ހޮލީވުޑް

"ލާ ލާ ލޭންޑް" އެއް ނޫން، މޮޅު ފިލްމަކީ "މޫންލައިޓް"

ފިލްމީ ދުނިޔޭގެ އެންމެ ޝަރަފްވެރި އޮސްކާ އެވޯޑްސްގެ ކުލަގަދަ ހަފުލާ ހޮލީވުޑްގެ ޑޮލްބީ ތިއޭޓަރުގައި ނިމިގެން ދިޔައިރު އަހަރުގެ އެންމެ މޮޅު ފިލްމަކަށް ރޮމޭންޓިކް މިއުޒިކަލް ކޮމެޑީ "ލާ ލާ ލޭންޑް" އިއުލާނުކޮށްފައި ވަނިކޮށް އެންމެ މޮޅު ފިލްމަކަށް ބެރީ ޖެންކިންސްގެ "މޫންލައިޓް" ހޮވައިފި އެވެ. މިއީ އޮސްކާގެ ތާރީޚުގައި ވެސް މިފަދަ މަންޒަރެއް ފެނިގެން ދިޔަ ފުރަތަމަ ފަހަރެވެ.

އެންމެ މޮޅު ފިލްމަކަށް ހޮވިފައި ވަނީ "ލާ ލާ ލޭންޑް" ކަމަށް އިއުލާނުކުރުމަށް ފަހު އިރުކޮޅެއް ފަހުން އެއީ އިއުލާނުކުރި ފަރާތަކަށް ހެދުނު ގޯހެއް ކަމަށް ބުނެ އޮސްކާގެ ވޯޓުގުނާ ޓީމުން ވަނީ އެންމެ މޮޅު ފިލްމަކީ "މޫންލައިޓް" ކަމަށް އިއުލާނުކޮށްފަ އެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިއީ އެމެރިކާ ރައީސް ޑޮނަލްޓް ޓްރަމްޕާ އެކު އެމެރިކާގައި މިހާރު ބޮޑު ބަހުސަކަށްވެފައި އޮތް "ރޭސް" ގެ މައްސަލަ އަށް އޮސްކާ އިން ދިން ރައްދެކެވެ.

"ލާ ލާ ލޭންޑް" އަކީ އޭގައި ދޮން ނަސްލުގެ ގިނަ އެކްޓަރުންތަކެއް މުހިންމު ރޯލުތައް ކުޅެފައިވާ ފިލްމެކެވެ. އެ ފިލްމާ ވާދަކުރި "މޫންލައިޓް" އަކީ ޖުމްލަ ގޮތެއްގައި ކަޅު ނަސްލުގެ އެކްޓަރުންނާއި އެމީހުންގެ ޑްރާމާ ދައްކުވައިދޭ ފިލްމެކެވެ. "މޫންލައިޓް" އަކީ ކަޅު ނަސްލުގެ އެކްޓަރުންނާއި ޑައިރެކްޓަރެއްގެ ފިލްމެއް ކަމަށްވުމުން މި ފިލްމަށް އޮސްކާ ނުދޭނެ ކަމަށް ވެސް އޮތީ ކުރިން ބެލެވިފަ އެވެ. އެއީ އޮސްކާގައި ވޯޓު ދޭ މެމްބަރުންގެ ތެރޭގައި ގިނައީ ދޮން ނަސްލުގެ މީހުންނަށް ވާތީ އަބަދުވެސް ކުރެވޭ ތުހުމަތެކެވެ.

ނަމަވެސް އެންމެން ސިއްސުވާލުމަށް ފަހު އޮސްކާ އިން މި ވަނީ "މޫންލައިޓް" އެންމެ މޮޅު ފިލްމަކަށް ހޮވައިފަ އެވެ. އޮސްކާ ހަފުލާގައި މި ޓްވިސްޓެއް އައިއިރު ފެވަރިޓެއްގެ ގޮތުގައި ވާދަކުރި "މޫންލައިޓް" އަށް ލިބިފައި އޮތް މުހިންމު އެވޯޑަކީ އެޑަޕްޓެޑް ސްކްރީންޕްލޭގެ އެވޯޑާއި އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑެވެ.

