ހަބަރު

ޝަރީއަތް ނިމެންދެން ފާރިސް އާއި ސިޔާދު ބަންދަށް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދޮށީ ދަރިކަލުން އަހުމަދު ފާރިސް މައުމޫން އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރީހިމްގެ ދޮށީ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން މިރޭ އަމުރުކޮށްފި އެވެ. ފާރިސް އާއި ސިޔާދު ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ މިއަދު ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދައުލަތުން އެގޮތަށް އެދުމުންނެވެ.

ފާރިސް ގިނަ ތުހުމަތުތަކެއް ކުރާއިރު ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތް މިހާރު ވެސް ދަނީ ކުރިއަށެވެ. އަދި އެ މައްސަލާގައި ދައުލަތުން ހުށަހެޅި ދެކޮޅު ހެކިވެރިޔާ ވަނީ ފާރިސްއާ އެއްކޮޅަށް ހެކި ބަސް ވެސް ދީފަ އެވެ. ފާރިސް ބަންދުކޮށްފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެންނެވެ. އެ މައްސަލާގެ ޝަރީއަތް އަދި ނުފަށަ އެވެ. އެ ދައުވާ އޭނާއަށް ކުރަނީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ.

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެ ސަރުކާރު ވައްޓާލަން އުޅުމުގެ ބައިވެރިވި ކަމުގެ ތުހުމަތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ސިޔާދުގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ފާރިސްއާ ގުޅޭ ގޮތުން ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފަރާތްތަކުން އެފަރާތްތަކުގެ މަގްސަދު ހާސިލްކުރުމަށްޓަކައި، ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވައި ވަކި މައްސަލަތަކުގައި ވަކި ކަހަލަ ނިންމުންތަކެއް ގެނައުމަށް މަސައްކަތްކޮށްފައިވާ ކަމުގެ މައްޗަށް ވެސް ހެކި ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް މި ފަރާތްތަކުން ރިޝްވަތުގެ ގޮތުގައި ފައިސާ ދީފައިވާ ކަމާއި ބައެއް މެންބަރުން ރިޝްވަތުގެ ފައިސާއާ ހަވާލުވެފައިވާކަން އެނގެން އެބަ އޮތް ކަމަށް ވެސް ބުންޏެވެ. މި މައްސަލާގައި ފާރިސްގެ އިތުރުން އެހެން ތިން މެންބަރަކަށް ވެސް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފަ އެވެ. އެއީ އަބްދުﷲ ރިޔާޒާއި އަބްދުﷲ ސިނާނާއި އިލްހާމް އަހުމަދަށެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ބަޔާނުގައި ސިޔާދާ ގުޅޭ ގޮތުން ބުނީ ހަސަން ސައީދު ހުސައިން ދިރިއުޅޭގެ ބަލާފާސްކުރުމުގެ ތެރޭގައި ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑްގެ ލެޓާ ހެޑްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް ސޮއިކޮށްފައިވާ 20 ޑިސެމްބަރު 2017 ގެ ތާރީހުގައި ލިޔެފައިވާ ސިޓީއެއް ފެނިފައިވާ ކަމަށެވެ. އެ ސިޓީގެ އިބާރާތަށް ބަލާއިރު، ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކާ އަދި އެ ފަރާތްތަކާ ގުޅުންހުރި ފަރާތްތަކުން ބޭރު ގައުމަކުން ގަނެފައިވާ ޕްރޮޕަޓީތަކަށް ފައިސާ ދެއްކުމަށްޓަކައި 2.4 މިލިއަން ޑޮލަރު ދީފައިވާކަން އެނގެން އޮންނަ ކަމަށެވެ.

ވިލާ ޝިޕިންގް އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ލިޔުމުގައިވާ ސޮޔަކީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓާ އިބްރާހިމް ސިޔާދު ގާސިމްގެ ސޮއި ކަން ފޮރެންސިކް ތަހުލީލުން ކަށަވަރުކުރެވިފައިވާއިރު، މި ލިޔުމުން އިބްރާހިމް ސިޔާދު ގާސިމްގެ އިނގިލީގެ ނިޝާންވެސް ހޯދި، އެކަން ފޮރެންސިކް ތަހުލީލުން ކަށަވަރުކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ. މީގެ އިތުރުން އިބްރާހިމް ސިޔާދު ގާސިމްގެ ފޯނުން އެ ލިޔުމުގެ ފޮޓޯއަކާއި، އެ ލިޔުމުގައިވާ މައުލޫމާތުތައް ހިމެނޭ ނޯޓެއް ވެސް ފެނިފައިވާ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ވެސް މިއަދު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.