ފިނިޕޭޖް

އާ އަހަރު ޝޯ އާއެކު މޭނާ ހައްސާނު އަންނަނީ

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ލަވަ ކިޔުންތެރިޔާ ހަސަން މުހައްމަދު (މޭނާ ހައްސާން) 2014 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި "ހައްޔަރު ކުރުމުގެ ކުރީން" ގެ ނަމުގައި ބޭއްވި ޝޯ އަށް ފަހު އޭނާގެ ލަވައެއް އަޑު އިވޭނެ ކަމަކަށް ހީއެއް ނުކުރަމެވެ. ވަދާއީ ޝޯ އެއްގެ ގޮތުގައި އެ ޝޯ ބާއްވާ އޭގެ ފަހުން ހައްސާންގެ އަޑެއް ބަޑެއް ނީވުނީމަ އެވެ.

އެހެން ނަމަވެސް އަނެއްކާވެސް މޭނާ ހައްސާން މިވަނީ މިއުޒިކީ ދުނިޔެއަށް އެނބުރި އަންނަން ތައްޔާރުވެފަ އެވެ. އާ އަހަރުގެ ފެށުން ފާހަގަ ކުރުމަށް ހުޅުމާލޭގައި ބާއްވާ ހާއްސަ ޝޯ އަކުންނެވެ. ހަރުބީ ބޮޑުބެރު ގްރޫޕާއެކު މޭނާ ހައްސާންގެ ރީތި ލަވަތައް އިވޭނެ އެވެ.

ހަވާ އެރުވުމާއި ލައިވް ބާބަކިއު އަކާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި އޮންނަ އެ ޝޯގައި މޭނާ ހައްސާންގެ ރީތި ލަވަތައް އަޑު އިވިގެންދާނެ އެވެ. ޝޯ އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ 10:00 ޖަހާއިރު އެވެ.

މޭނާ ހައްސާންގެ ލަވަތަކަކީ މިހާރުވެސް ދިވެހިންގެ ތެރޭގައި މަގުބޫލު ލަވަތަކެކެވެ. އޭނާގެ އެންމެ ފުރަތަމަ އަލްބަމް ނެރެފައިވަނީ މީގެ 28 ވަރަކަށް އަހަރު ކުރިންނެވެ. އެ ދެ އަލްބަމަކީ މޯލްޑިވްސް ފެންޓަސީ" އަދި "މޯލްޑިވްސް އެކްސްޓަސީ" އެވެ. އޭނާގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ކުއްޅަވަފަލު ރަނިކަމަނާ"، "ކެޔޮޅު ކިތަންމެ މޮޅަސް"، "މާސިންގާ ކަނޑު ތެރޭ"، "ރައިވަރެއް ހެދީމާ"، "ވެހޭ ވާރޭ ތެރޭ" އަދި "ފަތިހުގެ މުދިމަށް" ފަދަ ލަވަތައް ހިމެނެ އެވެ.

ލަވަ ކިއުމާއި މިއުޒިކާ ދުރަށް ދިޔުމަށްފަހު މީގެ ކުރިންވެސް މޭނާ ހައްސާން ވަނީ އެނބުރި މިއުޒިކުގެ ދާއިރާއަށް ރުޖޫއަ ވެފަ އެވެ. އެންމެ ފަހުން ލަވަ ކިޔުން ހުއްޓާލަމުން އޭނާ ބުނެފައިވަނީ އޭނާ ބޭނުންވަނީ މަސްތުވާތަކެއްޗަކީ ވެސް ދުރަށް ދެވިދާނެ އެއްޗެއްކަން ސާބިތުކޮށްދިނުމުގެ ގޮތުން ކަމަށެވެ. އޭރު ސަރުކާރުން ވަނީ އޭނާ ހައްޔަރު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފަ އެވެ.