ހަބަރު

އިހުތިޖާޖުތަކުގެތެރޭ ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވަވައިފި

Mar 2, 2015
1

އެމްޑީޕީ އާއި ޖޭޕީގެ މަޖިލިސް މެންބަރުންގެ އިހުތިޖާޖް ކުރުންތަކުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވައި މި އަހަރަށް މަޖިލިސް ހުޅުވައި ދެއްވައިފި އެވެ.

ރައީސް ޔާމީން މަޖިލީހަށް ވަޑައިގެންނެވި ވަގުތު އެއްވެސް ފަރާތަކުން ހުރަސް އަޅާފައެއް ނުވެއެވެ. އަދި އެމަނިކުފާނު މަޖިލީހުގެ ޗެމްބަރަށް ވަޑައިގެން ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމުގެ ކުރިން ވެސް އެއްވެސް މެންބަރަކު އިހްތިޖާޖު ކުރައްވާފައެއް ނުވެއެވެ.

ރައީސް ޔާމީން ދެކޮޅަށް މަޖިލީހުގެ ތެރޭގައި އަޑުގަދަކޮށް އިހުތިޖާޖް ފެށީ އެހެން އަހަރުތަކާ ހިލާފަށް ގުރުއާން ކިޔަވާ ނިމުމާއެކު ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވަވަން ފެށުމާއެކު އެވެ.

އެމްޑީޕީ އާއި ޖޭޕީގެ މެމްބަރުން ވަނީ ހުއްޓާ ނުލައި ރައީސް ޔާމީނުގެ އިސްތިއުފާ ގޮވައި އަޑުގަދަކޮށްފައެވެ. އަދި އިހުތިޖާޖުތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލި އިރު ރައީސް ޔާމީނަށް ނިސްބަތްކޮށް ތަފާތު ނަންތައް ބޭނުންކޮށްފައި ވެއެވެ. މެންބަރުން ތިއްބެވީ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލެވުމަށް ގޮވާލާ ޕޯސްޓަރުތަކެއް ވެސް ހިފައިގެނެވެ.

އެމްޑީޕީ ޖޭޕީގެ އަޑުގަދަ ކުރުންތައް ކުރިޔަށްދިޔައިރު ޕީޕީއެމާއި އެމްޑީއޭއަށް ނިސްބަތްވާ މެންބަރުން ވެސް ވަނީ ރައީސް ނަޝީދަށް ނިސްބަތް ކުރައްވާ މަޖިލީހުގެ ތެރޭގައި އަޑުގަދަ ކުރައްވާފައެވެ. އެ މެންބަރުން ވެސް ވަނީ ރައީސް މުހައްމަދު ނަޝީދަކީ ޖަލުގައި އިންނަވަންޖެހޭ ކަމަށް އިޝާރާތް ކުރާ ލިޔުންތަކެއް ހިފައިގެނެވެ.

ދެ ފަރާތުގެ ހަޅޭކުގެ ތެރޭގައި ރިޔާސީ ބަޔާން އިއްވަވާ ނިންމަވާލެއްވުމަށްފަހު ރައީސް ޔާމީން އެނބުރި ވަޑައިގަތުމުގެ ކުރިން ދެގޮތަކަށް ވަނީ މަޖިލީޙުގެ މެންބަރުންނަށް އިޝާރާތް ކުރައްވާފައެވެ. އެގޮތުން ދެއަތްގެ ބޮޑުވާ އިނގިލި ބޭނުން ކުރައްވައިގެން "ބަރާބަރު" ކަމަށް ފެންނަ ނިޝާން ޕީޕީއެމާއި އެމްޑީއޭގެ މެންބަރުންނަށް ދެއްކެވި އިރު އިނގިލި ތިރިއަށް ދައްކަވާ އެމްޑީޕީ ޖޭޕީގެ މެންބަރުންނަށް ވެސް އިޝާރަތް ކުރެއްވި އެވެ. އެމަނިކުފާނު އެނބުރި ވަޑައިގެންނެވީ އަތްޕުޅުން ހަނާވެސް އެޅުއްވުމަށްފަހު އެވެ.

މިއަދުގެ ރިޔާސީ ބަޔާނަށް ފަހު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ މަޖިލީހުގައި މިއަދު އެ ޕާޓީގެ މެންބަރުންނާއި ޖޭޕީީގެ މެންބަރު ކުރަން ރާވާފައިވަ މަސައްކަތް ކުރެވުނު ކަމަށާއި ރައީސްގެ ރިޔާސީ ބަޔާނަށް ދޭން އޮތް ޖަވާބެއް ދޭނެ ކަމަށެވެ.

މަޖިލީހުގައި ރިޔާސީ ބަޔާން އިއްވެވުމަށްފަހު ރައީސް ޔާމީން ދެއްކެވި ނިޝާނަށް އިޝާރާތް ކުރައްވާ ނޫސްވެރިޔަކު ސުވާލު ކުރުމުން އިބޫ ވިދާޅުވީ އެކަން ނިންމާނީ އެހެން މީހުން ކަމަށާއި އެއީ ރިޔާސީ ބަޔާނެއް އިއްވުމަށްފަހު ރައީސެއްގެ ކިބައިން ފެނިވަޑައިގަންވަން ޖެހޭ ކަހަލަ ސިފައެއް ނޫން ކަމަށެވެ.

މިއަދު ރިޔާސީ ބަޔާން ރައީސް ނިންމަވާލެއްވުމުން މަޖިލީހުގެ ރައީސް ވަނީ ރައީސް ޔާމީންގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ކަންކަމަށް މަގުފަހިވަ ގޮތަށް މަޖިލީހުގެ މަސައްކަތްތައް ބައްޓަން ކުރައްވާނެ ކަމަށް ވިދާޅުވެ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާ ކަމަށް އިއުލާ ކުރައްވާ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވާފައެވެ.