ހަބަރު

ހުޅުމާލެގައި ފްލެޓް އަޅަން ހަތް ފަރާތަކަށް ބިން ދީފި

މެދުފަންތީގެ ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަޅަން ހަމަޖެހިފައިވާ ފްލެޓްތައް އެޅުމަށް ޓަކައި އެޗްޑީސީ އިން ހަތް ފަރާތަކަށް ބިން ދީފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) އިއްޔެ ވަނީ ބިން ދޫކުރި ހަތް ފަރާތް އިއުލާނު ކޮށްފަ އެވެ. އެ ކުންފުނިތަކަކީ މަލާ ހައި ރައިޒިން ކޮންސްޓްރަކްޝަނާއި އިނޮކާ ޕްރައިވެޓް ލިމިޓެޑާއި އެސޯސިއޭޓް ބިޒްނަސް އެޖެންޓްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ކީ ސްޓޯން އިންޓަނޭޝަނަލް ގްލަޓް އިންވެސްޓްމަންޓް އާއި ޖަވާހިރު އިލެވަން އަދި ގެލޮން ޕްރައިވެޓް ލިމިޓެޑް އެވެ.

އެޗްޑީސީން ކުރި އިއުލާނުގައިވާ ގޮތުން 17 ފަރާތަކުންވަނީ ޕްރޮޕޯސަލް ހުށަހަޅާފަ އެވެ. ހުޅުމާލޭގައި މެދުފަންތީގެ ފްލެޓްތައް އަޅަން ހުޅުވާލާފައިވާ ބިން ތަކަކީ 2،600 އަކަފޫޓާއި 2،713 އަކަފޫޓާ ދެމެދުގެ ސައިޒުގެ ހަތް ބިމެކެވެ. މި ބިންތައް އެކުންފުންޏަށް ދޫކުރަން ނިންމާފައިވަނީ އަކަފޫޓެއް 1،200 ރުފިޔާ އަށް ކަމަށް އެޗްޑީސީން މީގެކުރިން ބުނެފައިވެ އެވެ. މި ފައިސާ ބިމުގެ ޑީޓެއިލް ޑްރޯވިން ފާސްކުރާތާ ދެ އަހަރުގެ ތެރޭގައި އެޗްޑީސީ އަށް ދައްކަން ޖެހެ އެވެ.

މި ބިން ތަރައްގީކޮށް ވިއްކުމުގެ ހުރިހާ ހަރަދެއް ކުރަންވާނީ ބީލަން ކާމިޔާބު ކޮށްފައިވާ ކުންފުނިންނެވެ.