މީހުން

ބީއެމްއެލްގެ "ހިތުގެ ޑޮކްޓަރު" މި ހުރީ!

ޒަމާނަށް އަންނަމުންދާ ކޮންމެ ބަދަލެއް ނުހަނު ހަލުވި ކަމާއެކު ދިވެހިންގެ ދިރިއުޅުމުގައި ފިސާރި ރަނގަޅަށް ވަކި ހިއްޕާލަ އެވެ. ދިވެހި ބޭންކިން ނިޒާމުގެ ތެރެއަށް ވެސް ޓެކްނޮލޮޖީގެ ރާޅު އަރައި ޗެކް ފޮތްތައް މާޒީވެ ގޮސް، އިންޓަނެޓް ބޭންކިން އާއި ބީއެމްއެލްގެ ކާޑްގެ ހިދުމަތްތައް މިއަދު ވަނީ ހަޔާތުގެ ބަޔަކަށް ވެފަ އެވެ. މި ބަދަލާ އެކު ބީއެމްއެލްގެ އީބޭންކިން ހިދުމަތް ނުހުއްޓި، ހިނގަ ހިނގާ ހުރުން ލާޒިމެވެ. ބީއެމްއެލްގެ ހިތަކީ މިހާރު އީ-ބޭންކިން އެވެ. އީ-ބޭންކިންގެ މައްސަލަތައް ދުވަހުން ދުވަހަށް ސިކުންތުން ސިކުންތަށް ބެލެހެއްޓުމަކީ ފަސޭހަ މަސައްކަތަކަށް ނުވާނެ އެވެ. އެ ޒިންމާ މިއަދު ކޮޑު އަޅައިގެން ހުރީ، ބީއެމްއެލްގެ ހެޑް އޮފް ބޭންކިން ސޮލިއުޝަންސް އަފްރާހު އަހުމަދު އެވެ. އޭޓީއެމްތަކުގެ ސިސްޓަމް ބަރާބަރަށް ހިނގާކަށް ކަށަވަރު ކުރުމާއި އިންޓަރނެޓް ބޭންކިންގ އާއި ކާޑް މެދުވެރިކޮށް ކުރާ އެންމެހާ ހިދުމަތްތައް ނުހުއްޓި ކުރިއަށް ދާކަން ކަށަވަރު ކުރުމަކީ އޭނާގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާ އެވެ. ބޭންކްގެ އެންމެ މުހިންމު އެއް މަގާމަށް އައުމަށް އޭނާ ކަޑައްތު ކުރަން ޖެހުނީ ފަސޭހަ ރާސްތާއެއް ނޫނެވެ.

އަފްރާހުގެ ބީއެމްއެލްގެ ދަތުރު ވާހަކަ ފަށަން ޖެހެނީ އޭނާގެ އުމުރުން އެންމެ 19 އަހަރުން ފެށިގެންނެވެ. އެއީ މީގެ 20 އަހަރު ކުރިން 1997 ގަ އެވެ. ބީއެމްއެލްގެ ވަޒީފާޔަށް އޭނާ ސިޓީލީ އެއްގޮތަކަށް ވެސް އެ ވަޒީފާ ލިބޭނެ ކަމުގެ އުންމީދަކު ނޫނެވެ. އޯލެވެލް ނިންމާފައި އޭނާ ވަޒީފާއަކަށް އެދި ސިޓީ ލީ ވެސް ހަމައެކަނި ބޭންކް އޮފް މޯލްޑިވްސް އަށެވެ. ބީއެމްއެލްގެ ވަޒީފާ އޭނާގެ އަތުގައި އައިސް ހިފުންވީ ހަޔާތުގެ ނަސީބަށެވެ. އޭރު ބޭންކުގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރ އަހްމަދު މުހައްމަދު (ކުޑޭ) އިންޓަރވިއު ކޮށް ބޭންކަށް ވަނުމުގެ ފުރުސަތު އޭނާ އަށް ލިބުނެވެ. ވަޒީފާއެއް ހޯދަމުން ދިޔަ އަފްރާހުގެ މުޅި ދިރިއުޅުން އެކީ ބަދަލުކޮށްލީ، އޭރު މުޅިންހެން މެނުއަލްކޮށް މަސްކަތްކުރާ "ޓްރެޑިޝަނަލް" ކުޑަކުޑަ ބޭންކެއްގެ ގޮތުގައި އޮތް ބީއެމްއެލް އިން އަފްރާހުއަށް ހުޅުވާލަދިން ބޮޑެތި ފުރުސަތުތަކުގެ ތެރެއިންނެވެ.

