ފިނިޕޭޖް

އާ އަހަރު ޝޯގައި 1438 ފޯރިގަދަކޮށްލާނެ!

ދެހާސް ސަތާރަ ވަނަ އަހަރު ނިމި 2018 ވަނަ އަހަރުވެސް މިއޮތް ފެށެނީ އެވެ. އާ އަހަރު ފާހަގަކުރަން މި އަހަރުވެސް ހަވާ އެރުވުން އެބަ އޮތެވެ. ރާއްޖެއިން ބޭރުގެ މަޝްހޫރު ފަންނާނުންނާއި ދިވެހި ފަންނާނުންގެ ހުށަހެޅުންތަކެވެ. ދިވެހި ސަގާފަތުގެ ތެރެއިން ބޮޑުބެރުން ފެށިގެން ޕާކިސްތާނުގެ ކަވާލީ ލަވަތަކެވެ. ލައިވް ބާބަކިއު އާއި ހަވާ އެރުވުމެވެ.

އެ ކަންތައްތަކާއެކު އެންމެ ފޯރިގަދަ ކޮށްލުން އޮތީ ބޮޑުބެރާ އެކުގަ އެވެ. ކާނިވާ ސަރަހައްދުގައި ޓޫރިޒަމް މިނިސްޓްރީން ބާއްވާ ޝޯ ގައި 1438 ބޮޑުބެރު ގްރޫޕުގެ ފޯރި ނެގުން އެބަ އޮތެެވެ. ބޮޑުބެރުގެ މުޅިން އާ ލަވަތަކެއް އެ ޝޯގައި އެ ގްރޫޕުން ގެނެސްދޭނެ އެވެ. ޝޯގެ ފޯރި އިތުރަށް ގަދަކޮށްލާނެ އެވެ.

މީގެ އިތުރުން ބޮލީވުޑްގެ ލަވަ ކިޔުންތެރިޔާ މީކާ ސިންގް އަދި ރާހަތު ފަތޭ އަލީ ހާންގެ ޕާފޯމަންސް ފެނިގެންދާނެ އެވެ. ބޮލީވުޑްގެ ޑާންސް ގްރޫޕްތަކުގެ ހުށަހެޅުންތައްވެސް ފެނިގެންދާނެ އެވެ. މީކާ ސިންގް އަދި ރާހަތު ފަތޭ އެކުގައިވެސް ލަވަތަކެއް ހުށަހަޅައިދޭނެ އެވެ. އޭގެ އިތުރުން ސާދަ ތިރީސް އަށެއް ބޮޑުބެރު ގްރޫޕްގެ ހާއްސަ ހުށަހެޅުންތަކެއްވެސް މި ޝޯގައި ފެނިގެންދާނެ އެވެ. އެ ގްރޫޕްގެ އަދި ރާހަތު ފަތޭ އާއި މީކާ ސިންގުގެ ފޭނުން ކޮންމެހެންވެސް ދާންވާނެ އެވެ.

އެ ޝޯއަށް މިހާރު މީހުން ވައްދަން ފަށައިފި އެވެ. އަވަހަށް އެ ދިމާލަށް ދާން އުޅޭށެވެ. އެހެން ނޫނީ މާ ފަހަތުން ޖާގަ ލިބި އެންމެ ރަނގަޅަށް ޝޯ ބަލައިލުމުގެ ފުރުސަތު ނުލިބިދާނެ އެވެ.

މިރޭގެ މި ޝޯ އިން "މޭރޭ ރަޝްކޭ" ކަމަރް ފަދަ ލަވަތަކުގެ މުޅިން އާ ވާޝަންތައް އިވިގެންދާނެ އެވެ. އާ އަހަރު ފެށުން ފާހަގަކުރަން ހަވާ އެރުވުންވެސް އޮންނާނެ އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ ބާއްވާ ޝޯގައި ހަބޭސް ބޮޑުބެރު ގްރޫޕް ޕާފޯމް ކުރާނެ އެވެ. އަދި އެ ޝޯ ގައި ރާއްޖޭގެ މިއުޒިކީ ލެޖެންޑް ހަސަން މުހައްމަދު (މޭނާ ހައްސާން)ގެ އަޑު އަނެއްކާވެސް އިވިގެންދާނެ އެވެ. ދެހާސް ސާދަ ވަނަ އަހަރު "ހައްޔަރު ކުރުމުގެ ކުރިން" ނަމުގައި ދިން ޝޯ އަށް ފަހު މޭނާ ހައްސާނުގެ އަޑު އިވޭ މިއީ ފުރަތަމަ ފަހަރެވެ.

މި ޝޯ ފަށާނީ މިރޭ 10:00 ޖަހާއިރު އެވެ. މޭނާ ހައްސާންގެ ލަވަތަކަކީ މިހާރުވެސް ދިވެހިންގެ ތެރޭގައި މަގުބޫލު ލަވަތަކެކެވެ. އޭނާގެ އެންމެ ފުރަތަމަ އަލްބަމް ނެރެފައިވަނީ މީގެ 28 ވަރަކަށް އަހަރު ކުރިންނެވެ. އެ ދެ އަލްބަމަކީ މޯލްޑިވްސް ފެންޓަސީ" އަދި "މޯލްޑިވްސް އެކްސްޓަސީ" އެވެ. އޭނާގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ކުއްޅަވަފަލު ރަނިކަމަނާ"، "ކެޔޮޅު ކިތަންމެ މޮޅަސް"، "މާސިންގާ ކަނޑު ތެރޭ"، "ރައިވަރެއް ހެދީމާ"، "ވެހޭ ވާރޭ ތެރޭ" އަދި "ފަތިހުގެ މުދިމަށް" ފަދަ ލަވަތައް ހިމެނެ އެވެ.

ހައްސާނުގެ ފޭނުން ވީ އެންމެ އަވަހަކަށް ހުޅުމާލެ އަށް ދާން ވީ އެވެ. ހަވާ އެރުވުމާއެކު ލައިވް ބާބަކިއު އެއްވެސް އޮންނާނެ އެވެ.