ވިޔަފާރި

ޓޫރިޒަމް ޕްރޮމޯޓްކުރަން 100 މިލިއަން ރުފިޔާ ހަރަދު ކުރަނީ

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވާ މާކެޓުކުރަން މި ފެށޭ އަހަރު 100 މިލިއަން ރުފިޔާ ހަރަދު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އާ އަހަރު ފެށުން ފާހަގަކުރަން މިރޭ ކާނިވާ ސަރަހައްދުގައި ބާއްވާ ޝޯ ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް މާކެޓު ކުރަން މިރޭ ބާއްވާ ފަދަ އެތައް ޝޯ އެއް އަންނަ އަހަރު ބާއްވާނެ ކަމަށެވެ. މިނިސްޓަރު ވަނީ 2016 ވަނަ އަހަރާ އަޅާ ބަލާއިރު ރާއްޖެއަށް ފަތުރުވެރިން އައި މިންވަރު ހަތް ޕަސަންޓު އިތުރުވެފައިވާކަން ފާހަގަކުރައްވާފަ އެވެ.

މި އަހަރު ރާއްޖެއަށް ފަތުުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްމަންޓުތައް އަދި އެނދުތައް އިތުރުވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މިކުރާ މަސައްކަތްތައް ނިންމާލާނީ މި އަންނަ އަަހަރުގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށްޓަކައި 100 މިލިއަން ރުފިޔާ ސަރުކާރާއި ޓޫރިޒަމް ދާއިރާ ގުޅިގެން ހަރަދުކުރާނަން،" ޒަމީރު ވިދާޅުވި އެވެ.

މިރޭގެ ޝޯގައި މިދިޔަ 17 ވަރަކަށް އަހަރު ރާއްޖެގެ ވެރިކަމަށް އައި ބަދަލުތަކާއި ގުޅޭގޮތުން "ސާސްކަފު 17" ގެ ނަމުގައި ފޮތެއްވެސް ވަނީ ނެރެފަ އެވެ. އެ ފޮތުގައި މައިގަނޑު ހަ ދާއިރާއަކަށް ވަނީ ބަލައިލާފަ އެވެ. އެ ފޮތް ނެރެދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ.

އެ ފޮތުގައި ބަލައލާފައިވާ ދާއިރާތަކަކީ ދިވެހި ރާއްޖޭގެ ވެރިކަމާއި އުމްރާނީ ހިންގުން، މާލިއްޔަތާއި އިގްތިސޯދު އަދި ޔަގީންކަމާއި އުމްރާނީ ތަރައްގީ، ކާރިސާތަކާއި ބޮޑެތި ހާދިސާތައް، ދާހިލީ ހަރަކާތްތަކާއި އަމަންއަމާންކަން، ތައުލީމާ ސިސްހަތު އަދި ޒުވާނުންނާ ކުޅިވަރު، ގައުމިއްޔަތާއި އިޖްތިމާއީ އަދި މީޑިއާ އާއި ޓެކްނޮލޮޖީ އެވެ.

އެ ފޮތުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ފަސް މެންބަރުންގެ މައްޗަށް ރައީސް އެކުލަވާލެއްވި ކޮމެޓީއެއްގެ ބެލުމުގެ ދަށުންނެވެ.