ހަބަރު

އަމިއްލައަށް ފުޅި ދޮވެ، ގޭސް އެޅޭ ޕްލާންޓެއް މޯލްޑިވް ގޭސްއިން ގާއިމުކޮށްފި

އޮޓަމޭޓް އެލްޕީޖީ ފިލިން ޕްލާންޓަކާއި ކޮންވެޔާ ސިސްޓަމެއް މޯލްޑިވް ގޭހުގެ ތިލަފުށީ ސްޓޭޝަނުގައި ގާއިމުކޮށްފި އެވެ. މި ޕްލާންޓަކީ އަމިއްލައަށް ގޭސް ފުޅިތައް ދޮވެވި، ފުޅިތައް ހިއްކާ، ގޭސް އެޅޭ ގޮތަށް ފަރުމާކޮށްފައިވާ މުޅިން ވެސް އޮޓަމެޓިކް ޕްލާންޓެކެވެ.

މިރޭ މި ޕްލާންޓް ރަސްމީކޮށް ހުޅުވައިދެއްވީ މޯލްޑިވް ގޭހުގެ ޗެއާމަން އަހުމަދު ޝިފާން އެވެ. ޕްލާންޓް ހުޅުވުމަށްފަހު އެ ޕްލާންޓް މަސައްކަތް ކުރާ ގޮތް ވަނީ އެ ކުންފުނީގެ ބޯޑް މެންބަރުންނާއި އެގްޒެކެޓިވް ޓީމްގެ ބޭފުޅުން ބައްލަވާލައްވާފަ އެވެ.

މި ޕްލާންޓް ފަރުމާކޮށްފައިވާ ކޮންވެޔާއަށް ގޭސް އެޅުމަށްޓަކައި ގޭސް ފުޅިތައް އޮޓަމެޓިކް ބެލެޓެއްގައި ދާ ގޮތަށެވެ. އެ ބެލްޓްގައި ގޭސް ފުޅިތައް ގޭސް އެޅުމާ ހަމައަށް ކުރާ ދަތުރުގައި ގޭސް ފުޅިތައް އަމިއްލަށް ދޮވެ ސާފުކޮށް، ހިއްކަ އެވެ. އެއަށްފަހު ސިސްޓަމުން ގޭސް ފުޅިތަކަށް ގޭސް އެޅުމަށްފަހު އަނެއްކާވެސް އޮޓަމެޓިކް ބެލްޓްގައި ގޭސް ފުޅިތައް ދޯންޏަށް ފޮނުވާލަ އެވެ. އަދި، ގޭސް ފުޅިތަކަށް އެޅޭ މިންވަރު ސިސްޓަމުން ދައްކައިދެ އެވެ. އެ ސިސްޓަމް މެދުވެރިކޮށް ފޯނުން ވެސް އެ ޑޭޓާ ބަލާލެވޭނެ އެވެ.

ޕްލާންޓްގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ބޭރުގެ ކުންފުންޏަކާ ގުޅިގެން މޯލްޑިވް ގޭހުން 16 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމުކުރި މި ޕްލާންޓް އިންސްޓޯލްކޮށް ނިންމިފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

މޯލްޑިވް ގޭހުގެ އެމްޑީ، އަބްދުﷲ މައުމޫން ވިދާޅުވީ، މި އޮޓަމޭޓް ޕްލާންޓްގެ ސަބަބުން މަސައްކަތުގެ ސްޕީޑަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ. ކުރީގަ ދޯނި ކައިރިކޮށް ހަތަރު ގަޑިއިރު ފަސް ގަޑިއިރު ކޮށް ނިންމާލެވޭ މަސައްކަތް މިހާރު ގަޑިއިރެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

"ކުރީގަ އަޅުގަނޑުމެން 800 ފުޅި ގަޑިއިރެއް ތެރޭގަ އަޅާ ކަމަށްވާނަމަ މިހާރު އޭގެ ދެގުނައަށް އެކަން އަޅުގަނޑުމެންނަށް ކުރެވޭނެ، އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް، އެއާއެކު ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބިގެންދާނެ ހިތްހަމަޖެހުމެއް، ސްޕީޑް އަވަސްކޮށް ކަންކަން ނިމުން،" މައުމޫން ވިދާޅުވި އެވެ.

މި ޕްލާންޓް ގާއިމުކުރެވިގެން ދިޔުމުން ކުރިން ގޭސް ފުޅިތައް އުފުލައި ބާލަން ގެންގުޅުނު ވެހިކަލްތަކާއި މުވައްޒަފުން ބޭނުމެއް ނުވާނެ އެވެ. ކުރީގައި ހަތަރު ގަޑިއިރުން އެޅެނީ 300 ފުޅި ގޭހެވެ. އެ މަސައްކަތުގައި ރޭގަނޑުގެ ދިހައެއް ބާރަ ޖަހަންދެން ވެސް މަސައްކަތް ކުރަންޖެހެ އެވެ. ނަމަވެސް އާ ޕްލާންޓް ގާއިމުކޮށް މަސައްކަތްކުރި ދުވަސްތަކުގައި ކޮންމެ ދުވަހަކު ވެސް މަސައްކަތް އިރުއޮއްސި ހައެއް ޖަހާއިރަށް ނިންމާލެވޭ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

މިކަމުގެ ސަބަބުން ބާކީވި ވިއްސަކަށް މުވައްޒަފުން ވަކިނުކުރާނެ ކަމަށާއި އެ މުވައްޒަފުން މެއިޓަނެންސްގައި މަސައްކަތް ކުރާނެ ކަމަށް މޯލްޑިވް ގޭހުން ބުންޏެވެ. އޭގެ ސަބަބުން ކުރިން މުވައްޒަފުންގެ ދަތިކަމާއެކު ނުވެ ހުރި ކަންކަން ފުރިހަމަ ކުރެވިގެންދާނެ ކަމަށެވެ.

މޯލްޑިވް ގޭހުގެ ޗެއާމަން ޝިފާން ވިދާޅުވީ، މިދިޔަ ތިން އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި ޒަމާނާ އެއްގޮތަށް ކުންފުނި ކުރިއަށް ގެންދިޔުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ކުންފުނީގެ އަމާޒަކީ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އަވަސް ހިދުމަތްތެއް ފޯރުކޮށްދިނުން ކަމަށް ވިދާޅުވި އެވެ.