ބީއެމްއެލްގެ ކޭޝިއަރެއްގެ ގޮނޑިން ތެދުވެ ބޭންކުގެ މަތީ ހަރުފަތަށް ދިޔުމަށް އޭނާ ފުރަތަމަ ދުވަހު ވެސް އަޒުމް ކަނޑައެޅި އެވެ. އޭނާގެ ހުވަފެންތަކުގެ މަތީގައި ކުރިއަށް ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ކޭޝިއަރެއްގެ ވަޒީފާއިން އޭނާގެ ވަޒީފާ ބަދަލުވީ އޮޕަރޭޝަން ޔުނިޓަށެވެ. ދެ އަހަރަށް ފަހު ކޭޝިއަރުގެ މަސައްކަތުން އަތްވީއްލި، ދެން އޭނާ ކުރަން ޖެހުނީ މުޅިން ތަފާތު މަސައްކަތެކެވެ. ބީއެމްއެލް ދުވަހުގެ އޮޕަރޭޝަންތައް ހިންގުމަށް ކުރަން ޖެހޭ ހުރިހާ އިދާރީ މަސައްކަތެއް އޭނާގެ ވަޒީފާގެ ގޮތުގައި އަދާކުރަން ޖެހުނެވެ. އެކަމަކު އެއީ އޭނާއަށް އެތައް ގިނަ ތަޖުރިބާތަކެއް ދަސްވި ހިސާބެކެވެ.

"އޮޕަރޭޝަންސްގައި އޮންނާނީ އޭރު ބީއެމްއެލް ހިންގުމަށް ބޭނުންވާ އިދާރީ ސަޕޯޓް ހުރިހާ ކަމެއް ކުރުން. އެ ތަނުގައި ހުރެގެން ވަރަށް ގިނަކަންކަން އަސްލު ދަސްވެގެން ދިޔަ. އެތަނުގައި ދެތިން އަހަރަށް ފަހު ބީއެމްއެލް އިން މުޅިން އަލަށް އޭޓީއެމް ތައާރަފްކުރަން ވެގެން 2000 ގައި މުޅިން އީބޭންކިން ޑިޕާޓްމަންޓަށް އަފްރާހު ބަދަލުވީ. އެ މަސައްކަތުގައި އެންމެ ލީޑިންކޮށް އުޅުމުގެ ފުރުސަތު އެ ހިސާބުން ލިބުނީ،" ބޭންކްގައި ހަރުފަތަކަށް ފަހު ހަރުފަތެއް ކުރިއަށް ދިޔަގޮތް އަފްރާހު، "އަވަސް"އާ ހިއްސާކުރި އެވެ. "އެއީ އެންމެ އުފާވާ އެއްކަމަކީ. މި ބޭންކް ބަދަލުވުމުގެ ތެރޭގައި ލީޑް ނަގަން ފުރުސަތު ލިބުން. އެކަމަށް ބޭންކުން މި ދިން އޮޕަޗުނިޓީ،"

އެކަމަކު އީބޭންކިންގެ ތެރެއަށް ބީއެމްއެލް ވަދެގެން ދިޔަ މަރުހަލާ އަކީ އަފުރާހު ބުނާ ގޮތުގައި ފަސޭހަ މަރުހަލާއެއް ނޫނެވެ. ޓެކްނޮލޮޖީއަށް އޭރު ބޭންކް ފައްކާވެފައި ނެތުމާއި، މުޖުތަމައު ވެސް އެވަރަށް ހޭލުންތެރިވެފައި ނެތުމަކީ އަފްރާހު އާއި އޭނާގެ ޓީމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. އެހެން ނަމަވެސް، ބީއެމްއެލްގެ މިހާރުގެ ޑެޕިއުޓީ ސީއީއޯ އަދި އޮޕަރޭޝަންސް ޑައިރެކްޓަރ މުހައްމަދު ޝަރީފް އާއި މިހާރުގެ ޓެކްނޮލޮޖީ ޑައިރެކްޓަރ އަދްލީ އަޙްމަދު ދީދީގެ ހިތްވަރާ އެކު އެ ޗެލެންޖާއި ކުރިމަތިލީ ކަމަށް އަފްރާހު ބުންޏެވެ. 1999 ގައި ބޭންކްގެ ފުރަތަމަ އޮޓަމޭޝަން ޕްރޮޖެކްޓްގެ މަސައްކަތް ސުމަކުން ފަށައިގަނެ، އެތައް ރެއަކާއި ދުވާލެއްގެ ނިދި ނަގާލައި އެ މަސައްކަތުގައި ލީޑް ރޯލެއް އަދާކުރީ އަފްރާހު އެވެ. އޮޓަމޭޓެޑް ޕްރޮޖެކްޓްގެ ތެރެއިން ފަޅައި ހެނދުނު ކުރިތައް މިއަދު އިންޓަނެޓް ބޭންކިން އާއި މޯބައިލް އެޕާހަމަޔަށް ފުޅާވެ މިވަނީ ފައްކާވެފަ އެވެ.

