ފިނިޕޭޖް

ކެޓިޔަސް ލަވައިގެ އިސްޓޭޖަކުން ނުކަޓާނެ

މިއީ ޕިއާނޯ ރައުންޑާ ހަމައިން މޯލްޑިވިއަން އައިޑޮލް އާއި ބެލުންތެރިންނަށް އަލްވަދާއު ކިޔަން ޖެހުނު 26 އަހަރުގެ ހުސެއިން ސަމާހުގެ ހިތްވަރުގެ މީޓަރުން ދައްކާ ޖަވާބެވެ. އޭނާ ބުނަނީ އައިޑޮލްގެ ގަދަ 16 އަށް ކުރި ދަތުރަކީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ތަޖުރިބާއެއް ކަމަށެވެ.

މި އޮޑިއަކަށް އޭނާ އެރީ ވަރަށް ގިނަ ގުރުބާނީތަކެއް ވެސް ވުމަށް ފަހު އެވެ. ސޯސަން ފިހާރައިގެ މާކެޓިން ޑިޕާޓްމަންޓުގައި އަދާކުރަމުން ދިޔަ ވަޒީފާ އޭނާ ދޫކޮށްލީ މާލޭގެ އޮޑިޝަނުގައި ބައިވެރިވެ ރަނުގެ ޓިކެޓް ލިބި "އައިޑޮލެއްގެ އުއްމީދު" ބޮޑުވެގެން މި ހުވަފެނެއް ހަގީގަތަކަށް ހެދުމަށެވެ. ނަމަވެސް ސަމާހުގެ ދަތުރު ޕިއާނޯ ރައުންޑުން ނިމުމަކަށް އައީ އެވެ. އެކަމަކު އޭނާގެ ހަމަ އެއްވެސް ދެރައެއް ނެތެވެ.

"މިހިސާބަށް އާދެވުނީމަ ވެސް އަސްލު ހިތްހަމަޖެހޭ. މީގެ ތެރޭގައި އުޅެވިފަ ހުރީމަ އެނގޭ މިއީ ކިހާވަރެއްގެ ކަމެއްކަން. ކެޓިޔަސް ހިތްހަމަޖެހޭ. ވަރަށް ތަފާތު އިހްސާސެއް ކުރެވެނީ،" ލަވަކިޔުމުގެ ހަޔާތުގައި ފުރަތަމަ މުބާރާތުގެ ތަޖުރިބާ އަށް ފަހު ސަމާހު އަވަސް އަށް ދިން އިންޓަވިއުއެއްގައި ކިޔައިދިނެވެ.

"އަސްލު މިއީ ވަރަށް ބުރަ ކަމެއް. ވަރަށް ހިތްވަރު ހުރެގެން ކުރެވޭނެ ކަމެއް އައިޑޮލްގެ ޕްލެޓްފޯމްގައި ޕާފޯމް ކުރުމަކީ."

ޔަގީނަށް ވެސް ސަމާހު އެ ދިޔައީ އެ ހިތްވަރު މުޅި ރާއްޖެއަށް ދެއްކުމަށް ފަހު އެވެ.

"ކޮންމެވެސް އެއް ކުއްޖަކަށް ދޯ އައިޑޮލް އެންމެ ފަހުން ލިބޭނީ. މިފަހަރު މިތިބަ އެންމެން ވެސް ވަރަށް ޓެލެންޓެޑް. ވަކި ކުއްޖަކު މޮޅޭ ކިޔާވަރެއް ނޫން. ހަމަ އެންމެން ވެސް ވަރަށް ޓެލެންޓެޑް،" މިދިޔަ ސީޒަނުގެ ގަދަ ފަހެއްގައި ހިމެނުނު އަބްދުﷲ ފާލިހާއެކު މިއުޒިކާއި ލަވައިގެ ތެރެއަށް ވަދެ އޭނާގެ ބޭންޑް މެމްބަރެއްގެ ގޮތުގައި މިއުޒިކް ކުޅެމުން އަންނަ ސަމާހު ބުންޏެވެ.

ހުރިހާ ވެސް ޝުކުރެއް ޕީއެސްއެމް އަށް!

ސަމާހު ބުނި ގޮތުގައި މޯލްޑިވިއަން އައިޑޮލް އިން އޭނާ އާއި އޭނާގެ އެހެން އެކުވެރިންގެ ދިރިއުޅުން ވެސް ބަދަލުކޮށްލުމުގެ ހުރިހާ ވެސް ޝުކުރެއް ހައްގުވާ ފަރާތަކީ ޕީއެސްއެމް އެވެ. އައިޑޮލްގެ ގަދަ 16 އަށް ކޮންޓްރެކްޓް ދޭން ޕީއެސްއެމް އިން ނިންމާފައިވުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް އޭނާ ދެކެ އެވެ.

