ހޮލީވުޑް

ބިޔޯންސޭގެ ޓްވިންސް ދެ ދަރިން ދައްކާލައިފި

ބިޔޯންސޭ އާ ޖޭޒީއަށް މިދިޔަ މަހު ވަނީ އެއް މާބަނޑު ދެ ކުދިން ލިބިފަ އެވެ. އެ ހަބަރާއެކު ބިޔޯންސޭ ފޮލޯ ކުރާ މީހުން ރެޔާ ދުވާލު ތިން ހަތަރު ފަހަރަށް ބޮޔޯންސޭ އަދި ޖޭޒީ އަދި އެ މީހުންނާ ގުޅުންހުރި އެހެން މީހުންގެ އިންސްޓަގްރާމް ހާވަން ފެށީ އެކުދިންގެ ފޮޓޯއެއް ފެނޭތޯ އެވެ. އެ އުންމީދު ހާސިލް މިވީ އިއްޔެ އެވެ.

ބިޔޯންސޭ ވަނީ އިއްޔެ އޭނައަށް ލިބުނު ޓުވިންސް ދެ ކުދިންގެ ފޮޓޯއެއް އިންސްޓާ ކޮށްފަ އެވެ. އެކުދިންނަށް އެއް މަސް ވެއްޖެ ކަމަށް ބުނެ ލާފައިވާ ފޮޓޯ އެކެވެ. ބިޔޯންސޭ އަށް ލިބިފައިވަނީ އެއް މާބަނޑު އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. "ސާ ކާޓާ" އަދި "ރޫމީ" އަށް އިއްޔެ އެއްމަސް ވީ އެވެ. އޭގެ އިތުރަށް ފަސް އަހަރުގެ އަންހެން ދަރިއަކުވެސް ބިޔޯންސޭ ހުރެ އެވެ.

އިއްޔެ އިންސްޓަގްރާމް ކުރި އެ ފޮޓޯއަށް ގަޑިއެއްގެ އިރުތެރޭ ދެ މިލިއަން ލައިކްސް ވަނީ ލިބިފަ އެވެ. އަދި ގިނަ ބަޔަކު ވަނީ އެކުދިންނަށް ތައުރީފްކޮށްފަ އެވެ.

މިއީ އެކުދިންނާ ބެހޭ މައުލޫމާތެއް އާންމުކުރި ފުރަތަމަ ފަހަރެވެ. ވިހެއުމާ ހަމައަށް ބިޔޯންސޭ ވަނީ އޭނާގެ ޑިއު ޑޭޓުވެސް ސިއްރުކޮށްފަ އެވެ.

ބިޔޯންސޭ އާއި ޖޭޒީގެ ލޯބީގެ ގުޅުން ފެށިފައިވަނީ ބިޔޯންސޭއަށް 19 އަހަރު ގައި 1999 ގައެވެ. ދިހަ އަހަރު ދުވަސް އެކުގައި ހޭދަކޮށް އެންމެ ފަހުން ކައިވެނި ކޮށްފައިވަނީ 2008 ވަނަ އަހަރެވެ.