މިއުޒިކް

ނިއުމާގެ "އޮބެގަ މަތެކަން" ލަންކާ ޗެނަލަކަށް

ނިއުމާ މުހައްމަދު ފިލްމީ ކެރިއަރުގައި ހޭދަވި 23 އަހަރު ފާހަގަކުރުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ "ސެލެބްރޭޓިން 20" ގެ ނަމުގައި ހާއްސަ ލަވަ އަލްބަމެއް ނެރެފަ އެވެ. އަލްބަމް ރިލީޒް ކުރަމުން ނިއުމާ ބުނީ އަލްބަމް ގަންނަން ލިބޭނީ މި ހަފްތާގެ އަންގާރަ ދުވަހުގެ ފަހުން ކަމަށެވެ. އެވެސް ނިއުމާގެ ފޭސްބުކް އަދި އިންސްޓަގްރާމަށް މެސެޖުކޮށްގެންނެވެ.

އެ އަލްބަމަކީ ނިއުމާއަށް ވަރަށް ހާއްސަ އަލްބަމެކެވެ. އޭނާގެ އެންމެ ފަހުގެ ލަވަ އަލްބަމްވެސްމެ އެވެ. އޭގެ ފަހުން ނިއުމާގެ ފޭނުން ކެތްތެރިކަމެއް ނެތި ތިބީ އަލްބަމްގެ ލަވަތައް ބަލައިލެވޭނެ ވަގުތަކަށެވެ. ނިއުމާ މިވަނީ އެ ފޭނުންނަށް އަނެއްކާވެސް ހަދިޔާއެއް ދީފަ އެވެ. އެ އަލްބަމްގެ ލަވަތައް ޔޫޓިއުބުން ބަލައިލެވޭނެ ފުރުސަތު ހޯދައިދިނީ އެވެ. މިހާރު އެ ލަވަތައް ޔޫޓީއުބްގައި ހުންނާނެ އެވެ.

ނިއުމާގެ ސެލެބްރޭޓިން 20 އިން ރީތި ލަވަތަކެއް ފެނިގެން ދިޔައިރު އެންމެ ތަފާތު އަދި ފާހަގަކޮށްލެވުނު އެއް ލަވަޔަކީ ލަންކާ ބަހުން ގެނެސްދީފައިވާ "އޮބެގަ މަތެކަން" އެވެ. ތަފާތު ރީތި ލަވަޔަކަށް އެ ލަވަ ވިއެވެ. ނިއުމާގެ ކެރިއަރުގައި ލިބުނު ކާމިޔާބު ފާހަގަކުރަން ގެނެސްދިން އަލްބަމެއްގައި ލަންކާ ބަހުން ލަވައެއް ގެނެސްދެނީ ކޮންމެވެސް ހާއްސަ ސަބަބެއް އޮވެގެން ކަމަށް ވަރަށް ބޮޑަށް ހީވެ އެވެ.

"އަސްލު ވީ ގޮތަކީ ހަންނާންބޭ [އަބްދުލް ހައްނާނު މޫސާ ދީދީ] ކައިރިއަށް ލަވައެއްގެ މިއުޒިކް ހަދަން ދިޔައީމަ ހަންނާނުބެ އެކި ރާގުތައް ކުޅެމުން ގޮސް އެ ރާގު ކުޅުނީ، ދެން އެ ރާގުކޮޅު ރީތިވެގެން ހަންނާނުބެ ލަވައެއް ހަދައިދިނީ، އަސްލު އެ ލަވަ ހެދީ ލަންކާގެ ޗެނަލަކަށް ހަދިޔާ ކުރަން،" އަވަސް އާ ފޯނުން ވާހަކަ ދައްކަމުން ނިއުމާ ބުންޏެވެ.

އަބްދުލް ހަންނާނުގެ އަމިއްލަ ރާގަކަށް މިއުޒިކް ހަދާ ލަވައިގެ ލިރިކްސް އަދި ލަވަ ކިޔާފައިވަނީވެސް އޭނާ އެވެ. ހަންނާނާއެކު ލަވަ ކިޔާފައިވަނީ ސްރީލަންކާގެ ލަވަކިޔުންތެރިއެއް ކަމަށްވާ ޝަޝިނީ އެވެ.

ނިއުމާ އާ އެކު އެ ލަވައިން ފެނިގެންދަނީ އަހްމަދު އަޒްމީލް (އަޒޭ) އެވެ. ލަވަ ޑައިރެކްޓް ކޮށްފައިވަނީ ވެސް އަޒޭ އެވެ.

"އޮބެގަ މަތެކަން" އަދި އަންހެން ކުއްޖަކު ރީތިވެގެން އުޅޭ ވާހަކަ ކިޔައިދޭ ލަވައެކެވެ. ލަންކާ ޗެނަލަކުން އެ ލަވަ ދައްކަން ނިއުމާ މިހާރުވެސް އަންނަނީ ލަންކާގެ ދެ ޓީވީ ޗެނަލާ ވާހަކަ ދައްކަމުންނެވެ. އެކަމަށްޓަކައި ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އޭނަ ލަންކާއަށް ދާނެ އެވެ.

ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން އުފެއްދި މި އަލްބަމްގެ ލަވަތަކުން ނިއުމާ އާއެކު އަހްމަދު އަޒްމީލް (އަޒޭ)، އިސްމާއީލް ޖުމައިހް (ޖުމާ)، އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، އަޖުނާޒް، މުހައްމަދު މަނިކު އަދި އެހެން ތަރިންވެސް ފެނިގެންދެ އެވެ. އަލްބަމްގެ ދެ ލަވައެއް ނިއުމާގެ އަޑުން ކިޔާފައިވާއިރު ނިއުމާގެ އެންމެ ހިޓު އެއް ލަވަ "ރުހެންޏާ ލޯބި ދީ" އެ ލަވައިގެ އާ ވާޝަން އެއް ހިމެނެ އެވެ.

ސެލެބްރޭޓިން 20 އަލްބަމް ރިލީޒްކުރުމަށްފަހު ނިއުމާ އެންމެ ފަހުން ކުޅޭ ފިލްމު "ނިވައި ރޯޅި"ވެސް ވަނީ ލޯންޗުކޮށްފަ އެވެ.