ޑރ. އައިޝަތު ޝިހާމް

"މޭ 7 އެއީ ހުރިހާ ދަރިވަރުން ޓެބްލެޓް ބޭނުން ކުރާ ދުވަސް"

މޭމަހުގެ ހަތްވަނަ ދުވަހު ރާއްޖޭގެ އެންމެ ކުޑަ ސުކޫލަށް ވެސް ވައިފައިގެ ހިދުމަތާއި ކަރަންޓްގެ ހިދުމަތް ގާއިމްކުރެވި ޓެބްލެޓް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ، ކިޔެވުމުގެ ދާއިރާ ޓެކްނޮލޮޖީގެ ގޮތުން އިންގިލާބީ ބަދަލަކާއި ދިމާލަށް ދާއިރު ޓެކްނޮލޮޖީގެ ދާއިރާގެ އެހެން ކުންފުނިތަކަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭ ކަމަށާއި އެކަމާ ގުޅުންހުރި ކުންފުނިތަކާއި މަޝްވަރާ ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. އަދި އެކަމުގެ މަސައްކަތްތައް ފެށިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ޓެބްލެޓްގެ ހިދުމަތް ފެށުމުގެ ލޯންޗިން ޑޭޓެއްގެ ގޮތުގައި މޭ މަސް ހަމަޖައްސާފައިވާއިރު އެ ތާރީހަކީ އޭގެތެރެއިން އެންމެ ކުޑަ ސުކޫލު ނުވަތަ ރިމޯޓް ސުކޫލުގައި އެ ހިދުމަތް ފޯރުކޮށްދެވޭނެ ތާރީހު ކަމަށެވެ. އަދި ވިދާޅުވީ، މަސައްކަތްތައް އެންމެ ކުރިން ނިމޭ ސުކޫލުތަކަށް އެ ހިދުމަތްތައް ފޯރުކޮށްދެމުންދާނެ ކަމަށެވެ.

"ލޯންޗިންގެ ޑޭޓް ކަމަށް މޭ މަހުގެ ހަތެއް ހަމަ ޖައްސާފައިވާ އިރު އޭގެން އެންމެ ކުޑަ ސުކޫލު ނުވަތަ ރިމޯޓް ސުކޫލުގައި އެ ހިދުމަތް ފޯރުކޮށްދެވޭ ތާރީހު މި ދަންނަވަނީ، މިހާތަނަށް ރޭންޖް އެންމެ ދަތިކޮށް ލިބޭ ރަށްރަށުން ވެސް ދިރާގުން އެކަންތައްތައް ކޮށްދެވޭނެ މޭ ހަތަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މަސައްކަތް ކުރަމުންދާއިރު މައްސަލަތައް ދިމާވުން އެކަށީގެންވާ ކަމަށާއި އެހެންކަމުން ބުނެފައިވާ ތާރީހަށް މަސައްކަތްތައް ނުނިމިދާނެ ކަމަށެވެ. އަދި ވިދާޅުވީ، އިންޓަނެޓާއި ކަރަންޓަކީވެސް އަބަދު ސްޓޭބަލް ވާނެ އެއްޗެއް ނޫން ކަމަށާއި އެއާއެކު އަންނަ ބަދަލުތަކަށްވެސް ތައްޔާރު ވަމުންދާ ކަމަށެވެ.

މިއަހަރު ރާއްޖޭގައި މި ހިންގާ މަޝްރޫއުގެ ތަޖުރިބާ ބޭރުގެ ފަރާތްތަކާއި ހިއްސާކުރަންވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ، މިއަހަރު ސުލޫކުތަކުގެ ކޮންމެ ދަރިވަރެއްގެ އަތުގައި އަދި ޓީޗަރެއްގެ އަތުގައިވެސް ޓެބްލެޓެއް އޮންނާނެ ކަމަށެވެ. އަދި ފުރަތަމަ މަރުހަލާއަކީ އެއަށް ފަރިތަކޮށް ދަސްކޮށްދިނުން ކަމަށާއި އެކަން ސުކޫލުތަކުގެ ތެރެއިން ފަހިކޮށްދޭނެ ކަމަށެވެ. އަދދި އެކަން އިންތިޒާމް ކުރެވިފައިވަނީ ފަސްޓް ޓާމް ތެރޭގައި ކަމަށް ޝަފީއު ވިދާޅުވި އެވެ.

"ރާއްޖޭގެ ހުރިހާ ޓީޗަރުންނަށް ފުރަތަމަ މަރުހަލާގައި ދޭން ޖެހޭ ހުރިހާ ތަމްރީނެއް ވަނީ ދީ ނިމިފައި، މިއަހަރު ކިޔެވުން ފެށިގެންދާއިރުވެސް އޭގެ ތަމްރީނުތައް ކުރިއަށްދާނެ،" ޝަފީއު ވިދާޅުވި އެވެ.