފެންވަރެއްގައި ކުރެވޭނީ ޑިސިޕްލިންއެއް ހުރެގެންހެން. ދަނޑުމަތީގައި އެކަންޏެއް ވެސް ނޫން. ދަނޑުން ބޭރުގައި ވެސް."

އެހެންވީމަ ވަކިން ހާއްސަކޮށް ޑިސިޕްލިންގެ މައްސަލަ ދެކެވޭއިރަށް ރިލްވާން ވަހީދުގެ ނަން ސުރުހީ އަށް މި އަރަނީ ކޮން ސަބަބާ ހެދި ހެއްޔެވެ؟ ވާހަކަ ދެކެވި ހިޔާލު ބަދަލުކުރި އެންމެން ވެސް ދެއްކި ވާހަކަތަކަށް ބަލާއިރު ރިލްވާންގެ އެންމެ ބޮޑު މައްސަލައަކީ ޓީމެއްގައި އުޅެން ނޭގުމެވެ.

ބުނެވޭ ގޮތުގައި މިފަހުން ނިއު ރޭޑިއަންޓުން ވެސް އޭނާ ސަސްޕެންޑްކޮށްފައި ވަނީ ޓީމު ހަލާކުކޮށްލަފާނެ ކަމުގެ ބިރަށެވެ. ވަރަށް ފަހުން އޭނާ އުއްމީދުކޮށްގެން ހުރީ ނިއު ރޭޑިއަންޓްގެ ކެޕްޓަން ބޭންޑް ވެސް ލިބޭނެ ކަމަށެވެ.

"ނިއު ރޭޑިއަންޑްގައި މި އަހަރު ކެޕްޓަންކަން ވެސް ވަރަށް ބޭނުންވެގެން އޭނާ އުޅުނު ކަމަށް ވަނީ. އެ ޓީމުގެ ކެޕްޓަން ބޭންޑް ވެސް ރަސްމީކޮށް ރިލޭ އަށް ނުލިބުނީ ޑިސިޕްލިންގެ މައްސަލަތައް ބޮޑުކަމުން ކަމަށް އަޑުއިވިފައި ވަނީ. އެއީ ހަގީގަތަކީ ވެސް. އެކަމަކު ރިލޭ ވާނެ ނިއު ރޭޑިއަންޓުގައި ހުރި އެންމެ ހުނަރުވެރި އެންމެ ތަޖުރިބާ އެކަކަށް ވެސް،" ކޯޗަކު ބުންޏެވެ.

"ޒުވާން ކުޅުންތެރިޔަކަށްވިޔަސް ރިލޭ އަށް ލިބިފައިވާ ތަޖުރިބާ ވަރަށް ބޮޑު. އަންޑަ 23ގައި ގައުމީ ފެންވަރުގައި ކެޕްޓަންކަން ވެސް ކޮށްފައި އެބަހުރި. ގައުމީ ސީނިއާ ޓީމަށް ކުޅެފައި އެބަހުރި. އޭއެފްސީ ކަޕްގައި ނިކަން ރަނގަޅަށް ކުޅެފައި އެބަހުރި. އަނެއްކޮޅުން ހުރިހާ މަގާމަކަށް ވެސް ކުޅެލުމުގެ ގާބިލުކަން ވެސް އެބަހުރި އޭނާގެ ކިބައިގައި"

"އެކަމަކު ޑިސިޕްލިން ބަހައްޓަން ޖެހޭ ގޮތަށް ޑިސިޕްލިން ނުބެހެއްޓިގެން އޭނާ އަށް ކޮންމެ ފަހަރަކު ވެސް މިގޮތަށް ދިމާވަނީ. ދެން ވެސް ވާނީ ހަމަ އެހެން."

ރިލްވާންގެ އަހުލާގުގެ މައްސަލަ ދަނޑުންބޭރުގައި އަދި އޮތީ ވަކިން ބޮޑުކޮށެވެ. އެ ވާހަކަ އަށް ދިއުމުގެ ބޭނުމެއް ވެސް ހަގީގަތުގައި ނެތެވެ. އަހުލާގެއް ނެތިގެން ފުޓްބޯޅައިގެ ދަނޑަށް ވެއްޓުނު ވަރަށް ގިނަ ހުނަރުވެރިން އަހަރެމެންނަށް ފެނިއްޖެ އެވެ. ރިލްވާން ފަދަ ހުނަރުވެރިއަކު އެގޮތަށް ވެއްޓޭ މަންޒަރު ބަލަން ދިވެހި ފުޓްބޯޅައިގެ އާއިލާ ބޭނުމެއް ނުވެ އެވެ. ނަމަވެސް މަންޒަރު ވަރަށް ވެސް ސާފެވެ.