ހަބަރު

ފޮރެންސިކް ރިޕޯޓާ އެކު ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގު ފުޅާކުރަނީ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގައި ފުލުހުން ބަލައި ފާސްކުރި ތިން ކާރަކުން ހޯދި، ސާމްޕަލްތަކުގެ ފޮރެންސިކް ރިޕޯޓުތަކަށް ބަލައި އެ ތަހުގީގު އިތުރަށް ފުޅާކުރެވޭނެ ދާއިރާތައް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

އެ މައްސަލައިގައި ނެގި ސާމްޕަލްތަކުގެ ބޭރަށް ފޮނުވައިގެން ހެދި ރިޕޯޓްތަކުގެ ނަތީޖާ ލިބުމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލައާ ގުޅިގެން ތިން ކާރަކުން ސާމްޕަލްތައް ނަގައި ބޭރަށް ފޮނުވި ކަމަށެވެ. އަދި އެ ރިޕޯޓްތައް ބަލައި އޭގެން ލިބުނު މައުލޫމާތުތަކުގެ އަލީގައި އެ ތަހުގީގު އިތުރަށް ފުޅާކުރެވޭނެ ގޮތްތައް ތަހުގީގު ޓީމުން މިހާރު ހޯދަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކުރިންވެސް ތަކުރާރުކޮށްފައިވާ ގޮތުން ފުލުހުން މިފަހަރު ވެސް ބުނެފައި ވަނީ، ރިލްވާން ގެއްލިގެން މިހާތަނަށް މިވީދުވަސްތަކުގައިވެސް މިމައްސަލާގައި ލިބުނު މައުލޫމާތަށް ބަލާއިރު އޭނާ ދުނިޔޭގައި ނެތްކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތް ކަމަށެވެ. އަދި އެފަދަ މައުލޫމާތެއް އެއްވެސް ފަރާތަކުން ފުލުހުންނާ ހިއްސާ ކޮށްފައި ނެތް ކަމަށް ބަޔާނުގައިވެ އެވެ.

"މިމައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ހުއްޓާލާނީ އަޙްމަދު ރިޟްވާން އަބްދުﷲ އާބެހޭ ސައްހަ މައުލޫމާތު އިތުބާރު ހުރިގޮތެއްގައި ފުލުހުންނަށް ލިބި އެކަމާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައެވެ. މިކަމަށް ކިތަމްނެ ދުވަހެއް ހޭދަވެގެންދިޔަޔަސް ފުލުހުން މިމައްސަލަ ތަޙުޤީޤު ކުރުން ހުއްޓާ ނުލާނެވާހަކަ ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

މިމައްސަލައިގެ ތަހުގީގުގައި މިހާތަނަށް 387 މީހަކާ ސުވާލުކޮށް މައުލޫމާތު ހޯދައި 128 އަށްވުރެ ގިނަމީހުންގެ ތަހުގީގު ބަޔާން ވަނީ ނަގައިފަ އެވެ. އަދި ހުޅުމާލޭގައި ރިޟްވާން ގެއްލުނު އެޕާޓްމަންޓުގެ ވަށައިގެންވާ ފްލެޓްތަކާއި 77 އެޕާޓްމަންޓްގައި އުޅޭ ގިނަ ބައެއްގެ ފަރާތުން މަޢުލޫމާތު ހޯދައި ވަނީ އެއްކޮށްފަ އެވެ. 

ރިޟްވާން ގެއްލުުނު މައްސަލައިގެ ތަހުގީގުގައި މާލެ އާއި ހުޅުމާލޭގެ އެކި ސަރަޙައްދުތައް ހިމެނޭ ގޮތުން 79 އަށްވުރެ ގިނަ ތަނަކުން 157 ކެމެރާއިން 1235 ގަޑިއިރުގެ ވީޑިއޯ ފުޓޭޖް ހޯދައި އެތަކެތި ދިރާސާކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. މީގެ އިތުރުން އެހެނިހެން މާއްދީ ހެކިތައް ހޯދައި އެތަކެތި އެނަލައިޒް ކޮށްފައިވެ އެވެ. ހަމައެއާއެކު ހުޅުމާލޭގެ ޢާންމު ހުރިހާ ސަރަޙައްދަކާއި ބަންދުކޮށްފައި އޮންނަ ސަރަޙައްދުތަކާއި ސިނާޢީ މަސައްކަތްކުރާ ސަރަޙައްދުތައް ބަލައި ފާސްކުރެވިފައިވެއެވެ. ހުޅުމާލެއިން 139 އަށްވުރެ ގިނަ ތަންތަން ކޯޓުއަމުރުގެދަށުން ވަނީ ބަލައި ފާސްކޮށްފަ އެވެ.