ދިވެހި ސިނަމާ

އައްޒަ: ދިވެހި ސިނަމާގެ އެންމެ ހުދު މާވަހަރު

އެއް އިރެއްގައި އޮލިމްޕަހުގެ ރިހި އިސްކިރީނުން އެންމެ ގިނައިން ފެނުނު ބަތަލާއެއްގެ މޫނަކީ ނިއުމާ މުހައްމަދެވެ. އޭނާ އަށް ފަހު ޑާކް ރެއިންއެއްގެ ތެރެއިން ފާޅުވެ ހަނދެއްހާ ރީތި މޫނެއްގެ ގޮތުގައި ބެލުންތެރިން ސިފަކުރަން ފެށި މަރިޔަމް މަޖުދާ އަކީ ދިވެހި ސިނަމާގެ ރާނީ ކަމުގައިވާ ނިއުމާގެ ދާއިމީ ރިޕްލޭސްމަންޓެކޭ ހީވާހާ ވަރަށް މި މޫނެއް ވެސް އޮލިމްޕަހުގައި އާންމުވެގެން ދިޔަ އެވެ. ނަމަވެސް ދެ ތިން ފިލްމަކުން ފެނިލުމަށް ފަހު މަޖުދާ ބްރޭކަކަށް ދިޔަ ހިސާބުން ފިލްމީ ދާއިރާ އިން މި ވަނީ އަނެއްކާވެސް އެހެން މާވަހަރެއް ހޮވައިފަ އެވެ. -- ނަމަކީ މަރިޔަމް އައްޒަ އެވެ.

ޑައިރެކްޓަރު ފާތިމަތު ނަހުލާ ބުނެފައިވާ ގޮތުން ނަމަ މި މާވަހަރު ހޮވީ އޭނާ އެވެ. ފަހަރެއްގައި އެއީ ރަނގަޅު ވާހަކައެކެވެ. ނަހުލާގެ "4426" އިން ބޮޑު އިސްކިރީނުގައި ވިދާލުމުގެ ކުރިން ނަހުލާ މި މާވަހަރެއްގެ ހޯދުމުގެ ދަތުރު ފެށީ އޭނާ ގެނެސްދިން ޓީވީ ޑްރާމާ ސިލްސިލާއަކުންނެވެ. ގެއްލިފައިވީ ތަރިއެއް އަލުން ފާޅުކޮށްދިން އެއް ބާރަކީ ޔަގީނަށް ވެސް ނަހުލާ އެވެ.

އެ ކްރެޑިޓް ނަހުލާ އަށް ދީފައި އެނބުރިގަންނައިރު އައްޒަ ނޫން ބަތަލާއަކު މިހާރަކު ދިވެހި ފިލްމަކުން ނުފެނެ އެވެ. ދޮގުހަދާ މީހަކު ބުނާނީ މިހެންނެވެ. ނުވަތަ މިއީ ދޮގަކަށްވުރެން ބޮޑު ހަގީގަތެކެވެ. އެހެންވީމަ ފިލްމީ ދާއިރާގައި މިއޮތްހާ ދުވަހު ހަމަ އެއްވެސް މީހަކަށް ނުވެ ހުރި މި ބަތަލާ އިސާހިތަކު ތަރިއެއްހެން އަރައިގެން ގޮސް އޮލިމްޕަހުގެ ސީލިންގުގައި ޖެހިފައިވާ މިންވަރަށް ކުޑަ ކަޅިއެއް އެއްލައިލަމާ ހިނގާށެވެ.

ހަގީގަތަށް ބުނާ ނަމަ، ނަހުލާގެ ފިލްމެއްގައި ޖިންނިއެއް އަވަލި ފަހުން "މި އައްޒާ ފަކީރަށް" އުޅެނީ ހަމަނޭވާ އާއި ހަމަ ނިދި ނުލިބިގެންނެވެ. މިހާރު ވެސް، މިވަގުތު ވެސް އޭނާވީ "ނޯޓީ ފޯޓީ" އޭ ކިޔުނު ދިވެހި ފިލްމެއްގައި ލީޑް ރޯލު ކުޅުމަށް ށ. އަތޮޅަށް ގޮހެވެ. އެކަމަކު އައްޒަގެ މޭޒުމަތީގައި ހުރި ޕްރޮޖެކްޓްތަކާއި ފިލްމީ އެހެން މަސައްކަތްތައް "ނޯޓީ ފޯޓީ"އާ ހަމައިން އަދި ނިމުނީކީއެއް ނޫނެވެ.

