ފެޝަން

އެންމެ އަގުބޮޑުކޮށް، އެންމެ ރީއްޗަށް ހެދުން އެޅީ އަޒޫތަ؟

ޔަގީނަށްވެސް ގައުމީ ފިލްމު އެވޯޑްސް ހަފުލާ އަށް އެންމެ އަގު ބޮޑު ހެދުމެއްގައި ރޭ ދިޔައީ ބަތަލާ ފާތިމަތު އާޒިފާ (އަޒޫ) އެވެ. އަދި އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑް އޭނާއަށް ލިބުމުން، ޖަރީކޮށްފައިވީ އެ ހެދުމުގެ އަގާއި އަޒޫގެ އަގު ވެސް ވަނީ އަރައިގެން ގޮސްފަ އެވެ.

އެކަމަކު އެންމެން ވެސް ކުރި ސުވާލެއް އޮތެވެ: އެންމެ ރީއްޗަށް ހެދުން އެޅީ ހަމަ އަސްލަށް ވެސް އަޒޫހެއްޔެވެ؟

އަޒޫގެ ރަތާއި ހުދުގެ ހެދުން ޑިޒައިންކޮށް ފަހައި ޖަރީކޮށްދީފައި ވަނީ މަޝްހޫރު ޑިޒައިނަރު އަދި ފެހުންތެރިޔާ ޖާދުއްﷲ އިސްމާއީލް އެވެ. ޖާދު ބުނެފައި ވަނީ އަޒޫގެ ހެދުމަކީ އެވޯޑް ހަފުލާއަކަށް ހާއްސަކޮށްގެން އޭނާގެ 20 އަހަރުވީ ދިގު ކެރިއަރުގައި މިހާތަނަށް ތައްޔާރުކުރި އެންމެ ތަފާތު ހެދުން ކަމަށެވެ.

ނަމަވެސް ބެލުންތެރިންނާއި އާންމުންގެ މެދުގައި އަޒޫގެ ހެދުމަށް ލިބިގެން ދިޔައީ މަސްހުނި ހިޔާލުތަކެކެވެ. އެހެން ނަމަވެސް ޖާދޫވެސް ބުނި ގޮތަށް ޔަގީނަށް ވެސް ރެޑް ކާޕެޓްގެ އެންމެ ތަފާތު ފެނިލުމަކީ އޭނާ އަޒޫ އަށް ހަދިޔާކުރި 25،000ރ. އަށް ވުރެ ވެސް އަގު ބޮޑު ހެދުމެވެ.

ރެޑް ކާޕެޓްގެ އެހެން ހެދުންތަކަށް ބަލާއިރު މަޝްހޫރު ފިލްމީ ބަތަލާ އަދި ސަޕޯޓިން އެކްޓްރެސްގެ ރޭހުގައި އަޒޫއާ ވާދަކުރި އައިޝަތު ރިޝްމީ އަކީ ވެސް ތަފާތެއް ދެއްކި މަޝްހޫރު މޫނެކެވެ. އޭނާ މިފަހަރު ވެސް ފެނިގެން ދިޔައީ މަޝްހޫރު ފެޝަން ޑިޒައިނަރު ރިއްފަތުގެ ޑިޒައިނެއްގަ އެވެ.

ހަގީގަތަށް ބުނާ ނަމަ މިފަހަރުގެ ރެޑް ކާޕެޓަކީ މާ ގިނަ ސްޓާރުންނަކާއި ހެދުންތަކެއް ފެނިގެން ދިޔަ އިވެންޓެއް ނޫނެވެ. ނުވަތަ ފިލްމީ ދާއިރާގެ ތަރިންނަށް އަދިވެސް ރެޑް ކާޕެޓް އެހާ މުހިންމު ނުވާތީ ރީއްޗަށް ހެދުން އަޅަން އާދަނުވަނީ އެވެ.

ކޮންމެއަކަސް މި ތަރިންގެ ހެދުންއެޅުމުގެ ސްޓައިލާ މެދު ބެލުންތެރިންނާއި އާންމުން ދެކޭ ގޮތް ބަލައިލުމަކީ ވެސް ނެތް ކަމެއް ނޫނެވެ. ހަމަ ކޮމެންޓް ކުރަމުން ގެންދަންވީ އެވެ.