ބޭރު ކުޅިވަރު

ލޫކް ޝޯގެ ބަދުނަސީބު ސިލްސިލާ ކުރިއަށް

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ލުއިސް ވެން ހާލް މިދިޔަ އަހަރުގެ އޮކްޓޯބަރު ބުނެފައި ވަނީ ޔޫރަޕިއަން ޗެމްޕިއަންޝިޕުގެ 21 އަހަރުން ދަށުގެ މުބާރާތް ވެގެންދަނީ އިނގިރޭސި ޒުވާން ޑިފެންޑަރު ލޫކް ޝޯ އާ އުސްމިނަކަށް ގެންގޮސް މެންޗެސްޓާ ޔުނައިޓެޑަށް އޭނާ ފައްކާކޮށްދޭނެ މުބާރާތަކަށް ކަމަށެވެ.

ނަމަވެސް ޗެކް ރިޕަބްލިކުގައި ބާއްވާ މި މުބާރާތަށް އޭނާ ނުގެންދާ ގޮތަށް ނިންމައި އެކަން މިހާރު އިއުލާނުކޮށްފައިވުމުން ލޫކް ޝޯ، ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ވެސް ފިޓްވާނެ ކަމުގެ އުއްމީދެއް މިހާރަކު ނެތެވެ.

ރިކޯޑް އަގަކަށް ސައުތެމްޕްޓަން އިން މިދިޔަ ސީޒަނަށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ކުޅުންތެރިޔާ އިންގްލެންޑްގެ ޑިފެންސްގެ ތަހުތާ ހަވާލުވާނެ ހުނަރުވެރިއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި ނަމަވެސް ނިމިގެން މިދާ ސީޒަނުގައި އޭނާ އަކީ ފްލޮޕެކެވެ.

ފިޓްނަސްގެ މައްސަލަތަކެއް ކުރިމަތިވި ގޮތަށް އޭނާ އުޅެނީ އަދިވެސް މި މައްސަލައަކުން އަރައި ނުގަނެވިގެންނެވެ.

ލޫކް ޝޯ އަށް ސައުތެމްޕްޓަންގެ ޔޫތު ޓީމުގައި ކޯޗުކޮށްދިން ޖޭސަން ޑޮޑް ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާ އަށް ގަބޫލުކުރެވޭ ގޮތުގައި މި މައްސަލައިގެ އަސްލު ގުޅިފައި ވަނީ ލޫކް ޝޯ މެންޗެސްޓާ އަށް ބަދަލުވި ބަދަލުވުމެވެ. ޑޮޑް ބުނަނީ ސައުތެމްޕްޓަންގެ "ބޭބީއެއް" ގެ ގޮތުގައި ފައްކާކޮށްފައި ހުރި ކުޅުންތެރިޔަކު މެންޗެސްޓާ ކަހަލަ ޓީމަކަށް ބަދަލުވެ ކުރިމަތިވި ޕްރެޝަރާ އޭނާ ނުބައްދަލުވީ ކަމަށެވެ.

"ސައުތެމްޕްޓަންގައި ހުރިހާ ކަމެއް ވެސް ދިޔައީ އޭނާ އަށް ރަނގަޅަށް. އެކަމަކު މެންޗެސްޓާ އަށް ބަދަލުވި ހިސާބަކީ އޭނާގެ ކުރު ކެރިއަރުގައި އަލަށް ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހުނު ފަހަރު އަދި ބަޔަކު މީހުން އޭނާގެ ގާބިލުކަމާ މެދު ސުވާލު އުފައްދަން ފެށި ހިސާބު،" ޑޮޑް ބުނެފައިވެ އެވެ.

ޝޯގެ ފިޓްނަސް މައްސަލަތަކެއް ކުރިމަތިވީ އޭނާ މެންޗެސްޓާއާ ގުޅުނު ހިސާބުންނެވެ. އެހެންވެ ސީޒަން ފެށިއިރު ވެސް ރެޑް ޑެވިލްސްގެ ޓީމުން އޭނާ ފެންނާކަށް ނެތެވެ. ވަކި ހިސާބަކުން އެނބުރި އައިސް އަނެއްކާވެސް އަނިޔާވެގެން ކުޅުން މެދުކެނޑުނީ އެވެ.

އެއަށް ފަހު އެންމެފަހުން މި މަހުގެ ކުރީކޮޅު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅެނިކޮށް ވެސް ވަނީ އަނިޔާވެފަ އެވެ.

ވެން ހާލް ތަކުރާރުކޮށް ބުނަމުން ދަނީ ލޫކް ޝޯ އަށް އޭނާގެ ފެންވަރު ދެއްކޭނީ ފިޓްވެގެން ކަމަށާއި އޭނާ މިހާރު ފިޓެއް ނޫން ކަމަށެވެ. ޝޯ ބުނެފައި ވަނީ އޭނާ އަށް ދިމާވި މައްސަލައެއް ކަމަށް ބެލެވެނީ މެންޗެސްޓާ ޔުނައިޓެޑަށް އައިސް ހުރިހާ ކަމެއް މާ ފަސޭހަކޮށްލެވުން ކަމަށެވެ.

"އަހަރެން ޔުނައިޓެޑަށް އައީ ހުރިހާ ކަމެއް މިހާ އުނދަގޫވާނެ ކަމަކަށް ނިންމައިގެނެއް ނޫން. ފަހަރެއްގައި އަހަންނަށް ހެދުނު ގޯހަކީ އެއީ،" ޝޯ ބުނެފައިވެ އެވެ.

"އަހަރެން ހީކުރީ ކުރިއާ އެއްގޮތަކަށް ކަމަށް ހުރިހާ ކަމެއް ދާނީ. އެކަމަކު މެންޗެސްޓާ އަކީ ދުނިޔޭގެ އެންމެ ބޮޑު ކްލަބުތަކުގެ ތެރެއިން އެއް ކްލަބް އަދި އެންމެ މަތީ ފެންވަރުގެ ކުޅުންތެރިން ތަމްރީނު ހަދާ ޓީމެއް."

ކޮންމެއަކަސް ޔުނައިޓެޑުން މި ކުޅުންތެރިޔާގެ މައްޗަށް ހޭދަކުރި ރިކޯޑް އަގުގެ އެއްވެސް ވަރެއް އެމީހުންނަކަށް އަދި އަނބުރައެއް ނުލިބެ އެވެ. ހަގީގަތަކީ ޔުނައިޓެޑުން ބޮޑު އަގުގައި ގެނައި މިފަދަ އެއްވެސް ކުޅުންތެރިޔަކަށް މި ސީޒަނުގައި އެމީހުންގެ ފެންވަރު ދެއްކިފައި ނެތް ކަމެވެ.

އެހެންވީމަ އަންނަ ސީޒަނުގައި އެ ކުޅުންތެރިންނާ އެކު ޔުނައިޓެޑް ވަރުގަދަކޮށް އެނބުރި އަންނާނެ ކަމަށް ބުނެވޭއިރު އެ ޓީމުގައި ޝޯ ހިމެނޭނެ ހެއްޔެވެ؟