އާ ފިލްމެއްގެ މަސައްކަތަށް އޭނާ އެ ފުރީ މިހާރު ވެސް އެއް ފިލްމު ނިންމައިފަ އެވެ. ޑާކް ރެއިން އިން، (އާނއެކެވެ. ޑާކްރެއިން އަށް ވެސް މަޖޫއެއްގެ ރިޕްލޭސްމަންޓް ފެނުނީއެވެ.) އެޕްރީލް މަހު ނެރޭ ލޯބީގެ އަނެއް ކުޅިގަނޑުގެ އެންމެ މުހިންމު އެއް މޫނަކީ އައްޒަ އެވެ. އެއީ "މިއީ ލޯތްބަކީ" އެވެ.

އެ ފިލްމަށް ފަހު ޑައިރެކްޓަރު އަބްދުލް ފައްތާހުގެ އާ ފިލްމު "ހައްދު" އަކީ ވެސް އައްޒަގެ މުހިންމު ރޯލެއް ފެނިގެންދާނެ ފިލްމެކެވެ. އަނެއްކޮޅުން މި ފިލްމު އައްޒަގެ ފިލްމީ ހަޔާތުގެ އެންމެ އަގުބޮޑު ފިލްމަށްވުމުން ދެކެވޭ ވާހަކަ އާއި ކުރެވޭ އުއްމީދުތައް ވެސް ވަކިން ބޮޑެވެ.

ނަހުލާގެ ފިލްމުގައި އައްޒަ ޖިންނި އަވަލުމަކީ އޭނާގެ ފިލްމީ ހަޔާތުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކުރިއެރުންކަމާ މެދަކު ޝައްކެއް ވެސް ނުއުފެދެ އެވެ. އެ ފިލްމުގެ އަވަލި ކާމިޔާބީ އަށް ފަހު ނަހުލާ މިހާރު ވެސް އެ ވަނީ އައްޒަ އަށް ލީޑް ރޯލު ދީގެން ދެ ފިލްމެއް އިއުލާނުކޮށްފަ އެވެ. މި ރޭޓުން ދާ ނަމަ ނަހުލާގެ މެގަ ޕްރޮޖެކްޓެއްގެ ގޮތުގައި އިއުލާނުކޮށް މިހާރު ބޮޑުފޮށީގައި އޮތް، "ގިސް" ވެސް އައްޒަގެ ފިލްމަކަށް ވުމުގެ ފުރުސަތު ބޮޑެވެ.

"ކަލާޔާނުލާ" ގެ ދެ ވަނަ ބައެއް އުފެއްދުމުގެ ހިޔާލު ދޫކޮށްލާފައި "ކަލާޔާނުލާ" ގެ ރީމޭކެއް އައްޒައާ އެކު އުފެއްދުމަކީ ވެސް ބުއްދިވެރި ކަމެއް ކަމަށް މިހާރު ފެނެ އެވެ.

ނަހުލާއާ އެކު އައްޒަ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ބޮސް" އިންނެވެ. އެއަށް ފަހު "ބީ" ގެ ޑްރާމާއިންނެވެ. އެކަމަކު ދެން ވެސް އައްޒަގެ ކުރިއަށް ހުރި ފިލްމާއި މަސައްކަތްތަކުގެ ވާހަކަ ނިމުނީކީއެއް ނޫނެވެ. ރަސްމީކޮށް އިއުލާނުކޮށްފައިނުވާ އިތުރު ދެ ފިލްމަކުން ވެސް އައްޒަ އަށް ވަނީ ފުރުސަތު ލިބިފަ އެވެ.

މީގެ އިތުރުން އޭނާ އަކީ މިވަގުތު މާލޭގައި ހުރި އެންމެ ޑިމާންޑް ބޮޑު އަންހެން އެމްބެސަޑަރުކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. އައްޒައާ އެކު ޕިރަމިޑުން ކުރިއަށް ގެންދިޔަ ކާމިޔާބު ޕްރޮމޯޝަންގެ މުއްދަތު އަންނަ މާޗު މަހަށް ހަމަވާން އަންނައިރު ބްރޭންޑް އެމްބެސަޑަރެއްގެ ގޮތުގައި އައްޒަގެ ސޮއި ހޯދުމަށް މިހާރު ވެސް އިތުރު ދެ ކުންފުންޏަކުން ވަނީ ސަފު ހަދައިފަ އެވެ.

