ކާނާ

ހުކުރުން ފައިބައިގެން ކުކުޅު!

މިއަދަކީ ހުކުރު ދުވަހެވެ. ގޭގައި ކުކުޅު ހަދަން ހެއްޔެވެ؟ މިއީ ދެ ހިޔާލަކަށް ދާންޖެހޭ ޖަވާބެއް ހެނެއް ހީއެއް ނުވެއެވެ، ހުކުރު ދުވަސް އަތުވެއްޖެ ނަމަ ހެނދުނު 11:00 ޖަހާއިރު ބަންދުކުރާ ފިހާރައިން އެންމެ ގިނައިން ދަމައިގަންނަ އެކައްޗަކީ ފިނިކުރި ކުކުޅަށް ވާނެ އެވެ. ކުކުޅު ގަންނަ ކިޔޫ އެހާ ދިގުވާނެ އެވެ. ހުކުރުން ފައިބައިގެން ފިރިހެންވެރިން ގެއަށް އައިސް ވަންނައިރު ކާ މޭޒު ސުފުރާގެ މެދުގައި ހުންނާނީ ހޫނު ކުކުޅު ރިހަ ތައްޓެކެވެ. ނޫނީ ކުކުޅުގެ ކޮންމެވެސް މީރު ރެސިޕީއެކެވެ. ކުޅު ހަދާފައި ނެތިއްޔާ އެ ގެއަކަށް ހުކުރު ނާންނީ އެވެ.

ދިވެހިންނާއި ދިވެހިންގެ މެދުގައި ކުކުޅުގެ މަގުބޫލުކަން ފެށިގެން އައި ޒަމާނެއް ބުނެދޭކަށް ނޭނގެ އެވެ. އެހެން ނަމަވެސް ވަރަށް އެންމެ ކުރިން ފެށިގެން ވެސް ދިވެހިންނަކީ ހާއްސަ މުނާސަބާތަކާއި ހާއްސަ ސަގާފީ ކަންކަމުގައި ތައްޔާރުކުރާ ރަހަމީރު މޮޅު ސުފުރާގައި ކުކުޅަށް މަތީ މަގާމެއް ހާއްސަކުރި ބައެކެވެ. ސަގާފީ ކަންކަމާއި މުއްސަނދި ދިވެހި އާދަކާދައާ ވަރަށް ބީރައްޓެހިވެފައިވާ މި ޒަމާނުގައިވެސް ދިވެހިންގެ ހިތުން ކުކުޅަށް ދެވިފައިވާ މަގާމަކީ އާދަކާދައިގެ ތެރެއިން ވާރުތަވެފައިވާ ތަރިކަ އަކަށްވެސް ވެދާނެ އެވެ. ހާއްސަކޮށް ހުކުރުން ފައިބައިގެން ކުޅެވެ. ހުކުރު ދުވަހަށް ކުކުޅެވެ. އެ ނޫން ގޮތެއް ނޯންނާނެ އެެވެ.

ކާށިކިރާއި، ރާނބާ ފަތުގެ މީރު ރަހަ އެއްވެފައިވާ ރޫސިޔާ ބަތާއެކު ހަނާކުރި ހަވާދުގެ ދިވެހިވަންތަ ކުކުޅު ރިހައިގެ ރަހަގަނޑާ ހަމަ ހިލާ އެހެން އެއްވެސް ކެއުމަކަށް ވާދައެއް ނުކުރެވެ އެވެ. މިކަމަށް އިންކާރު ކުރާނެ ދިވެއްސަކު ހުންނާނެ ކަމަކަށް ގަބޫލެއް ވެސް ނުކުރެވެ އެވެ. މި ދެ ކެއުމުގެ ރަހަ މިއިން ޒަމާނަކު ދުލުގެ ކުރިއަށް ކޮށްފައި ނެތުމަކީ އަދި މުޅިން އެހެން ވާހަކައެކެވެ.

އެހެންވީމާ ހުކުރު ދުވަހު ވަރު އަރުވާފައި އެކި ގޮތްގޮތަށް އެކި ރަހަތަކަށް ދިވެހިންގެ ބަދިގެތަކުގައި ކުކުޅު ކެއްކުމުގެ ސަގާފަތް އައީ ކިހިނެއް ހެއްޔެވެ؟ ހުކުރު ދުވަހުގެ ކުކުޅާއި ދިވެހި ސަގާފަތާ އޮތީ ކިހާ ވަރެއްގެ ގުޅުމެއް ހެއްޔެވެ؟

ސަރުކާރަށް ބައި ގަރުނެއްހާ ދުވަހު ހިދުމަތްކޮށްފައިވާ، އަދި ދިވެހި ބަހަށް ގިނަ ހިދުމަތްތަކެއްކޮށްދެއްވައި، ޅެންވެރިކަމުގެ ރޮނގުން ގައުމީ އިނާމް ހާސިލްކޮށްފައިވާ ރަމްލާ އަބްދުލް ޣަނީގެ ނަޒަރުގައި، ހުކުރު ދުވަހު ކުކުޅު ކެއްކުމުގެ އާދައަކީ ދިވެހި އާދަކާދައިގެ ތެރެއިން ވާރުތަވި ކަމެއް ކަމަށް ބެލެވޭނެ ފުރުސަތެއް ނެތެވެ.

