ބޭރު ކުޅިވަރު

މަރަޑޯނާ ބުނަނީ މެސީ އަށް ވުރެ އޭނާ ޖެހި ގޯލުތައް މާ ރީތި ކަމަށް

ޑިއެގޯ މަރަޑޯނާގެ ދުނިޔޭގައި އޭނާ އަކީ އަދިވެސް އެއް ވަނަ އެވެ.

ފުޓްބޯޅައިގެ ދަނޑުގައި މިވަގުތު ތިބި އެންމެ ވާދަވެރި ދެ ކުޅުންތެރިން ކަމުގައިވާ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ތެރެއިން މޮޅު ކުޅުންތެރިޔަކީ ކޮބައިތޯ ސީއެންއެން އިން ސުވާލުކުރުމުން މަރަޑޯނާ އެއަށް ޖަވާބު ދިނީ ނިކަން ފަސޭހަކޮށް ވަރަށް ވެސް އަވަހަށެވެ.

މަރަޑޯނާ ބުނީ ރޮނާލްޑޯ އާއި މެސީގެ ތެރެއިން މޮޅީ މެސީ ކަމަށެވެ. ނަމަވެސް ފުޓްބޯޅައިގެ ޖާދޫގަރެއްގެ ގޮތުގައި މެސީ މަޝްހޫރުވުމުގެ މާ ކުރިން އާޖެންޓީނާގެ ޖޯޒީގައި އެ މަގާމު ފުރި މަރަޑޯނާ ބުނަނީ މެސީ އަށް އަދިވެސް އޭނާ ޖެހި ކަހަލަ ރީތި، ހިތްގައިމު ލަނޑުތަކެއް ނުޖެހޭ ކަމަށެވެ.

"އަސްލު މީގަ ވާ ގޮތަކީ، އަހަރެން ޖެހި ގޯލުތައް އަދިވެސް މާ ރީތީ،" ސީއެންއެން އަށް ދިން ހާއްސަ އިންޓަވިއުއެއްގައި 54 އަހަރުގެ މަރަޑޯނާ ބުންޏެވެ.

މިހެން ބުންޏަސް ގޯލު ޖެހުމުގެ ރޭހުގައި މެސީ ރިކޯޑް މުގުރަމުން ގޮސް މަރަޑޯނާ ވެސް ނަގައި ފަހަތަށް އެއްލާލާފައިވާ ކަމަށް އޭނާ ވެސް ގަބޫލުކުރެ އެވެ.

މެސީ ވަނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި އާޖެންޓީނާ އާއި ބާސެލޯނާ އަށް 328 ގޯލު ޖަހައިފަ އެވެ. މަރަޑޯނާގެ ކެރިއަރުގައި އޭނާ އަށް ޖެހުނީ 293 ލަނޑެވެ.

މެސީ ވަނީ މިހާރު ކުރިއަށް ދާ ސީޒަނުގައި ވެސް 53 ލަނޑު ޖަހައިފަ އެވެ.

މެސީ ގިނަ ލަނޑު ޖަހާ ކަމަށް އެއްބަސްވިޔަސް މަރަޑޯނާ އާއި މެސީއާ އަޅާކިޔުމަކީ ވެސް މަރަޑޯނާ އެހާ ހިތްހަމަޖެހޭ ކަމަކަށް ނުވި އެވެ.

"އަހަންނަށް ހީވަނީ އަހަރެންނަކީ އެންމެ ކުރިން ފެށިގެން ވެސް އަހަރެންގެ އަމިއްލަ ގޮތްގަނޑެއް ދަނޑުމަތީގައި ގެންގުޅުނު މީހެއް ހެން،" އިންގްލެންޑާ ދެކޮޅަށް 1986ގެ ވޯލްޑް ކަޕްގައި "ހޭންޑް އޮފް ގޯޑް" ގެ ގޯލް ޖެހި މަރަޑޯނާ ބުނީ މިހެންނެވެ.

މިހެން ބުނެފައި މަރަޑޯނާ ވަނީ އެންމެފަހުން އޭނާގެ ވާހަކައިގެ ރާގު ބަދަލުކޮށް މެސީ އަށް ވުރެން ވެސް އޭނާ މޮޅު ކަމަށް ބުނެފަ އެވެ.

"އަހަންނަށް ހީވަނީ އަހަރެންގެ އެ ތަފާތު އަދި އަމިއްލަވަންތަ ސިފައާ ހެދިހެން މެސީ އަށް ވުރެ މޮޅު ކުޅުންތެރިޔަކަށް އަހަރެން ވަނީ."

މެސީގެ އަމިއްލަ ސްޓައިލެއް ނެތް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކި ނަމަވެސް މަރަޑޯނާ ބުނީ މެސީ ވެސް މިހާރު ދަނީ އެފަދަ މިސްރާބަކަށް ކަމަށާއި އެފަދަ އަމިއްލަ ސްޓައިލެއް އޭނާ އަށް ވަރަށް އަވަހަށް ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

މަރަޑޯނާ އަކީ އާޖެންޓީނާއާ އެކު 1986 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި އެ ޓީމުގެ ކެޕްޓަނެވެ. އެއަށް ފަހު ކޯޗެއްގެ ގޮތުގައި އެނބުރި އައިސް އާޖެންޓީނާ އާއި މެސީ ގޮވައިގެން 2010 ވަނަ އަހަރު ވޯލްޑް ކަޕްގައި ވާދަކުރި އެވެ.

ކުޅުންތެރިއެއްގެ ގޮތުގައި މެސީ ފަދައިން މަރަޑޯނާ ވެސް ބާސެލޯނާ އަށް ކުޅުނެވެ. ރިކޯޑް އަގަކަށް އޭނާ ގެންދިޔަ ނަމަވެސް ބާސާގައި އޭނާ އަށް މާ ގިނަ ދުވަހަކު ނޫޅެވުނެވެ.