ބޭރު ކުޅިވަރު

ފީފާ އިން އިޒްރޭލަށް ރަތް ކާޑު ދައްކަނީތަ؟

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ އެންމެފަހުން ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ (ފީފާ) އެތެރޭގައި ވެސް ހޫނުވީ އެވެ. އިޒްރޭލުން ފީފާގެ ސްޓެންޑަޑްތަކާއި އެތިކްސްއާ ހިލާފުވެފައިވާ ކަމަށް ބުނެ ފަލަސްތީނުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ފީފާ އަށް ވައްދާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލައެއް ހޫނުވެފައި އޮތް ވަރަކީ ފީފާގެ މެމްބަރު ގިނަ ގައުމުތަކެއް ފަލަސްތީނުގެ މި މައްސަލާގައި އިޒްރޭލާ ދެކޮޅަށް ހިފާލާފައިވުމުން ސަސްޕެންޝަނެއް އައުމުގެ ބިރު އިޒްރޭލުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް އޮތުމެވެ.

އިޒްރޭލުން ފީފާގެ ގަވާއިދުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ ފަލަސްތީނުން ފީފާ އަށް ވައްދާފައިވާ މައްސަލަ އަށް، އަންނަ މަހު ފީފާ އިން ބާއްވާ ކޮންގްރެސްގައި ގޮތެއް ނިންމުމަކަށް މަޖުބޫރުވެފައިވާއިރު މި އިދާރާގެ ވެރިޔާ ސެޕް ބްލެޓާ މިހާރު އުޅުއްވަނީ މި މައްސަލާގައި އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން އާއި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލުކުރެއްވުމަށް އިޒްރޭލަށް ވަޑައިގެންނެވެ.

ބްލެޓާ ވިދާޅުވެފައި ވަނީ އެއްވެސް ގައުމެއް ސަސްޕެންޑްކުރުމަކީ ފީފާ އިން އެދޭ ގޮތެއް ނޫން ކަމަށާއި އެހެން ނަމަވެސް އިޒްރޭލުން ވެސް ފީފާގެ ގަވާއިދުތަކާއި ގާނޫނުތަކާ ހިލާފުވެފައިވާ ނަމަ ފިޔަވަޅު އަޅައި ސަސްޕެންޑްކުރެވޭނެ ކަމަށެވެ.

ފަލަސްތީނުން ހުށަހަޅާފައިވާ މައްސަލާގައި ބުނެފައި ވަނީ ފަލަސްތީނުގެ ފުޓުބޯޅައިގެ ކުރިއެރުމަށް އިޒްރޭލުން ގިނަ ހުރަސްތަކެއް ކުރިމަތިކޮށްފައިވާއިރު ގާޒާ އާއި ހުޅަނގު އައްސޭރީގައި އިޒްރޭލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ފަލަސްތީނުގެ ކުޅުންތެރިންނަށާއި ފަލަސްތީނަށް ޒިޔާރަތްކުރަން ބޭނުންވާ އެހެން ގައުމުތަކުގެ ޓީމުތަކަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

މީގެ އިތުރުން އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ޔަހޫދީން އާބާދުކޮށްފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ޔަހޫދީން ތެރެއިން ހޮވާލާފައިވާ ޓީމުތަކަށް އިޒްރޭލުގެ ބައެއް ލީގުތަކުގައި ފުރުސަތު ދީފައިވާ މައްސަލަ ވެސް ފާހަގަކޮށްފައިވެ އެވެ. އަދި އިޒްރޭލުން ފަލަސްތީނުގެ ކުޅުންތެރިންނަށް އަމާޒުވާ ނަސްލީ ތަފާތުކުރުމުގެ މައްސަލައިގެ ޝަކުވާ ވެސް ވަނީ ހުށަހަޅައިފަ އެވެ.

ފަލަސްތީނުން މި މައްސަލަތައް ފީފާ އަށް ހުށަހަޅާފައިވާއިރު އިޒްރޭލުން ބުނަނީ މިއީ ފީފާގެ އެތެރެ ސިޔާސީކޮށްލުމުގެ ބޭނުމުގައި ފަލަސްތީނުން ކޮށްގެން އުޅޭ ކަމެއް ކަމަށެވެ. ނަމަވެސް ބެލެވޭ ގޮތުގައި ކުރިއަށް އޮތް ކޮންގްރެސްގައި ފީފާގެ ބޮޑެތި ގައުމުތަކުން އަރާނީ ފަލަސްތީނާ އެއްކޮޅަކަށެވެ.

ފީފާ އިން ބޭރުގައި ވެސް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ދަނީ އިޒްރޭލާ ދެކޮޅަށް ތެދުވަމުންނެވެ. އެގޮތުން އިޒްރޭލުން ސުލްހަޔަށް އެއްބާރުލުން ނުދޭ މައްސަލަ ކުށްވެރިކޮށް ޔޫރަޕާއި ލެޓިން އެމެރިކާ އަދި އެފްރިކާގެ ގިނަ ގައުމުތަކަކުން ވަނީ ފަލަސްތީނުގެ ދައުލަތް ވެސް ބަލައިގަނެ އެމީހުންނާ ރަސްމީކޮށް ސިޔާސީ ގުޅުން ވެސް ގާއިމުކޮށްފަ އެވެ.

އެހެންވީމަ ސުލްހައިގެ މަރުހަލާގައި އިޒްރޭލަށް ފިއްތުން އިތުރުކުރުމަށް ފީފާގެ މެމްބަރު ގައުމުތަކުން ފަލަސްތީނުގެ މައްސަލަ ހޫނުކޮށްލާނެ ކަމަށް ބެލެވެ އެވެ.

ފަލަސްތީނުން އިޒްރޭލާ ދެކޮޅަށް ހުށަހަޅާފައިވާ ގަރާރަށް ފީފާގެ ކޮންގްރެސްގައި ވޯޓަކަށް ގޮސްފި ނަމަ ފާސްވާނީ 209 މެމްބަރުންގެ ހަތަރު ބައިކުޅަ އެއްބައި މެމްބަރުންގެ ރުހުން ލިބިގެންނެވެ.

އިޒްރޭލު ނިސްބަތް ވަނީ ޔޫއެފާ އަށެވެ. އެމީހުންގެ ބެލެނިވެރިކަމުގެ ދަށުގައި އިޒްރޭލު ގެންދިޔައީ 1994 ވަނަ އަހަރު އެވެ.