"ޕީއެސްއެމް އިން ވަރަށް ބޮޑު ކަމެއް މިކޮށްދިނީ. އެހެންވީމަ ޕީއެސްއެމް އަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރަން ބޭނުން. އަމިއްލަ އަށް ވަކިން ކުރިއަށް ދިއުމުގެ ބަދަލުގައި މިކޮޅާ [ޕީއެސްއެމްއާ] ގުޅިގެން ކުރިއަށް ދާން ބޭނުންވަނީ،" ސަމާހު ބުންޏެވެ. "މިހާރު އެބަ ވިސްނަން އަމިއްލަ ރާގުގެ އަމިއްލަ ލަވައެއް ނެރެން. އެކަންތައް ކުރަން ޖެހޭ ގޮތާ ބެހޭ ގޮތުން ޕީއެސްއެމްއާ މަޝްވަރާކުރަމުން މިދަނީ ވެސް."

އޭނާ ބުނި ގޮތުގައި ޕީއެސްއެމްއާއެކު މޯލްޑިވިއަން އައިޑޮލް ތަޖުރިބާކޮށްލެވުމަކީ އަހުލާގީ މިންގަނޑުން ވެސް މައްޗަށް ޖައްސާލަން ލިބުނު ފުރުސަތެކެވެ.

"އަސްލު މިފަހަރު ގައިމު ވެސް އައިޑޮލް އިން ނުކުންނަ ކުއްޖަކު ވެއްޖެއްޔާމު ވަރަށް ޑިސިޕްލިންވާނެ. ބަރާބަރަށް ނަމާދުކުރާނެ. މީހުންނަށް އިހްތިރާމް ކުރާނެ. އެއީ ފާހަގަ ކޮށްލެވޭ ކަންތައްތަކެއް މީގެ ތެރެއިން ދަސްވި. މިކޮޅުން ޕްލޭންތައް ރާވާފައި ހުންނަނީ ވެސް ވަކި ގޮތަކަށް އުޅެން،" ސަމާހު ބުންޏެވެ.

"[އައިޑޮލްގައި] ވާދަކުރާ އެންމެންނަކީ ވެސް ގަވާއިދުން ނަމާދުކޮށް އެންމެނަށް ވަރަށް ރަނގަޅަށް ކަމޭހިތައި އިހްތިރާމްކުރާ ކުދިން،"

ސަމާހުގެ ފެވަރިޓުންނަކީ ކޮބާ؟

އޭނާ އަށް ޔަގީނަށް ވެސް މި ދަތުރުގައި އެންމެ ހާއްސައީ ލިބުނު އާ އެކުވެރިންނެވެ. ސަމާހު ބުނި ގޮތުގައި ޝޯ އިން ކަޓައިގެން ދިއުމަށް ވުރެ ބޮޑު ހިތާމައަކީ ވެސް އެ އެކުވެރިންނާ ވަކިވާން ޖެހުމެވެ. އެކުވެރިންނަށް އޭނާގެ ހިތުން ދީފައިވާ ހަމަހަމަ ފުރުސަތުތަކާ ހެދި ފެވަރިޓް ލަވަކިޔުންތެރިންތަކެއް ހޮވަން ވެސް އޭނާއަކަށް ނުކެރުނެވެ.

ނަމަވެސް ވަރަށް އުނދަގުލުން މި އޮތީ ސަމާހުގެ އަތުން ލިސްޓެއް "ފެލާލައިފަ" އެވެ.

"ހަގީގަތުގައި ޝޯގެ ގަދަ ތިނެކަށް ދާނެ ބަޔަކު ބުނާކަށް ނޭނގޭ. އަސްލު ހަގީގަތުގައި ވެސް ނޭނގޭ. ވަރަށް ޔުނިކް އެންމެން ވެސް. އެކަމަކު ފާހަގަކޮށްލެވޭ ބޮބް އާއި ޝަމްވީލް އާއި ޒަކިއްޓޭ،" ލިސްޓެއް ނަހަދަން ހުރެފައި ސަމާހު ލިސްޓެއް ދިނެވެ.

"އެކަމަކު އެކަކު ވެސް މިފަހަރަކު ނުބުނޭ ތިމަން މިވެނި ހިސާބަކަށް ދާނެއެކޭ ދާނަމެކޭ ވެސް. އެހެން ބުނަން ނޭނގޭ ވަރަށް ވާދަވެރި މި އަހަރު،"