އެކަމަނާ ވިދާޅުވި ގޮތުގައި ހުކުރު ދުވަހުގެ ކުކުޅު ދިވެހިންގެ ތެރެއަށް އާންމުވީ މީގެ ވިއްސަކަށް ފަންސަވީހަކަށް އަހަރު ކުރިންނެވެ. ނަމަވެސް ދިވެހިންނާއި ދިވެހިންގެ ކެއުމުގެ ވައްޓާފާޅީގެ ތެރެއަށް ކުކުޅުގެ ރަހަގަނޑު މީގެ އެތައް ޒަމާނެއްގެ ކުރިން ވަދެ، މަޝްހޫރުވެފައިވާ ކަމަށް ރަމްލާ ވެސް ވިދާޅުވި އެވެ.

"ހުކުރު ދުވަހު ކުކުޅު ކެއްކުމުގެ އާދަ އަޅުގަނޑަށް ހީވަނީ އައިސްފައި އޮތީ ފަސޭހަ ދިރިއުޅުމުގެ ތެރެއިން ހެން. ފަސޭހައިން ލިބެން ހުންނަ އެއްޗަކަށް ވެފައި، މީރު އެއްޗަކަށް ވާތީ ކަމަށް ބެލެވޭ ގޭގޭގައި ކުކުޅު ކައްކަނީ. ހުކުރު ދުވަސް ހާއްސަވަނީ އަބަދުވެސް ހާއްސަ ދުވަހެއްގެ ގޮތުގައި. އެއީ އާއިލާތައް އެއްތަންވާ ދުވަހެއް. އެ ދުވަހު އެހެން ދުވަސްތަކާ ހިލާފަށް ރަނގަޅު ސުފުރާއެއް ތައްޔާރު ކުރުމަކީ ޒަމާނުއްސުރެ ދިވެހިން ގެންގުޅެމުން އަންނަ އާދައެއް، މީގެ ހެއްކެއް އަޅުގަނޑު ދަންނަވާފާނަން، އަސްލު ދިވެހި ކުކުޅުގެ ރިހަ ވަރަށް މަދުން ނޫނީ ނުފެންނާނެ މިހާޜު. ފެންނާނީ ކޮންމެވެސް ޑެވިލް ޗިކެން އެއް، ނޫނީ ކޮންމެވެސް އެފަދަ ރެސިޕީއެއް،" ރަމްލާ ވިދާޅުވި އެވެ.

ރަމްލާ ވިދާޅުވި ގޮތުގައި ދިވެހިންގެ ތެރޭގައި ކުރިން ކުކުޅު މަޝްހޫރު ވެފައިވަނީ ތާރީހީ ހާއްސަ ދުވަސްތަކާއި ހާއްސަ ސަގާފީ ދުވަސްތަކުގައި ލިބޭ މޮޅު ކެއުމެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް އޭރުވެސް ދިވެހިންނަކީ ހުކުރު ދުވަހު އެމީހަކަށް ކުޅަދާނަ ވެގެންވީ މިންވަރަކުން ގޭގައި މީރު ކެއުންތަކެއް ތައްޔާރުކުރުމުގެ ރީތި އާދައެއް ގެންގުޅުނު ބައެކެވެ.

"ކުރިން ކުކުޅު ކައްކައި އުޅޭނީ އީދު ބާރަޔަށް، ފާތިހާ ސަލަވާތްފުޅު ކިޔަވާ ދުވަސްތައް ފަދަ މުނާސަބަބުތަކަށް ހާއްސަކޮށް. މާގިނަ މީހުންނަށް ލިބޭ ކެއުމަކަށް ނުވާތީ، ކަނޑުމަހުން ހަދާ ކަނޑު ކުކުޅު ދިވެހިން ހަދަން ފެށީވެސް ކުކުޅަށް ދަހިލަވާފައި ތިބި ވަރުން. ދެން މިހާރަށް ބަލާއިރު، ކުކުޅު ރިހަ ފޮދެއް ކެއްކިޔަސް ހަގީގީ ދިވެހި ރަހައެއް ނާދޭ. ކޮންމެވެސް ފިހާރައަކުން ހަވާދު ޕެކެޓެއް ހިފައިގެން އައިސް ޕެކެޓް ކިރު އަޅާފަ ގިނައިން ކައްކަނީ، ބައެއް ރަށްރަށުގެ މީހުން މަދުން ނުކައްކާ ވާހަކައެއް ނޫން،" ރަމްލާ ވިދާޅުވި އެވެ.

ވީމާ ހުކުރު ދުވަހުގެ ކުކުޅަކީ މާބޮޑު ތާރީހެއް އޮތް ކަމެއް ކަމަށް ނިންމައި ސިއްކަ ޖެހޭކަށް ވެސް ނެތެވެ. އެކަމަކު މިއީ އެއްބައިވަންތަކަން ކުޑަވެ، ފަރުދީ ގުޅުން ކުޑަވެފައިވާ މި ޒަމާނުގައި އެއް އާދަޔަކަށް ދިވެހިން ކުރާ ކަމަކަށް ވުމުން މިކަމުގެ ހާއްސަކަން ހަމަ ޔަގީނަށްވެސް އިތުރުވެގެންދެ އެވެ. ހުކުރު ދުވަހުގެ ކުކުޅު ހަމަ މީރެވެ. އެއިން އާދަ ހިފަހައްޓައިދެ އެވެ. އާއިލާ އެއްތަންކޮށް ގުޅުވައި ދެ އެވެ.