ދިވެހި ސިނަމާ

މަރާލި އަޒުލީނާގެ ރޯލަށް އައްޒަ

މީގެ 12 ވަރަކަށް އަހަރު ކުރިން ރާއްޖެ ސިއްސުވާލި މަރުގެ ހާދިސާއެއް ކަމުގައިވާ، އަޒްލީނާ ނަފީސު މަރާލި ހާދިސާ ކޮށާ މަށައިގެން މުއާ ހަދަން ނިންމާފައިވާ ފިލްމު "ލީނާ"ގެ ޝޫޓިން މި މަހުގެ ތެރޭގަ ނަގަން ފަށާނެ ކަމަށް އެންސީއޭގެ ކޯޑިނޭޓަރު އަދި ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) ބުނުމާއެކު ގިނަ ބަޔަކު ސުވާލަކަށްވީ އެ ހާދިސާގެ ގާތިލު އަދި އަޒުލީނާގެ ރޯލަށް މުއާ ނަގާނެ ތަރިންނާ މެދުގަ އެވެ.

އެ ދުވަސް ގާތިލުގެ ރޯލަށް އަހްމަދު އަޒްމީލް ނަގާފައިވާ ކަމުގެ ވާހަކަތައް ދެކެވުނެވެ. އެކަމާ ގުޅޭގޮތުން ގިނަ ބަޔަކު އޭރުވެސް ފާޑު ކިއެވެ. އަޒޭއަށް އެންމެ ފުރިހަމައަށް ގާތިލު ޒުހޭރުގެ ރޯލު ދެއްކިދާނެތޯ ސުވާލު އުފެއްދި އެވެ. އޭރުވެސް މިހާރުވެސް މުއާ ބުނަނީ އަޒޭއަށް އެ ކެރެކްޓާ ދެއްކޭނެ ކަމަށެވެ. އެ ހުނަރު އެބަހުރި ކަމަށެވެ.

އެހެން ނަމަވެސް ދާދިފަހުން މުއާ ބުނީ އަދި އެ ރޯލަށް ތަރިއެއް ނުނަގާ ކަމަށެވެ. އެހެން ނަމަވެސް މުއާ މިވަނީ އަޒުލީނާގެ ރޯލަށް ތަރިއަކު ހަމަޖައްސާފަ އެވެ.

އަޒުލީނާގެ ރޯލަށް މުއާ ނަގާފައިވަނީ މިހާރު ރާއްޖޭގެ އެންމެ މަގުބޫލު ޒުވާން ބަތަލާ މަރިޔަމް އައްޒަ އެވެ. އިތުރު ތަރިން އަދި ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް މުއާ ބުނީ 95 ޕަސަންޓު ރޯލަށް ކާސްޓުން ފައިނަލް ކޮށް ނިމިފައިވާ ކަމަށެވެ. އަދި ފަހުން އެހެން ތަރިން އިއުލާނު ކުރާނެ ކަމަށެވެ.

"އައްޒަ ލީނާގެ ރޯލަށް ނެގީ މިހާރު ރާއްޖޭގައި ފިލްމުކުޅޭ ހުރިހާ ތަރިންގެ ތެރެއިންވެސް އައްޒަ އަކީ ފާހަގަކޮށްލެވޭ ތަރިއެއް، މޮޅު ތަރިއެއް، އެންމެ ފަހުން އައްޒަ ކުޅުނު ހުރިހާ ފިލްމެއްގައިވެސް އައުޓްސްޓޭންޑިން ޕާފޯމަންސް އެއް ދައްކާފައިވޭ،" މުއާ ބުންޏެވެ.

"އައްޒަ ފިލްމު ކުޅެން ފެށިއިރުވެސް އެކުގައި މަސައްކަތް ކުރިން، އޭރުވެސް ބުނިން އައްޒަ އަކީ މޮޅު ކުއްޖެކޭ، ކޮމިޓްމަންޓް ދޭ ކުއްޖެއް، އެކަމަކު މިހާ މޮޅުވާނެ ކަމަށް ހިއެއް ނުކުރަން،"

އަންނަ އަހަރުގެ މެދުތެރޭގައި "ލީނާ" އަޅުވާނެ ކަމަށް މުއާ ބުންޏެވެ. "ލީނާ" ޑައިރެކްޓް ކުރަނީ މުއާ އެވެ. އެ ފިލްމަކީ އެއްގޮތަކަށް ވެސް ސީދާ އަޒްލީނާގެ ހަޔާތުގެ މައްޗަށް ނުވަތަ ރަހުމްކުޑަ ގޮތަކަށް އޭނާ މަރާލި ހާދިސާ ދައްކުވައިދޭ ގޮތަށް އުފައްދާ ޑްރާމާއެއް ނޫނެވެ.

މުއާ ބުނަނީ "ލީނާ" ގެ ނަން ޑްރާމާ އަށް ދިނީ ވެސް އަޒްލީނާ އާއި ޑްރާމާގައި ދައްކުވައިދޭ ކެރެކްޓާ ތަފާތުވާނެތީ އެވެ.

"އަސްލު މިއީ އަޒުލީނާ މަރާލި ހާދިސާ އިން އިންސްޕަޔާވެގެން އަންނަ މަސައްކަތެއް. އަސްލު ސީދާ އެ ސްޓޯރީއެއް ވެސް ނޫން. އެކަމަކު ފިރިހެނަކު އަންހެނަކު މަރާލައިގެން އުޅޭ ވާހަކައެއް. ހަމަ އޮފީހެއްގެ ތެރޭގައި،" މުއާ ކުރިން ބުނެފައިވެ އެވެ.

"އަޅުގަނޑު ބުނަމުން މި ދަނީ މިއީ އިންސްޕިރޭޝަނެކޭ. (އަޒުލީނާ މަރާލި) ހާދިސާ ކަހަލަ ވަރަށް ބައިވަރު ހާދިސާތައް ނަގައިގެން ދިރާސާކުރަމުން މި ގެންދިޔައީ އަޅުގަނޑު. އެހެންވީމަ ސީދާ އަޒްލީނާގެ ނަން ނުކީ ވެސް މި ސަބަބާ ހެދި."