ދުނިޔެ

މެލޭރިއާ ނެތް ގައުމެއްގެ ގޮތުގައި ލަންކާ ވެސް ހިމަނައިފި

އާންމު ސިއްހަތުގެ ދާއިރާއިން އަވައްޓެރި ސްރީލަންކާ ހޯދާފައިވާ ކާމިޔާބީ ފާހަގަކުރުމަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން އެގައުމަށް މެލޭރިއާ ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފި އެވެ. މެލޭރިއާ ނައްތާލާފައިވާ ގައުމެއްގެ ލަގަބު ލަންކާ އަށް ލިބުނު އިރު ރާއްޖެއަކީ މި ސަރަހައްދުން އެންމެ ފުރަތަމަ އެ މަގާމް ލިބުނު ގައުމެވެ.

މެލޭރިއާ ނައްތާލެވިފައިވާ ގައުމުތަކުގެ ލިސްޓަށް ލަންކާ އިތުރުވުމާ ގުޅިގެން ޑަބްލިޔުއެޗްއޯގެ ރީޖަނަލް ޑިރެކްޓާ ޑރ. ޕޫނަމް ކެތްރަޕާލް ވިދާޅުވީ، މެލޭރިއާ ނެތް ގައުމެއްގެ ގޮތުގައި ލަންކާ ހިމެނިގެން ދިއުމަކީ އެގައުމުގެ ސިއްހީ ދާއިރާއަށް ލިބިގެންދާނެ ޝަރަފެއް ކަމަށެވެ. 20 ވަނަ ގަރުނުގެ މެދަކާ ހަމަޔަށް އައި އިރުވެސް ލަންކާ ހިމެނިފައިވީ، މުޅި ދެކުނު އޭޝިއާ ބައްރުގައި ވެސް މެލޭރިއާ ބަލި އެންމެ ގަދަޔަށް ފެތުރިފައި އޮތް ގައުމެއްގެ ގޮތުގައި ކަމަށާއި، ލިބުނު ކާމިޔާބީން ރަމްޒުކޮށްދެނީ ފާއިތުވި ބައި ގަރުނުގެ ތެރޭގައި ލަންކާގެ ސިއްހީ ދާއިރާގެ ހާލަތު ރަނގަޅުކުރުމަށް އާންމުންނާއި ސަރުކާރު ގުޅިގެން ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ކަމަށެވެ.

"މެލޭރިއާ އާ ދެކޮޅަށް ލަންކާއިން ފެށި ދަތުރަކީ އުނދަގޫ ބޮޑު ބިރުވެރި ދަތުރެއް. ނަމަވެސް ދުރު ވިސްނުމާއި އެތައް ބައެއްގެ ބުރަ މަސައްކަތާއެކު އެ ގައުމު މިވަނީ އެ ދަތުރުގެ މަންޒިލާ ހަމަޔަށް ވާސިލު ވެފައި،" ޕޫނަމް ވިދާޅުވި އެވެ.

މެލޭރިއާ ނެތް ގައުމެއްގެ ގޮތުގައި ލަންކާ ހިމަނާފައިވާކަން ޑަބްލިޔުއެޗްއޯ އިން އިއުލާންކުރީ، މިހާރު އެގައުމުގެ ވެރިރަށް ކޮލަންބޯގައި ކުރިއަށްދާ 69 ވަނަ ސަރަހައްދީ ސިއްހަތާ ބެހޭ ބައްދަލުވުމުގަ އެވެ. އެ ޖަމިއްޔާ އިން ލަންކާއިން ހޯދި ކާމިޔާބީ ފާހަގަކޮށް ކުރިއަށް އޮތްތަނުގައިވެސް އެގައުމުން ސިއްހީ ހާލަތު ކުރިއަރުވަން ކުރާ ހުރިހާ ކަމެއްގައި ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.