ބޭރު ކުޅިވަރު

އެލް ކްލެސިކޯ: މެޗު ފެށުމުގެ ކުރިން

އަނެއްކާވެސް އެލް ކްލެސިކޯ އެކެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީގެ ވާދަވެރި ކުރިމަތިލުމެކެވެ. ލަލީގެ ތާވަލުގެ އެއް ވަނާގައި އޮތް ބާސެލޯނާ އާއި ދެ ވަނާގައި އޮތް ރިއަލް މެޑްރިޑްގެ ފޯރިގަދަ ކުރިމަތިލުމެކެވެ.

މިރޭގެ މެޗު ފަށާނީ (ރާއްޖެ ގަޑިން ދަންވަރު) އެކެއް ޖަހާއިރު އެވެ.

އެހެންވީމަ މެޗަށް ތައްޔާރުވެގެން ވަގުތު ގުނަމުން ދަނީ ކޮން ބައެއް ހެއްޔެވެ؟

މިރޭގެ މެޗަކީ ލަލީގާގައި ރިއަލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާ 170 ވަނަ މެޗެވެ. ފާއިތުވި ކުރިމަތިލުންތަކަށް ބަލާއިރު ކުރި ލިބެނީ ރިއަލް މެޑްރިޑަށެވެ. ލަލީގާގެ ކުރިމަތިލުންތަކުގެ ތެރެއިން އެމީހުން 71 ކުރިމަތިލުން ގެންގޮސްފައިވާއިރު ބާސެލޯނާ އަށް ކާމިޔާބުކުރެވިފައި ވަނީ ދެ ޓީމުގެ ކުރިމަތިލުންތަކުގެ ތެރެއިން 66 މެޗެވެ. ދެ ޓީމުގެ 169 ލީގު ކުރިމަތިލުމުގެ ތެރެއިން 32 މެޗު ނިމިގެން ގޮސްފައި ވަނީ އެއްވަރުވެގެންނެވެ.

ނަމަވެސް މިރޭގެ މެޗު ޑްރޯއަކުން ހަމަޖައްސާލާ ވަރަށް ވުރެ ދެ ޓީމަށް ވެސް މި ކްލެސިކޯ މުހިންމެވެ. ލީގުގެ ދެ ވަނާގައި އޮތް ރިއަލް މެޑްރިޑްގެ ހިޔަނިން ދެމިގަނެ ހަތަރު ޕޮއިންޓްގެ ލީޑެއް ތާވަލުގެ ކުރީގައި ނެގުމުގެ ފުރުސަތު މި މެޗުން ބާސެލޯނާ އަށް އެބައޮތެވެ.

އަނެއްކޮޅުން ބާސެލޯނާ ބަލިކޮށްގެން އަލުން ތާވަލްގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު ރިއަލް މެޑްރިޑަށް ވެސް އެބައޮތެވެ.

މީގެ އިތުރުން ދެ ޓީމުގެ ތަރިން ކަމުގައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މެސީގެ ކުރިމަތިލުމަކީ ވެސް މެޗުގެ ފޯރިގަދަކޮށްދޭ ސަބަބެކެވެ.

މިރޭގެ މެޗަށް ނުކުންނައިރު ބާސެލޯނާގެ ކޯޗު ލުއިސް އެންރިކޭ ބުނަނީ މިއީ ލީގުގެ ޗެމްޕިއަން ކަނޑައެޅިގެންދާނެ މެޗެއް ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށެވެ.

އަމިއްލަ ދަނޑުގައި މެސީ އާއި އޭނާގެ ޓީމުގެ ކުޅުންތެރިން ރޮނާލްޑޯ އާއި ރިއަލްއާ ދެކޮޅަށް ނުކުންނައިރު ބާސާ އަށް ލީގުގައި ބާކީ އަދި 11 މެޗު އެބައޮތެވެ.

"މިރޭގެ މެޗު ވެސް ވަރަށް މުހިންމު. އެކަމަކު މިއީ ލީގު ޗެމްޕިއަން ކަނޑައެޅިގެންދާނެ މެޗެއް ނޫން،" ކުރިން މި ވާދަވެރި ދެ ޓީމަށް ވެސް ކުޅެފައިވާ އެންރިކޭ ބުންޏެވެ.

"މި ވަރުގެ މެޗެއްގައި ފެވަރިޓުން ކަނޑައަޅަން ވެސް އުދަގޫވާނެ. އެކަމަކު އަމިއްލަ ދަނޑުގައި ކުޅުމަކީ އަހަރެމެންނަށް އަބަދުވެސް ލިބޭ އިތުރު ހިތްވަރެއް."

