ބޮލީވުޑް

ޓައިގާ ޝްރޮފްގެ ފޮޓޯ ޝޫޓު ރާއްޖޭގައި

ދެހާސް ސާދަ ވަނަ އަހަރު ރިލީޒްކުރި ބޮލީވުޑް ފިލްމު "ހީރޯޕަންތީ" އިން ބޮލީވުޑަށް ނުކުމެ އެ ދާއިރާގައި ފައިތިލަ ހަމަކޮށް މިހާރު ބޮލީވުޑް ފޭނުންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ޓައިގާ ޝްރޮފް މިވަނީ "ޖީކިއު އިންޑިއާ" ގެ ކަވާއިން ފުރުސަތު ހޯދާފަ އެވެ. އޭގެ އެންމެ ހާއްސަ ކަމަކީ ޖީކިއު މެގަޒިންގެ މި ފޮޓޯ ޝޫޓު ނަގާފައިވަނީ ރާއްޖޭގެ ހިތްގައިމު ރިސޯޓެއްގަ ކަމަށްވުމެވެ.

މި ފޮޓޯ ޝޫޓު ނަގާފައިވަނީ ރާއްޖޭގެ އެންމެ އުތުރުގައި ހއ. އަތޮޅުގައި އޮންނަ ޖޭއޭ މަނަފަރު މޯލްޑިވްސްގަ އެވެ. ހުރިހާ ފޮޓޯއެއްވެސް ނަގާފައި ވަނީ އެ ރިސޯޓުގެ ރީތި ގޮނޑުދޮށުގައި މޫދުވެސް ފެންނަ ގޮތަށެވެ. ބީޗާ ގުޅުވާލުމަށްފަހު ގިނަ ފޮޓޯތައްވެސް ނަގާފައި ހުރީ ހުސް ގަޔާ އެވެ. އަދި ސާފް ބޯޑު ހިފައިގެންވެސް ބައެއް ފޮޓޯތައް ވަނީ ނަގާފަ އެވެ. މީގެ އިތުރުން ކެޝުއަލް ލުކެއްގައި ނަގާފައި ހުރި ފޮޓޯތަކެއްވެސް ހުއްޓެވެ.

މި ފޮޓޯ ޝޫޓް މިދިޔަ މަހުގެ ފަހުކޮޅު ކުރިއަށް ގެންދިއުމަށްފަހު ޓައިގާ ވަނީ އެނބުރި އިންޑިއާއަށް ގޮސްފަ އެވެ.

ޖީކިއު މަޖައްލާގެ މެއި މަހުގެ އަދަދަށް ޓައިގާ ނެގި ފޮޓޯތަކުގެ ތެރެއިން ބައެއް ފޮޓޯތައް އޭނާ ވަނީ އިންސްޓަގްރާމްގައި އާންމުކޮށްފަ އެވެ.

ޓައިގާގެ ފޮޓޯ ޝޫޓްގެ ކުރިން މިދިޔަ އަހަރުގެ ފަހުކޮޅު ބަތަލާ ކެޓްރީނާ ވަނީ މަޝްހޫރު ޑިޒައިނަރު މަނީޝް މަލްހޯތުރާގެ ބްރައިޑަލް ކަލެކްޝަންގެ ފޮޓޯ ޝޫޓެއް ނަގާފަ އެވެ. އަދި ޒުވާން ދެތަރިން ކަމަށްވާ އާލިއާ ބަޓް އާއި ސިދާޓް މަލްހޯތުރާ ވެސް ވަނީ މިދިޔަ އަހަރު ވޯގް މަޖައްލގެ ޝޫޓްއެއް ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށުގައި ނަގާފަ އެވެ.

ޓައިގާ ޝްރޮފްގެ ތިން ފިލްމެއް މިހާރު ރިލީޒްކޮށްފައިވާއިރު އިތުރު ފިލްމުތަކުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެއީ" ހީރޯޕަންތީ"، "ބާގީ" އަދި "ފްލައިން ޖެޓް" އެެވެ. "މުންނާ މިޝެލް"ގެ މަސައްކަތް ކުރަމުން އަންނަ އިރު "އަދޫރާ"ގެ ޕްރޮޑަކްޝަން މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. އަދި މީގެ އިތުރުން "ބާގީ 2" ގެ މަސައްކަތް ވަނީ އިއުލާނުކޮށްފަ އެވެ.

"ހީރޯޕަންތީ" އިން ޓައިގާ ވަނީ ފަސް އެވޯޑެއްވެސް ހާސިލްކޮށްފަ އެވެ.