އައްޒަގެ މަގްބޫލުކަން ބޮޑުވެފައި ވަނީ ހަމައެކަނި ބަތަލާއެއްގެ ގޮތުގައި ނޫންކަން ވެސް ފާހަގަކޮށްލެވެ އެވެ. އަދި ރާއްޖޭގައި މީގެ ކުރިން ބަތަލާއިން އަރައިގެން ނުދާ ފެންވަރަކަށް އޭނާ އަރައިގެން ގޮސްފި ކަމަށް ވެސް ގަބޫލުކުރަން ޖެހެ އެވެ. އެގޮތުން ބަލާއިރު އައިސްޓީވީ އިން ގެނެސްދޭ އައްޒަގެ ސެލެބްރިޓީ ޓޯކް ޝޯ އަކީ ޔަގީނަށް ވެސް ހިޓެކެވެ.

ދެން އޮތް ސުވާލަކީ އައްޒަގެ މި ކުއްލި ކާމިޔާބީގެ ސިއްރަކީ ކޮބައިތޯއާ މެދު ކުރެވޭ ބޮޑު ސުވާލެވެ. ބައެއް މީހުން ބުނާ ގޮތުގައި އައްޒައާ ކާމިޔާބީ އަވަލި ހިސާބަކީ "4426" އިން އޭނާއާ ޖިންނިއެއް އަވަލި ހިސާބެވެ. ނުވަތަ މިފަހަކަށް އައިސް އައްޒަގެ "ފިޒީކާއި ފްރޭމާއި ފިގާ" ޑައިރެކްޓަރު ފައްތާހު އެ ބުނާ މިންވަރަށް ތިރިވެ ފުރިހަމަވުމަކީ އައްޒަގެ މަގްބޫލުކަން މިވަރަށް ބޮޑުވެގެން އުޅޭ އެއް ސަބަބެވެ.

އައްޒަ ބުނަނީ ކީކޭތޯ ބަލައިލަމާ ހިނގާށެވެ.

"ކުރިން ވެސް ފިލްމު ކުޅެން ލިބޭ. އެކަމަކު ކުރިން އުޅުނީ ސީރިއަސްކޮށް ނޫން. ޕްލޭން ބީ ވެސް ކުޅެން ލިބުނު. އެކަމަކު އޭރަކު ނޭނގޭ ފިލްމަކީ ކިހާ ވަރެއްގެ މަސައްކަތެއް ކަމެއް. ލަވަ ވެސް ކުޅުނީ މަންމަމެންނާ އެކު މަޖަލަކަށް،" އަވަސް އަށް ދިން އިންޓަވިއުއެއްގައި އައްޒަ ބުންޏެވެ.

އޭނާ ބުނީ ފިލްމީ ދާއިރާގެ ތަރި އަރައިގެން ދިއުމަކީ އޭނާގެ ޝައުގުވެރިކަން ވެސް މި ދާއިރާ އަށް ބޮޑުވި ސަބަބު ކަމަށެވެ.

"މިހާރު ސީރިއަސްކޮށް މި މަސައްކަތް މިކުރަނީ. އިންޑަސްޓްރީ ބަދަލުވެއްޖެ އެއް ނޫން މިހާރު. އެއްޗަކަަށް އެއްޗެއް ނަހަދައެއް ނޫން. ސަޅި އެއްޗެހިތާ މިހާރު ހަދަނީ،" މިހާރު ފިލްމު ކުޅެން އެއްބަސްވާ ސަބަބާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އައްޒަ ބުންޏެވެ.

އެކަމަކު އޭނާ ބުނީ ގިނަ ފުރުސަތުތަކެއް ލިބުނަސް ވަކި ރީތިކޮށް ހުރުމަކަށް ނުވަތަ އެ ބުނާ ފިގާއެއްގެ ތެރޭގައި ހަށިގަނޑާއި ބަރުދަނާއި ރީތިކަން ގެންގުޅުމަކަށް ފަރުވާލެއް ނުދެވެ އެވެ.

"ޖެހޭ އެއްޗެއް ކައިގެން، ޖެހޭ އެއްޗެއް ބޮއެގެން މި އުޅެނީ. އެކަމަކު ކުރިއަށް ވުރެ ބޮޑަށް ބަލަން ޑައެޓްކުރެވޭތޯ. އެކަމަކު ވެސް ޑައެޓްނުކުރެވޭ. ޖިމަކަށް ވެސް ނުދެވޭ."

އައްޒަ ބުނީ މިހެންނެވެ. ހަގީގަތަކީ ޖިމަކަށް ވަދެލާނެ ވަގުތު ވެސް އައްޒަ އަށް މިހާރު ނުވުމެވެ. އަނެއް ހަގީގަތަކީ އައްޒައާ ނުލައި ފިލްމެއްގެ މަސައްކަތަށް ދާން އެއްވެސް ޑައިރެކްޓަރަކު މިހާރު ބޭނުން ނުވުމެވެ.