ޑޭމިއަން ޝަޒޭލް ޑައިރެކްޓްކޮށްފައިވާ "ލާ ލާ ލޭންޑް" އަށް އެންމެ މޮޅު ޑައިރެކްޝަންގެ އެވޯޑް ލިބުނުއިރު ޝަޒޭލްވެގެން ގޮސްފައި ވަނީ އޮސްކާގައި މި ޝަރަފް ލިބިގަތް އެންމެ ޒުވާން ޑައިރެކްޓަރަށެވެ. އޭނާ އަށް 32 އަހަރެވެ.

"މޫންލައިޓް" އެންމެ މޮޅު ފިލްމުގެ އެވޯޑް ގެންދިޔައީ މި އަހަރުގެ ބެސްޓް ޕިކްޗާ ކެޓަގަރީގައި ވާދަކުރި އިތުރު އަށް ފިލްމުގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ ފިލްމުތަކަކީ ލާ ލާ ލޭންޑްއާ އެކު އެރައިވަލް، މެންޗެސްޓާ ބައި ދަ ސީ، ހިޑެން ފިގާސް، ހެކްސޯ ރިގް އަދި ފެންސެސް އެވެ. މި ލިސްޓަށް ބަލާއިރު ލާ ލާ ލޭންޑާ އެކު މޫންލައިޓް އާއި އެރައިވަލް އަކީ އެންމެ މޮޅު ފިލްމުގެ އެވޯޑް ގެންދާނެ ކަމަށް ބެލެވުނު ފެވަރިޓުންނެވެ.

ޖުމްލަ 14 އެވޯޑަކަށް ވާދަކުރި "ލާ ލާ ލޭންޑް" އަށް ދެން ލިބުނު ފާހަގަކޮށްލެވޭ އެހެން އެވޯޑްތަކުގެ ތެރެއިން ބަތަލާ އެމާ ސްޓޯން ކާމިޔާބުކުރި އެންމެ މޮޅު ބަތަލާގެ އެވޯޑް ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން އެންމެ މޮޅު ސިނެމެޓޯގްރެފީގެ އެވޯޑާއި އެންމެ މޮޅު އޮރިޖިނަލް ލަވަ އަދި އެންމެ މޮޅު ޕްރޮޑަކްޝަން ޑިޒައިންގެ އެވޯޑް ވެސް ގެންދިޔައީ "ލާ ލާ ލޭންޑް" އިންނެވެ.

މި ފިލްމަކީ މިއުޒީޝަނަކަށް ވުމުގެ ހުވަފެން ދެކޭ ޒުވާނަކާއި ބަތަލާއަކަށް ވުމުގެ ހުވަފެނުގައި ކުރިއަށްދާ ޒުވާން އަންހެން ކުއްޖެއްގެ ހަޔާތް ބައްދަލުވެގެން ދިމާވާ ކަންތައްތަކެއް ޒަމާނީ މިއުޒިކަލްއެއްގެ ގޮތުގައި ގެނެސްދީފައިވާ ފިލްމެކެވެ. އެމާ ސްޓޯންއާ އެކު ފިލްމުގައި ލީޑް ރޯލު ކުޅެފައިވާ ރަޔަން ގޮސްލިން އޭނާގެ ރޯލުން އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ވެސް ވާދަކުރި އެވެ.

"ލާ ލާ ލޭންޑް" އަކީ ޝަޒޭލް ތިން ވަނަ ފީޗާ ފިލްމެވެ. އޭނާ މީގެ ކުރިން ވެސް ގެނެސްދީފައި ވަނީ ޖޭޒް މިއުޒިކާއި މިއުޒިކްގެ ރަހަތައް ބޮޑު ދެ ފިލްމެކެވެ. އެއީ އަލަތު ޑައިރެކްޝަން ކަމުގައިވާ "ގައި އެންޑް މެޑެލިން އޮން އަ ޕާކް ބެންޗު" އާއި 2014 ވަނަ އަހަރުގެ އޮސްކާގައި އެންމެ މޮޅު ފިލްމަށް ވާދަކުރި "ވިޕްލޭޝް" އެވެ.

