ފިނިޕޭޖް

އާ އަހަރު ޝޯއަށް ބިޕާޝާ އާއި ކަރަން ރާއްޖެއަށް

އެންމެ ފޯރީގައި މިހާރު ކުރަމުންދާ ކަމަކީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ އޮންނަ އާ އަހަރު ޝޯ އަށް ތައްޔާރު ވުމެވެ. އެރޭގެ ޝޯ އަށް ދާން ވަގުތު ހުސްކުރަން ފަށައިފި އެވެ. ބޮލީވުޑްގެ ލަވަ ކިޔުންތެރިން ކަމަށްވާ ރާހަތު ފަތެހު އަލީ ހާން އާ މީކާ ސިންގާ އެކު ބޮލީވުޑްގެ އިތުރު ފަންނާނުންތަކެއް ފެންނާނެ ކަމަށް ވަނީ ބުނެފަ އެވެ.

ޝޯ އިންތިޒާމްކުރި މޯލްޑިވްސް އިންޓްގްރޭޓެޑް ޓޫރިޒަމް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ބާއްވާ އެ ޝޯ އަށް ބޮލީވުޑްގެ ތަރި ބިޕާޝާ ބާސޫ އާއި ފިރިމީހާ ކަރަން ސިންގްވެސް އެ ޝޯގައި ޕާފޯމްކުރާނެ ކަމަށް މިވަނީ އިއުލާނު ކޮށްފަ އެވެ.

ބިޕާޝާއަކީ ބޮލީވުޑްގެ ގިނަ ފިލްމްތަކެއްގައި އެކްޓްކޮށްފައިވާ ތަރިއެކެވެ. އޭނާގެ މަޝްހޫރު ފިލްމު ތަކުގެ ތެރޭގައި "އަޖްނަބީ"، "ރާޒް"، "ނޯ އެންޓްރީ"، "ދޫމް 2" އަދި "ނޯ އެންޓްރީ" ހިމެނެ އެވެ. ފިލްމީ ތަރިއެއްގެ އިތުރުން އޭނާ އަކީ މޮޑެލް އެއްވެސްމެ އެވެ. ބިޕާޝާ އޭނާގެ މޮޑެލިން ކެރިއަރު ފަށާފައިވަނީ 1996 ވަނަ އަހަރެވެ.

ކަރަން ވެސް ވަނީ ބޮލީވުޑްގެ ދެތިން ފިލްމެއް ކުޅެފަ އެވެ. ނަމަވެސް ކަރަން މަޝްހޫރީ އޭނާގެ ޓީވީ ޑްރާމާ ސީރީޒްތަކުންނެވެ. ކަރަން ގެ މަޝްހޫރު ޓީވީ ސިލްސިލާތަކުގެ ތެރޭގައި "ދިލް މިލް ގަޔޭ" އަދި "ގަބޫލް ހޭ" ހިމެނެ އެވެ. އޭނާގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "އެލޯން" އަދި "ހޭޓް ސްޓޯރީ 3" ހިމެނެ އެވެ. ކަރަން އާއި ބިޕާޝާ ކައިވެނިކޮށްފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ދެތަރިން ވަނީ މީގެކުރިންވެސް ރާއްޖެ އައިސް ހާއްސަ ފެނިލުމަކުން ފެނިލާފަ އެވެ.

އާ އަހަރު ޝޯގެ ލަވަ ކިޔުންތެރިން ކަމަށްވާ ރާހަތު އަދި މީކާ ސިންގާ ބައްދަލުކޮށްލަން ބޭނުންވާ ފަރާތްތަކަށް އެ ފުުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ. އެހެން ނަމަވެސް އެ ފުރުސަތު ލިބެނީ 2018" ފޭސްބުކް ޕޭޖަށް ލައިކެއް ދިނުމަށްފަހު ޕްރޮފައިލް ފޮޓޯ ވެލްކަމް 2018 ގެ ފްރޭމަށް ބަދަލުކުރާ ފަރާތްތަކުގެ ތެރެއިން ރެންޑޮމްކޮށް ހޮވޭ އެއް ފަރާތަކަށެވެ. އެ ނަސީބުވެރިއަކަށް ޝޯގެ ވީއައިޕީ ދެ ޓިކެޓް ހިލޭ ލިބޭނެ އެވެ. މި މަހުގެ 29ގެ ކުރިން ޕޭޖަށް ލައިކް ދީ ޕްރޮފައިލް ފޮޓޯ ބަދަލުކޮށްލާށެވެ.

އާ އަހަރު ޝޯއަށް ގިނަ ތައްޔާރީތަކެއް ވަމުން އަންނަ އިރު ޕްރޮމޯޝަނަލް ހަރަކާތްތަކެއްވެސް ވަނީ ރާވާފަ އެވެ. އެ ޝޯގެ ޕޯސްޓަރުތައްވެސް މިހާރުވަނީ ރިލީޒްކޮށްފަ އެވެ. ނިއު އިޔާ ޝޯ އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގަ އެވެ. އެރޭ ހަވާ އަރުވަންވެސް ވަނީ ނިންމާފަ އެވެ. ޝޯ އަށް އާންމުކޮށް އެންމެނަށް ހިލޭ ވަދެވޭނެ އެވެ. އެރޭގެ 7:30 އިން ފެށިގެން ޝޯ އަށް މީހުން ވައްދަން ފަށާނެ އެވެ.