"މިއަދު މިކަންކަމަށް ކިތަންމެ ފަރިތަވިޔަސް އޭރު ބޭންކުގައި ވެސް ވަރަށް މަދު މިކަމުގެ ނޮލެޖް ހުރި މީހުން ވެސް. އާންމުން ހޭލުންތެރިއެއް ވެސް ނޫން. މީގެ ތެރެއަށް މީހުން ވެއްދުމާއި މީހުން ހޭލުންތެރިކުރުވުން ދިމާވީ އެންމެ ބޮޑު ޗެލެންޖަކަށް. އެކަމަކު މިއަދު އެ ޗެލެންޖް ނެގީމަ މިދުވަސް މި ފެންނަނީ. އަސްލު ބޭންކުން މީހުން އެމްޕަވާކޮށްގެން ކުރިއަށް ދާން ސްޓްރެޓެޖީއެއް އޮތީމާ މި ހިސާބަށް އަފްރާހުމެންނަށް ވެސް އާދެވުނީ،" އަފްރާހް ބުންޏެވެ.

އޭނާގެ ބޭންކްގެ ހިދުމަތްތަކުގެ ލިސްޓަކީ ކުރު ލިސްޓެއް ނޫނެވެ. ބީއެމްއެލްގެ ހުރިހާ ބްރާންޗެއް އެއްވިއުގަޔަކުން ގުޅާލުމާއި އޭޓީއެމްތަކާއި ބީއެމްއެލްގެ އެތެރޭގެ ނިޒާމް ޒަމާނީ ކުރުމުގައި ވެސް އަފްރާހުގެ ރޯލު ވަރަށް ބޮޑެވެ. ބޭންކުން ވެސް ފާހަގަ ކުރާ ގޮތުގައި އެ މަޝްރޫއުތައް ކާމިޔާބުވީ އަފްރާހުގެ ބޮޑު ހިއްސާއަކާ އެކު އެވެ. ދުވަހުން ދުވަހަށް އަމަލީ ގޮތުން މަސައްކަތްތަކުގައި ބައިވެރި ނުވިޔަސް އަފްރާހު ގެންދަނީ 9 މީހުންގެ ޓީމެއް މެނޭޖް ކުރަމުންނެވެ. އެކަމަކު އެއީވެސް ފަސޭހަކަމެއް ނޫނެވެ. ބީއެމްއެލްގެ ވިސާ އެމެކްސް ކާޑްތަކަށް ކޮންމެ ފަދަ ވަގުތަކު މައްސަލައެއް ދިމާވިޔަސް، އޭނާގެ ޓީމަށް ޑިއުޓީއަށް ނުނިކުމެއެއް ނުވެ އެވެ. އެ ހުރިހާ މައްސަލަތަކެއްގެ ހައްލު ދަންނަ މީހަކީ އަފްރާހު އެވެ. ބީއެމްއެލްގެ އީބޭންކިންގެ ޑޮކްޓަރަކީ އަފްރާހު އެވެ.

"ކޮންމެ ވަގުތަކު ވެސް އެޓެންޑް ކުރަން ޖެހިދާނެ މައްސަލައަކަށް. އެކަމަށް ތައްޔާރުވެގެން އަބަދުވެސް ހުންނަނީ. ކޮންމެ ދުވަހަކު ވެސް ހެނދުނު ވެސް ނިދަން އޮށޯތުމުގެ ކުރިން ވެސް ބަލައިލެވޭނެ މައްސަލައެއް އުޅޭތޯ. އެ ހުރިހާ ކަމަކަށް އެޓެންޑް ނުކޮށް ނިދަން ވެސް އުނދަގޫވޭ،" އަފްރާހު ބުންޏެވެ. އަފްރާހުގެ ކުރިއެރުމުގެ އެންމެ މުހިންމު ސިފައަކީ މަސައްކަތަށް ޖެހިފައި އޮންނަ ލޯތްބާއި، އިހުލާސްތެރިކަމެވެ. ކަންކަން ކާމިޔާބު ކުރުމަށް އޭނާ ކަނޑައަޅާ ގަދަ އަޒުމެވެ. ބަރާބަރަށް ގަނޑިއަށް އޮފީހަށް އައުމާއި ޒިންމާ ފުރިހަމަ އަށް ނެގުމުގައި އަފްރާހު ފެއިލް ނުވާނެކަން ޔަގީނެވެ.

