ދުނިޔެ

"ޖިހާދު"ގެ ހަމަލާތައް މިއިން ޒަމާނަކު ނުވާ ވަރަށް ވަރުގަދަވެއްޖެ

ޖިހާދުގެ ނަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދެމުން ގެންދާ ހަމަލާތަކުގައި މިދިޔަ މަހު 5042 މީހަކު މަރުވެފައިވާ ކަމަށާއި އަލްގާއިދާގެ ބާރު ކިތަންމެ ބޮޑަށް ދަށްވެފައި ވިޔަސް ޖިހާދުގެ ނަމުގައި ހިންގާ ހަރަކާތްތައް މިއިން ޒަމާނަކު ވެސް ނުވާ ވަރަށް ވަރުގަދަވެފައިވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ކިންގްސް ކޮލެޖް ލަންޑަން އާއި ބީބީސީ ގުޅިގެން އެކުލަވާލައި އާންމުކުރި ސްޓަޑީ އޮފް ރެޑިކަލައިޒޭޝަން ދިރާސާ ރިޕޯޓްގައި ބުނެފައި ވަނީ މިދިޔަ މަހުގެ 14 ގައުމެއްގައި 664 ހަަމަލާ ދީފައިވާ ކަމަށެވެ.

މި ދިރާސާގައި ބުނެފައި ވަނީ މިދިޔަ މަހު ދީފައިވާ ހަމަލާތަކުގެ ދެ ބައިކުޅަ އެއް ބަޔަކީ އިރާގާއި ސީރިއާގައި އިސްލާމިކް ސްޓޭޓުން ދީފައިވާ ހަމަލާތައް ކަމަށެވެ. އެގޮތުން އިސްލާމިކް ސްޓޭޓްގެ 308 ހަމަލާއެއްގައި 2206 މީހަކު މަރުވެފައިވެ އެވެ. މި ދިރާސާގައި ބުނެފައި ވަނީ މިހާރު އަލްގާއިދާ އަކީ ކުރީގެ އަލްގާއިދާ ނޫން ކަމަށާއި އެ ޖަމާއަތުގެ ބާރު ވަރަށް ބޮޑަށް ދަށްވެފައިވާކަން ވެސް މި ދިރާސާ އިން ހާމަވެފައިވާ ކަމަށެވެ. ހަމަލާތަކުގެ ތެރެއިން 60 ޕަސެންޓަކީ އަލްގާއިދާއާ ރަސްމީ ގުޅުމެއް ނެތް ޖަމާއަތްތަކުން ދީފައިވާ ހަމަލާތަކެވެ.

"މި މައުލޫމާތުން އެނގެނީ ޖިހާދުގެ ހަމަލާތައް ކުރިއަށް ވުރެ ވަރުގަދަ ވެފައިވާ ކަމެވެ. އަދި މިފަދަ ހަމަލާތަކާ ދެކޮޅަށް މަސައްކަތް ކުރުމަކީ އެތައް ޖީލަކަށް ދެމިގެން ދާނެ މަސައްކަތެއް ކަމެވެ." ރިޕޯޓްގައިވެ އެވެ.

ދިރާސާ އިން ދައްކާ ގޮތުގައި ހަމަލާތަކުގައި މިދިޔަ މަހު އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިރާގުގަ އެވެ. އެގޮތުން މަރުވި މީހުންގެ ތިން ބައިކުޅަ އެއް ބައި ނިސްބަތް ވަނީ އިރާގުގައި ދީފައިވާ ހަމަލާތަކަށެވެ. އިރާގަށް ފަހު ދެން އެންމެ ގިނަ މީހުން މަރުވެފައި ވަނީ ނައިޖީރިއާ އާއި އަފްޣާނިސްތާނާއި ސީރިއާގަ އެވެ. –އޭއެފްޕީ