ހޮލީވުޑް

"ދަ ކޮންޖަރިން 2" ބަލަން އިން މީހަކު ސިނަމާ ތެރެއަށް މަރުވެއްޖެ

ޑައިރެކްޓަރު ޖޭމްސް ވާންގެ މަޝްހޫރު ބިރުވެރި ފިލްމު "ދަ ކޮންޖަރިން 2" އަށް ތައުރީފު އޮހެމުން އަންނައިރު ފިލްމު ބަލައިގެން މީހުން "ޖިންނި މޮޔަވާ" ވާހަކަ އާއި "މީހުން ގެއްލޭ" ވާހަކަ ވެސް ވަނީ އާންމުވެފަ އެވެ. ހުރިހާ ވާހަކަތަކެއްގެ ހަގީގަތެއް އެނގެން ނެތް ނަމަވެސް މި ފިލްމު ސިނަމާއެއްގައި ބަލަމުން ދިޔަ މީހަކު މަރުވި ވާހަކަ އަކީ ހަމަ ހަގީގަތެކެވެ.

އެކަމަކު އޭނާ މަރުވީ ފިލްމުގެ އަސަރުތަކެއްކޮށްގެން ކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް މި މީހެއްގެ މަރާއެކު އަދި އެއަށް ވުރެ އާދަޔާހިލާފު ކަމެއް ވަނީ ހިނގައިފަ އެވެ.

އިންޑިއާގެ ޓެމިލް ނާޑޫގެ އަވަށެއް ކަމުގައިވާ ޓިރޫވަންނަމާލައީގެ ސިނަމާއެއްގައި މި ފިލްމު ބަލަން އިންދައި މަރުވެގެން ވެއްޓުނީ އުމުރުން 65 އަހަރުގެ ފިރިހެނެކެވެ. މަރުވެގެން ވެއްޓުމުގެ ކުރިން، މެއަށް ތަދެއް އަރައިގެން އުޅޭ ކަމުގެ އިޝާރާތްތަކެއް އޭނާ ކުރި ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެ އެވެ.

ނަމަވެސް މި މީހާގެ ހަށިގަނޑު ވަނީ ފަހުން ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. އަދި އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތާ ހަވާލުވި ދެ މީހުން ވެސް ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.

މި ކަމެއްގެ ހަގީގަތް ނޭނގި އެތައް ބަޔަކު ހައިރާންވެފައިތިބިއިރު ބައެއް މީހުން ލަފާކުރާ ގޮތުން މިއީ ފިލްމުގެ ޕްރޮމޯޝަނަށް ޖައްސައިގެން އުޅޭ ސްޓަންޓަކަށް ވެސް ވެދާނެ އެވެ.

ކޮންމެއަކަސް މި މަހުގެ 10 ވަނަ ދުވަހު ޕްރިމިއާކުރި "ދަ ކޮންރަޖިން 2" ގެ ފޯރި އުޅެނީ ބިރުވެރި ފިލްމުތަކަށް ލޯބިކުރާ މީހުންގެ މެދުގައި ވަރަށް ގަދަކޮށެވެ. ފިލްމަށް ވަނީ ފާޑުކިޔުންތެރިންގެ ތައުރީފު ވެސް އޮހެމުންނެވެ.

ބޮކްސް އޮފީހުގައި މިހާތަނަށް މި ފިލްމަށް 151 މިލިއަން ޑޮލަރު ލިބިފައިވާއިރު މިއީ 40 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެއްކަން ވެސް ފާހަގަކޮށްލަންޖެހެ އެވެ.

ފިލްމުގެ ޑައިރެކްޓަރު ވާން އަކީ އޭނާގެ ބިރުވެރި ފިލްމުތަކަށް ވަރަށް މަޝްހޫރު ޑައިރެކްޓަރެކެވެ. އޭނާގެ އެންމެ މަޝްހޫރު ބިރުވެރި ފިލްމު ސިލްސިލާ އަކީ "ސޯ" އެވެ. އެއަށް ފަހު "އިންސައިޑިއަސް" އަކީ ވެސް އޭނާގެ މަޝްހޫރު ފިލްމެކެވެ.

މަޝްހޫރު އެކްޝަން ފިލްމު ސިލްސިލާ "ފާސްޓް އެންޑް ފިއުރިއަސް" ގެ "ފާސްޓް 7" ވެސް ޑައިރެކްޓްކޮށްފައި ވަނީ އޭނާ އެވެ.