"ލާ ލާ ލޭންޑް" ވަނީ ހޮލީވުޑްގެ ދެ ވަނަ އަށް އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ ގޯލްޑެން ގްލޯބްސްގައި މިއުޒިކަލް ކެޓަގަރީން އެންމެ މޮޅު ފިލްމުގެ އެވޯޑް ހާސިލުކޮށްފަ އެވެ.

ބޮކްސް އޮފީހުގައި މިހާތަނަށް މި ފިލްމަށް ލިބިފައި ވަނީ 369 މިލިއަން ޑޮލަރެވެ.

އޮސްކާގެ މުހިންމު އެހެން ވަނަތައް

އެންމެ މޮޅު ފިލްމާއި ޑައިރެކްޝަންގެ އެވޯޑް "ލާ ލާ ލޭންޑް" އިން ގެންދިޔަ ނަމަވެސް އެކްޓަރުންގެ ދެ އެވޯޑް މި ފިލްމަކަށް ނުލިބުނެވެ. އެންމެ މޮޅު އެކްޓަރުގެ ކެޓަގަރީގައި ޑެންޒެލް ވޮޝިންޓަން އާއި ގޮސްލިން ފަދަ ތަރިންނާ ވާދަކޮށް މި އެވޯޑް ގެންދިޔައީ "މެންޗެސްޓާ ބައި ދަ ސީ" ގެ އެކްޓަރު ކޭސީ އެފްލެކް އެވެ.

އެންމެ މޮޅު އެޑަޕްޑެޓް ސްކްރީންޕްލޭގެ އެވޯޑް "މޫންލައިޓް" އިން ބެރީ ޖެންކިންސް އާއި އެލްވިން މެކްކްރޭނީ ގެންދިޔައިރު އޮރިޖިނަލް ސްކްރީންޕްލޭގެ އެވޯޑް ލިބުނީ އަސަރުގަދަ ޑްރާމާ "މެންޗެސްޓާ ބައި ދަ ސީ" އަށެވެ. އެންމެ މޮޅު ފިލްމު އެޑިޓިންގެ އެވޯޑް ހާސިލުކޮށްފައި ވަނީ މެލް ގިބްސަން ޑައިރެޓްކޮށްފައިވާ "ހެކްސޯ ރިގު" އިން ޖޯން ގިލްބާޓް އެވެ.

ސަޕޯޓިން އެކްޓަރުންގެ ކެޓަގަރީގައި އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްއަކަށް "ފެންސެސް" އިން ވައޯލާ ޑޭވިސް" ހޮވުނުއިރު އެންމެ މޮޅު ސަޕޯޓިން އެކްޓަރަކީ "މޫންލައިޓް" އިން ގިނަ ބައެއްގެ ހިތް ފަތަހަކޮށްލާފައިވާ އެކްޓަރު މަހޭރްޝާލާ އަލީ އެވެ.

މުހިންމު އެހެން ކެޓަގަރީތަކަށް ބަލާއިރު އެންމެ މޮޅު އެނިމޭޓެޑް ފިލްމަކީ "ޒޫޓޯޕިއާ" އެވެ. އެންމެ މޮޅު ފޮރިން ލެންގުއޭޖު ފިލްމަކީ އީރާނުގެ ޑައިރެކްޓަރު އަސްގަރު ފަރުހާދީގެ "ދަ ސޭލްސްމަން" އެވެ.

ނިމިގެން މި ދިޔައީ އޮސްކާގެ 89 ވަނަ ހަފުލާ އެވެ. މި އަހަރުގެ ހަފުލާގެ ހޯސްޓަކީ ޓޯކް ޝޯ ޕާސަނާލިޓީ އަދި ކޮމީޑިއަން ޖިމީ ކިމެލް އެވެ.