1 ފެބުރުއަރީގެ އަމުރު

އެސްއޯއީ އުވާލުން ރަނގަޅު، އަމުރު ވެސް ތަންފީޒުކުރޭ: އިންޑިއާ

ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން އަވަށްޓެރި އިންޑިއާއިން މަރުހަބާ ކިޔައިފި އެވެ. މަރުހަބާ ކިޔުމާއެކު އިންޑިއާއިން ވަނީ އަދިވެސް ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށާއި އެކަންކަން ހައްލު ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް އެޅުނު ފިޔަވަޅެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އަދިވެސް ބައިނަލްއަގްވާމީ މުޖުތަމައުން ރާއްޖެއާ ގުޅޭ ގޮތުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ލިބިފައި ނުވަތަ ހޯދިފައިނުވާ ކަމަށެވެ،

އިންޑިއާގެ ބަޔާނުގައި ބުނީ ގާނޫނު އަސާސީގެ ހުރިހާ މާއްދާތަކެއް އިޔާދަކޮށް، ސުޕްރީމް ކޯޓާއި ޝަރުއީ ނިޒާމް ފުރިހަމައަށް ހިނގާނެ ގޮތްތައް ހަދަން ޖެހޭ ކަމަށެވެ. އަދި ނުފޫޒުން އެއްކިބާވެފައިވާ ރައްޔިތުންގެ މަޖިލީހަކަށް ވެސް ޖާގަ ދޭން ޖެހޭ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން އެންމެ ހަރުކަށިކޮށް ބަޔާންތައް ނެރުނު އިންޑިއާގެ މިއަދުގެ ބަޔާނުގައި ވެސް އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވާފައިވާ އަމުރު ތަންފީޒު ކުރުމަށް ގޮވާލާފަ އެވެ. އިންޑިއާއިން ބުނީ އެ އަމުރު ތަންފީޒުކޮށް ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރަން ޖެހޭ ކަމަށެވެ. މަޝްވަރާއަށް ދިޔުމަށް ޕާޓީތަކުގެ އެންމެ މުހިންމު ޝަރުތަކީ އެ އަމުރު ތަންފީޒު ކުރުމެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން ގާނޫނީ ބާރު ހިނގާނެ ގޮތަށް ކަންކަން ބައްޓަންކޮށް ސިޔާސީ ހަރަކާތްތަކަށް ފުރުސަތު ދިނުމަށް ވެސް އިންޑިއާއިން ގޮވާލާފައިވެ އެވެ.

އެކެއް ފެބުރުއަރީގެ އަމުރު ތަންފީޒުކުރުމަށް އިންޑިއާއިން ގޮވާލާފައިވާއިރު އެ އަމުރަކީ ސަރުކާރު ވައްޓާލަން ނެރުނު އަމުރެއް ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. އަދި އެ މައްސަލާގައި ގިނަ ބަޔަކަށް ދައުވާ ވެސް ވަނީ ކޮށްފަ އެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދާއި ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއް ކަމަށްވާ އަހުމަދު ފާރިސް މައުމޫނާއި އަބްދުﷲ ރިޔާޒާއި އަބްދުﷲ ސިނާނާއި އިލްހާމް އަހުމަދާއި ކުރީގެ ސީޕީ އަހުމަދު އަރީފާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ މައްޗަށެވެ.

ދައުވާކުރުމަށްފަހު ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި ދުރާލާ ރޭވުނު ޕްލޭނެއްގެ ދަށުން ވަކި ބަޔަކު އެކުވެގެން، އެބައިމީހުންނަށް ލިބިފައިވާ، އަދި ލިބެން އޮތް މަންފާއެއްގެ ބޭނުމުގައި، އަދި މި މައްސަލާގައި ހޯދިފައިވާ ފަދައިން އެ ފަރާތްތަކުން ހިފާފައިވާ ރިޝްވަތުގެ ފައިސާގެ މުގާބިލުގައި ނެރެފައިވާ އަމުރެއްކަން ސާފުވާ ކަމަށެވެ.