ކިތަންމެ ބުރަ ނަމަވެސް، އަފްރާހު ބީއެމްއެލްގެ ވަޒީފާގައި އުޅުމުގައި ޝަކުވާއެއް ނެތެވެ. އޭނާ އެ ވަޒީފާ ސިފަކުރަނީ، "އަމިއްލަ ކަމެއްގެ ގޮތުގަ" އެވެ. މަސްއކަތްކުރަނީ ބީއެމްއެލް އަކީ " އަހަރެންގެ ބޭންކުގެ" ގޮތުގައި ދެކިގެންނެވެ. އަފްރާހު ސިފަކުރި ގޮތުގައި ބީއެމްއެލް އާއިލާ އަކީ އޭނާގެ ހަޔާތުގެ އެއްބަ އެވެ. ހަޔާތުގެ މި ދަތުރުގައި އަފްރާހު ބުނާ ގޮތުން އޭނާގެ އެންމެ ބޮޑު ހިތްވަރަކީ ބީއެމްއެލްގެ އިސް މެނޭޖްމަންޓާއި އޭނާގެ އަންހެނުންނާއި އާއިލާ އެވެ. ބޭންކާ އެކު އޭނާ ދެކޭ ހުވަފެންތައް އަދިވެސް ބައިވަރެވެ. އޭނާގެ މިހާރުގެ އަޒުމަކީ ބީއެމްއެލް އިންޓަނޭޝަނަލް ނޫނީ ދުނިޔޭގެ ފެންވަރުގެ ބޭންކަކަށް ބަދަލުވެގެން ދިޔުމެވެ. އެ ޗެލެންޖް ނެގުމަށް ވެސް ކަށި ހިތްވަރު ދައްކާފައި ނުކުންނަން ހުރީ ތައްޔާރަށެވެ.

"ކަމަކަށް ފަހު ކަމެއް ވަރަށް ގިނަ ކަންކަން މިހާރު ވެސް މިހުރީ ބޭންކްގައި ވަރަށް ވަރުގަދަކޮށް، އަފްރާހު މި ބޭންކާ މެދު ކުރާ އުންމީދަކީ މި ބޭންކް އިންޓަނޭޝަނަލް ވެގެން ދިޔުން. އެ މަގުސަދު ވެސް ލަސްތަކެއް ނުވެ ހާސިލްވެގެން ދާނެ ކަމަށް އުންމީދު ކުރަނީ،" އަފްރާހު ބުންޏެވެ.

ބީއެމްއެލްގެ 20 އަހަރުގެ ދިގު ދަތުރުގައި އަފްރާހުއަށް މި ވަނީ ހިތްހަމަ ޖެހޭ މަތީ ހިސާބަކަށް އާދެވިފަ އެވެ. 2014 ވަނަ އަހަރު ސްޓާފް އޮފް ދަ އިޔަރ ހޯދާފައިވާ އަފްރާހު އަށް އޭނާގެ ބީއެމްއެލްގެ ދަތުރަށް ނިމުމެއް ނެތެވެ. ދިވެހިންގެ ބޭންކާ މެދު އޭނާ ދެކޭ ހުވަފެންތައް އަދިވެސް ބައިވަރެވެ. އޭނާގެ އަޒުމަކީ އެ ހުވަފެންތަކުގައި ވެސް ކުލަ ޖެއްސުމެވެ. ދިވެހިންގެ ބޭންކްގައި ދިވެހިންނަށް ހިދުމަތް ކުރުމަކީ އޭނާގެ އެންމެ ބޮޑު އުފަލެވެ. ބީއެމްއެލްގެ ހިތަށް ފަރުވާ ދިނުމުގައި ހަމަގައިމު ވެސް މި ޑޮކްޓަރު ވަރުބައްޔެއް ނުވާނެ އެވެ.