ބޮލީވުޑް

ދެ އަހަރު ފަހުން ކަރަން އަށް ކުޅޭނެ ފިލްމެއް ލިބިއްޖެ

ކުރީގެ މަޝްހޫރު ޓީވީ ތަރި ކަރަން ސިންގް ގްރޯވަރު ބޮލީވުޑަށް ނިކުތީ މީގެ ދެ އަހަރުކުރިން ނިކުތް "އެލޯން" އެވެ. ހަމަ އެ އަހަރުގައި ކަރަން ވަނީ "ހޭޓް ސްޓޯރީ" ސިލްސިލާގެ ތިން ވަނަ ފިލްމު، "ހޭޓް ސްޓޯރީ 3" އިން ވެސް ފެނިގެން ގޮސްފަ އެވެ. އެ ފިލްމުގެ ފަހުން ކަރަން އާއެކު "އެލޯން" އިން ފެނިގެންދިޔަ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ބިޕާޝާ ބާސޫ އާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ވަނީ މިދިޔަ އަހަރު ކައިވެނިކޮށްފަ އެވެ.

ބިޕާޝާއާ ލޯބީގެ ގޮތުން ގުޅި ކައިވެނިކުރި ފަހުން ކަރަން އަށް ފިލްމަކުން މަސައްކަތެއް ދޭނެ ފަރާތެއް ނުވެގެން އުޅޭ ކަމުގެ ވާހަކަތައް ވަނީ އަޑުއަރާފަ އެވެ.

ހަބަރުތައް ބުނާގޮތުން ގާތްގަނޑަކަށް ދެ އަހަރު ފަހުން ކުޅޭ ފިލްމެއް ކަރަން އަށް ވަނީ ލިބިފަ އެވެ. އެ ފިލްމު ކުޅެން ކަރަން ސޮއިކޮށްފައިވާ ކަމަށްވެ އެވެ. "ފިކްރީ" ނަމަކަށް ކިޔާ މި ފިލްމުގައި ކަރަން އާއެކު މުހިންމު ރޯލަކުން ނީލް ނިތިން މުކޭޝް ފެނިގެންދާނެ އެވެ.

އަންނަ މަހުގައި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާއިރު، ޝޫޓިން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ސާޅީސް ދުވަހުގެ ޝެޑިއުލެއްގައި ލަންޑަނުގަ އެވެ.

ތްރިލާ މި ފިލްމު ޑައިރެކްޓްކުރަން ނިންމާފައިވަނީ އަންކޫޝް ބަޓް އެވެ. ކަރަން އާއި ނީލްގެ އިތުރުން ޝިބާނީ ޑަންޑޭކަރާއި ސަންދީޕާ ދާރް އަދި ކޭ ކޭ މެނޮން ވެސް ފެނިގެންދާނެ އެވެ.

ކުރިން ކަރަން އޮތީ އަންކޫޝް ޑައިރެކްޓްކުރާ "3 ޑޭވް" ކުޅޭ ގޮތަށެވެ. ނަމަވެސް އެ ފިލްމުގެ މަސައްކަތް ވަނީ ވަގުތީ ގޮތުން މަޑުޖައްސާލާފަ އެވެ.

ކަރަން އަށް ކުޅޭނެ ފިލްމެއް ލިބުނަސް، "އެލޯން" އަށް ފަހު ކުޅޭނެ ފިލްމެއް ބިޕާޝާ އަކަށް އަދިވެސް ނުލިބެ އެވެ.