ދިވެހި ސިނަމާ

ފައްތާހާއި ނަހުލާގެ ކޯޅުމާއި ވަކިވުމަށް ޔޫއްޕެއާ ސީޒަންގެ ބަސް!

ޑައިރެކްޓަރު ފާތިމަތު ނަހުލާ އަދި އަބްދުލް ފައްތާހުގެ ދިގު ފިލްމީ ކެރިއަރުގައި ގެނެސްދިން ދިގު ފިލްމުތަކުގައި ރަސްކަން ކުރަމުން އައި ދެ ތަރިންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އަދި އަލީ ސީޒަނެވެ. އެ ދެ ތަރިންގެ ކާމިޔާބުގެ ފަހަތުގައި އެންމެ ބުރަކޮށް މަސައްކަތް ކުރި ދެ ޑައިރެކްޓަރުންނަަށް ފައްތާހު އާއި ނަހުލާ ވާނެ އެވެ. ޔޫއްޕެ އާއި ސީޒަނާއެކު ރީތި ފިލްމުތަކެއް ދެ ޑައިރެކްޓަރުން ގެނެސްދިނެވެ. ދިވެހި އޯޑިއަންސް ރޮއްވައި ހެއްވުމުގައި އެންމެ ކުރީގައި އުޅުނީ ޔޫއްޕެ އާއި ސީޒަން އެވެ.

ފިލްމީ ދާއިރާއިން ދުރަށްދާން ފައްތާހު ނިންމި ނިންމުމުގެ ސަބަބުން އެންމެ ބޮޑު ޝޮކެއް ލިބުނު ދެ ތަރިންނަށް ޔޫއްޕެ އާ ސީޒަން ވިއެވެ. ދެ ތަރިން ވެސް ބުނަނީ ފައްތާހުގެ އެ ނިންމުން ގަބޫލެއް ނުކުރެވެ އެވެ.

ޔޫއްޕެ ބުނީ އޭނާއަށް ބޮޑަށް ގަބޫލު ކުރެވެނީ "މީޑިއާ ސްޓަންޓެއް" ގޮތަށް ކަމަށެވެ. ފައްތާހު އެންމެ ފަހުން ގެނެސްދިން "ހައްދު" ގެ ޕްރޮމޯޝަނެއްގެ ގޮތަށެވެ. އެ ނިންމުން ފައްތާހު ނިންމާފަ އެވަނީ ނަހުލާ އާ ދެ މީހުންގެ ދެމެދު ހިނގި "ކޯޅުމަށް" ފަހުގައި ކަމަށެވެ.

"ދާއިރާއަކުން ދުރަށް ނުދެވޭނެ، ދާއިމީކޮށް ފިލްމު ހަދާ ބައެއް ނޫން އެއީ، ދަމަކުން ބަޑިއެއް ޖަހާހެން އަމިއްލަ ހިތްހަމަ ޖެހުމަށް އެކަން އެކުރަނީ... މީޑިއާ ސްޓަންޓެއް އެއީ، އަދި އަންނާނެ ދާއިރާއަށް އަނބުރާ،" ޔޫއްޕެ ބުންޏެވެ.

ފައްތާހުއާއެކު ޔޫއްޕެ މަސައްކަތް ކޮށްފައިވާ ބައެއް ފިލްމު ތަކުގެ ތެރޭގައި "ވާ ލޯބި އެނގޭނަމަ" އަދި "ވެހޭ ވާރޭތެރެއިން" ފާހަގަކޮށްލެވެ އެވެ. ޔޫއްޕެ ވަނީ ނަހުލާއާއެކު "ޔޫސުފް" އަދި "ޒުލޭހާ" ފަދަ ކާމިޔާބު ފިލްމްތަކެއްގައި މަސައްކަތް ކޮށްފަ އެވެ.

"ޔަގީނެއް ނޫން މިއީ ދާއިމީ ނިންމުމެއް ކަމަކަށްް، ގަބޫލެއްވެސް ނުކުރެވޭ، އެހާ ތަސައްރަފު ނުފެދޭ ޑިސިޝަންއެއް ނަގާނެހެން ހީނުވަނީ، ހީވަނީ އަދި އެނބުރި އަންނާނެ ހެން، ފައްތާހުގެ އެ ނިންމުމަކީ ދާއިމީ ނިންމުމެއް ނަމަ އެއީ ދާއިރާއަށް ލިބޭ ދެރައެއް،" ފައްތާހުގެ ކުއްލި ނިންމުމާ ދޭތެރޭ ސީޒަން ބުންޏެވެ.

ފައްތާހުގެ ނިންމުމާ ގުޅިގެން ސީޒަން ތުހުމަތުގެ އިނގިލި ދިއްކުރީ ނަހުލާއަށެވެ.

"ޕަބްލިސިޓީ ހޯދާކަށް ނޫން، އަހަންނަށް ފައްތާހު އެނގޭ ގޮތުގައި އޭނަ އަކީ މީހުންނާ ޒުވާބުކޮށް، ޖެހި ގަނެގެން އެެހެން ނޫޅޭނެ، ފައްތާހު ބޭނުން ނުވީ ކަންނޭނގެ ވިކްޓިމް އަކަށްވާން، އެހެން މީހުންނަށް އެއްޗެހި ކިޔަން ފުރުސަތު ނުދޭން ނިންމި ނިންމުމެއް ކަންނޭނގެ އެއީ،" ސީޒަން ބުންޏެވެ.

ސީޒަން އެންމެ ފަހުން ފައްތާހު އާއެކު މަސައްކަތް ކޮށްފައިވަނީ "ލަވް ސްޓޯރީ" ގަ އެެވެ. ފައްތާހު އާއެކު ސީޒަން މަސައްކަތް ކުރި "ޖިންނި" ފިލްމުވެސް ފާހަގަކޮށްލެވެ އެވެ. ނަހުލާއާއެކު "ޒުލޭހާ" އާއި "މިހަށިން ފުރާނަ ދަންދެން"ގައި ސީޒަން މަސައްކަތް ކުރި އެވެ.

ފައްތާހު ފިލްމީ ދާއިރާއިން ވަކިވުމަކީ ފިލްމީ ދާއިރާއަށް ހިތާމަވެރި ހަބަރެއް ކަމަށް ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެ އެވެ. ފައްތާހަކީ ރީތި ފިލްމުތަކެއް ގެނެސްދީފައިވާ ފަރާތެއްގެ އިތުރުން އާ ތަރިންތަކެއް ފިލްމީ ދާއިރާއަށް ނެރެން މަސައްކަތް ކުރާ އާ ތަރިންނަށް ފުރުސަތު ދޭ ފަރާތަކަށް ވާތީ އެވެ. އަލުން އެނބުރި ދާއިރާއަށް އައުމަށް ގިނަ ތަރިން ދަނީ އެދެމުންނެވެ.

އެގޮތުން ފައްތާހުގެ ފިލްމުތަކުން ދާއިރާއަށް މަޝްހޫރުވި ތަރިންގެ ތެރޭގައި ރަވީ ފާރޫގް، މަރިޔަމް ޒުހުރާ އަދި މަރިޔަމް އަފީފާ ހިމެނެ އެވެ.