ހަބަރު

ނަޝީދާއި ނާޒިމްގެ ކިބައިން އެދެނީ އިސްތިއުނާފަށް ވަޑައިގަތުމަށް: ރައީސް

Apr 16, 2015
1

ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަށް އިލްތިމާސް ކުރަނީ އެ ހުކުމާ މެދު ހިތްހަމަ ނުޖެހޭ ނަމަ އިސްތިއުނާފް މަރުހަލާގެ ތެރެއިން ކުރިއަށް ދިޔުމަށް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްްޖެ އެވެ.

އއ. ފެރިދޫ ކައުންސިލްގެ މެންބަރުން ޕީޕީއެމްއަށް ސޮއި ކުރުމަށް މުލިއާގޭގައި ބޭއްވި ހަފްލާގައި ރައީސް ވިދާޅުވީ ނާޒިމް އަށާއި ރައީސް ނަޝީދަށް ކުރައްވާ އިލްތިމާސް އަކީ އިސްތިއުނާފްގެ މަރުހަލާއިން ކުރިއަށް ވަޑައިގަތުން ކަމަށެވެ. އަދި ހުކުމަކާ މެދު ހިތްހަމަ ނުޖެހޭ ނަމަ، އެކަން ކުރަން ގާނޫނީ ހަމަޔަކީ އެއީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެ ދެބޭފުޅުންނަށް އަޅުގަނޑު ކުރައްވާނެ އިލްތިމާސަކީ އިސްތިއުނާފްގެ ބޭނުން ހިއްޕަވާށޭ،" ރައީސް ވިދާޅުވި އެވެ.

ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް ކޮށްފައި ވަނީ ވެރިކަމުގައި ހުންނެވި އިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވުވާ ގުޅިގެންނެވެ. ނަޝީދު ވަނީ ކޯޓުން އިންސާފު ނުލިބޭނެ ކަމަށް ވިދާޅުވެ އިސްތިއުނާފުގެ ފުރުސަތު ބޭނުން ނުކުރަން ނިންމަވައި، މިކަމުގައި ސިޔާސީ ހައްލަކަށް އެދިވަޑައިގެންފަ އެވެ. އަދި އެކަމަށް އެދި އެމަނިކުފާނުގެ ގިނަ ސަޕޯޓަރުން އަންނަނީ ޕެޓިޝަނެއް ތައްޔާރު ކުރަމުންނެވެ. ނަޝީދުގެ ގާނޫނީ ޓީމުން ބުނެފައި ވަނީ ނަޝީދު ޖަލުން ސަލާމަތް ކުރުމުގެ ކަންތައްތައް ރައީސްއަށް ކޮށްދެވިދާނެ ކަމަށެވެ.

ނަމަވެސް ނާޒިމް ވަނީ އިސްތިއުނާފުގެ 10 ދުވަސް ހަމަވުމުގެ ކުރިން އިސްތިއުނާފަށް ހުށަހަޅުއްވައިފަ އެވެ.