ލައިފްސްޓައިލް

ބީވައިސީ: ޒުވާނުންގެ ވާހަކަތައް ގެނެސްދޭ ޒުވާން ޓީމް

ހުނަރުވެރި ޒުވާނުންގެ ވާހަކަތައް ގެނެސްދީ އެ ޒުވާނުން ކުރިއަރުވަން މި ޒުވާނުން ކުރާ މަސައްކަތް ކުޑައެއް ނޫނެވެ. މިއީ ބިލީވް ޔޫ ކޭން ނުވަތަ ބީވައިސީގެ ވާހަކަ އެެވެ. ބީވައިސީ އަކީ ހުސެން އަމަން އަދި އަހްމަދު އިބްތިހާލް އިސްނަގައިގެން އުފެއްދި ޖަމްއިއްޔާ އެކެވެ.

ހުނަރުވެރި ޒުވާނުން ފާހަގަކޮށް އެ ޒުވާނުންގެ، ކުރު އެހެންނަމަވެސް ތަފްސީލް ވީޑިއޯ ރިޕޯޓުތަކެއް ފޭސްބުކްގައި ގެނެެސްދޭ ހާއްސަ ކެމްޕޭނެއް މިހާރުވެސް އެ މީހުން އެބަ ކުރިއަށް ގެންދެ އެވެ. "ކުރާހިތުން ކުރާނަން" ނަމުގައި ބީވައިސީން ގެނެސްދޭ އެ ވީޑިއޯގެ މަގުސަދަކީ ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ހުނަރުވެރި ޒުވާނުންނަށް މަގެއް ކޮށައިދީ އެ ފުރުސަތު ހޯދައިދިނުމެވެ.

ހަމައެކަނި ރާއްޖެއަކުން ނޫނެވެ. ބައިނަލްއަގްވާމީ ގޮތުންވެސް އެ ޒުވާނުންނަށް ކުރިއަށްދާނެ ފުރުސަތުތައް ހޯދައިދިނުމެވެ. ސުމަކުން ފެށި އެ ގްރޫޕް އެންމެ ފުރަތަމަ ފެށި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެންމެ ހުނަރުވެރި އަދި ތަޖުރިބާ ހުރި މީހުންގެ ނުވަތަ ލެޖެންޑުންގެ ވީޑިއޯ ހަދަން ފެށީ އެވެ. އެ މަސައްކަތްތަކުގެ ތެރެއިން "ކުރާހިތުން ކުރާނަން" އުފައްދާ ޒުވާނުންގެ ވީޑިއޯ ރިޕޯޓުތައް ނެރެންފެށީ އެވެ.

އެންމެ ފުރަތަމަ ހަދަންފެށި ވީޑިއޯތައް ނެެރެން ހަމަޖެހިފައިވަނީ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ކައިރި މުސްތަގުބަލެއްގައި ލެޖެންޑުންގެ ވީޑިއޯތައް އާންމުކުރަން ފަށާނެ އެވެ. ބަޖެޓު ހޯދުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.

"ކުރާހިތުން ކުރާނަން" އަށް ޒުވާނުން ހޮވުމުގައި އެ ޒުވާނުންގެ މަސައްކަތްތައް ކައިރިން ބަލަ އެވެ. އެކަމަށް ހާއްސަ ޓީމަކުންނެވެ. އޭގެ އިތުރުން އަމިއްލައަށް އެދިގެންވެސް ހުނަރުވެރި ޒުވާނުންގެ ވީޑިއޯތައް ހަދައިދެ އެވެ.

"އަސްލު އަޅުގަނޑުމެންގެ ބޭނުމަކީ އިންޓަނޭޝަނަލް މާކެޓަކަށް އެކުދިން ފޮނުވާލުން، ކުރާހިތުން ކުރާނަން އެއީ އެންމެ ކުޑަ ޕްރޮޖެކްޓް، ބީވައިސީގެ ޓާގެޓަކީ އިންޓަނޭޝަނަލް މާކެޓް، ރާއްޖޭގައި ނެތް މާބޮޑަށް ކުރިއަށް ދެވޭކަށް، ރާއްޖޭގައި ވާ ގޮތަކީ ކުރާހިތްވާ ކަމެއް ކުރަން ޖެހެނީ ޖޮބަކަށް ގޮސް އައިސް، އެކަމަކު އަސްލު ބޭނުންވަނީ ކުރާހިތްވާ ކަމެއް ކޮށްގެން އިންކަމްއެއް ޖެނެރޭޓް ކުރުން، އޭގެ ފެށުމެއް މިއީ" ބީވައިސީގެ ނައިބު ރައީސް އަހްމަދު އިބްތިހާލް (އިއްޕި) ބުންޏެވެ.

300 އަށްވުރެ ގިނަ މެންބަރުން ހިމެނޭ އެ ގްރޫޕަށް ރާއްޖޭގެ އެންމެ ފުންނާބު އުސް ފަންނާނުން ގުޅި މިހާރު އަންނަނީ ތީމް ލަވައެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ ލަވައިގެ މަސައްކަތްތައް ކުރަނީ މިސްޓީ، ނިޝް، ޒިޕޯ، ހުސެން ސަމާހު (ބަޖިއްކޮ) އަދި އަންދަލާ އެވެ. މަސައްކަތްތަކުގައި 30 އަށްވުރެ ގިނަ ވޮލަންޓިއަރުން ހަރަކާތްތެރިވެ އެވެ.

ތީމް ލަވައަށްފަހު ބީވައިސީގެ އަމާޒު ހިފާފަހުރީ ޒުވާން އާޓިސްޓުންވެސް އިތުރު ހަރުފަތަކަށް ކުރިއަށް ގެންގޮސްދޭށެވެ. އެ ފަންނާނުންގެ އަމިއްލަ ވީޑިއޯ ލަވަތައް ނެރެދެން އެހީތެރިވާން ވަނީ ނިންމާފަ އެވެ.

"އަޅުގަނޑުމެން މި އަޅައިދެނީ ލިންކުތަކެއް، މިސާލަކަށް ލަވަކިޔަން ބޭނުންވާ ކުދިންނަށް އަޅުގަނޑުމެންގެ ވީޑިއޯގްރާފާސް ބޭނުންކޮށްގެން ވީޑިއޯ ލަވަތަކެއް ހަދައިދީ، އެއަށް ސްޕޮންސަރުން ހޯދައިދީ އޭތި ބޮޑުކޮށް، އިންޓަނޭޝަނަލް މާކެޓަށް ދެވޭނެ ލިންކުތަކެއް، އެމީހުންނަށް އެ އޮޕޮޗުނިޓީ ދިނީމަ ދާން ބޭނުންކުދިން ދާނެ، އެއީ ޓާގެޓަކީ،" އިއްޕި ބުންޏެވެ.

ބީވައިސީއިން މަސައްކަތް ކުރަނީ ރާއްޖޭގައި ހުންނަ ބޭރުގެ އެންބަސީތަކާއި އެހެނިހެން އެސޯސިއޭޝަންތަކާއިވެސް ގުޅިގެންނެވެ. އެ ގްރޫޕު އުފައްދައިގެން މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ނަށަން ދަސްކޮށްދޭ ވޯކްޝޮޕަކާއި ރޮހިންޔާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ހާއްސަ ކެމްޕޭނެއް ކުރިއަށް ގެންގޮސްފައިވެ އެވެ.