ބާސާގެ ކޯޗު އެންރިކޭ މިހެން ބުނެފައިވާއިރު ރިއަލް މެޑްރިޑްގެ ފޯވާޑް ލައިންގެ ތަރި ކަރިމް ބެންޒެމާ ބުނަނީ މިރޭގެ މެޗަށް ނުކުންނައިރު ކުރިމަތިވެފައިވާ ފިއްތުމުގެ އިހްސާސް ކުރެވޭ ކަމަށެވެ.

"ޕްރެޝަރު ވަރަށް ބޮޑުކަން އެނގޭ އެކަމަކު މިއީ އެއަށް ވުރެ ބޮޑު މެޗެއް. މިއީ ކޮންމެ ކުޅުންތެރިޔަކު ވެސް ކުޅެން ބޭނުންވާ ކަހަލަ މެޗެއް. ރަނގަޅަށް ޑިފެންޑް ކުރެވިއްޖެ ނަމަ ހީވަނީ މިރޭ މޮޅުވެވިދާނެހެން."

އޭނާ ބުނީ ސީޒަނުގެ ކުރީކޮޅު ބާސެލޯނާއާ ދެކޮޅަށް ކުޅުނު ލީގު މެޗުގެ ނަތީޖާ ވެސް ނެރެވިދާނެ ކަމަށެވެ. އެ މެޗުން ރިއަލް މޮޅުވީ 3-1ގެ ނަތީޖާ އަކުންނެވެ.

ބާސެލޯނާގެ މިޑްފިލްޑަރު ސާޖިއޯ ބުސްކެޓްސް ވަނީ އަނިޔާ އަށް ފަހު އެނބުރި އައިސް ޓީމާ ގުޅިފަ އެވެ. އޭނާ މިރޭގެ މެޗުން ފެންނާނެ އެވެ.

މީގެ އިތުރުން ޑެނީ އަލްވޭޒް އާއި އަލްބާ ވެސް ވަނީ އެއް މެޗުގެ ސަސްޕެންޝަނަކަށް ފަހު އެނބުރި އައިސްފަ އެވެ.

އަނެއް ވާހަކަ އަކީ ރިއަލް މެޑްރިޑްގެ ތިން ކުޅުންތެރިން ކަމުގައިވާ އިސްކޯ އާއި ޓޯނީ ކްރޫޒް އަދި ހަމޭސް ރޮޑްރިގޭޒަށް މިރޭގެ މެޗުގައި ކާޑެއް ދައްކައިފި ނަމަ ސަސްޕެންޝަން އަންނާނެ ވާހަކަ އެވެ. ރީނދޫ ކާޑު ދައްކާފައިވާތީ އެވެ.

އެންމެފަހުން މި ދެ ޓީމު ބައްދަލުކުރި މެޗަކީ ލީގުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކުޅުނު މެޗެވެ. އެ މެޗުގައި ރިއަލް މޮޅުވީ ރޮނާލްޑޯ އާއި ޕެޕޭ އަދި ބެންޒީމާގެ ލަނޑުތަކުންނެވެ. ބާސާގެ ހަމައެކަނި ލަނޑު ޖެހީ ނޭމާ އެވެ.

ލީގުގައި އޭގެ ކުރިން ދެ ޓީމު ބައްދަލުކުރި ދެ މެޗު ވެސް ކާމިޔާބުކޮށްފައި ވަނީ ބާސާއިންނެވެ. ނަމަވެސް ހުރިހާ މުބާރާތްތަކަށް ބަލާއިރު އެންމެފަހުން ފެނިގެން ދިޔަ ދެ ކްލެސިކޯ ކާމިޔާބުކޮށްފައި ވަނީ ރިއަލް މެޑްރިޑުންނެވެ.

މި އަހަރަށް ބަލާއިރު މެސީ ވަނީ ނިކަން ފަސޭހަކަމާ އެކު ރޮނާލްޑޯގެ މައްޗަށް ކުރި ހޯދައިފަ އެވެ.

އެގޮތުން ކުޅުނު 18 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފައިވާއިރު ފޯމުގެ ބޮޑު މައްސަލައެއް ދިމާވެގެން އުޅޭ ރޮނާލްޑޯ އަށް ޖެހިފައި ވަނީ ކުޅުނު 14 މެޗުގައި އެންމެ ނުވަ ގޯލެވެ.

މީގެ އިތުރުން ރޮނާލްޑޯގެ އެސިސްޓް ރޭޓް ވެސް ދަށްކޮށް އުޅޭއިރު މެސީ މިހާތަނަށް 12 އެސިސްޓް ދީފައިވެ އެވެ. ރޮނާލްޑޯގެ އެސިސްޓްގެ އަދަދަކީ ހަތަރެކެވެ.

ފާހަގަކޮށްލަން ޖެހެނީ ސީޒަނުގެ ކުރީކޮޅު ދެއްކި މޮޅު ކުޅުން ރޮނާލްޑޯގެ ކިބައިން ގެއްލިފައި ވަނީ ފީފާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނު ފަހުން ކަމެވެ.