ހޮލީވުޑް

ލޭޑީ ގާގާގެ ފުރަތަމަ ފިލްމަށް ތައުރީފު

"އަ ސްޓާ އިޒް ބޯން" ޓްރެއިލާ.

"އަ ސްޓާ އިޒް ބޯން" ހާއްސަވާ ގިނަ ސަބަބަތަކެއް ވެއެވެ. މި ފިލްމަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާގެ ފުރަތަމަ ފީޗާ ފިލްމަށް ވުމަކީ މީގެ ތެރެއިން ބޮޑު އެއް ސަބަބެވެ. ފިލްމުގެ ފުރަތަމަ ޓްރެއިލާވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.

އަންނަ އޮކްޓޯބަރު މަހު ފަހެއްގައި ސިނަމާތަކުގައި ދައްކަން ފަށާ މި ފިލްމުގައި ގާގާއާއެކު ލީޑުން ފެނިގެންދަނީ ބްރެޑްލީ ކޫޕާ އެވެ. މި ފިލްމު ޑައިރެކްޓުކުރަނީ ވެސް ބްރެޑްލީ އެވެ. މިއީ އޭނާގެ ފުރަތަމަ ޑައިރެކްޝަނެވެ.

ޓްރެއިލާއާއެކު ގާގާއަށް ގިނަ ބައެއް ތައުރީފު ވެސް ވަނީ ލިބިފަ އެވެ. މީގެ އިތުރުން ގާގާއާއި ބްރެޑްލީގެ ފޭނުން އެ ދެ މީހުން އޮން ސްކްރީން ކެމިސްޓްރީ ބަލައިލަން ތިބީ ކެތްމަދުވެފަ އެވެ. މި ފިލްމުގައި މަސައްކަތްކުރަން ފުރުސަތު ލިބުމުން ގާގާ ބުނެފައި ވަނީ "މިއީ ހުވަފެނެއް ހަގީގަތަކަށްވުން އަދި މިއީ ބޮޑު ފަހުރެއް،" ކަމަށެވެ.

މަޝްހޫރު ބައެއް ފިލްމީ ތަރިންނާއި ލަވަކިޔުންތެރިން އަދި ޑައިރެކްޓަރުންގެ ތައުރީފު ވެސް ވަނީ ގާގާއަށް ލިބިފަ އެވެ.

ސްކްރީން ރައިޓާ އަދި ޑައިރެކްޓަރު ޖޯސް ވީޑަން ގާގާއަށް ތައުރީފުކޮށް ކޮށްފައިވާ ޓުވީޓެއް.
ލަވަކިޔުންތެރިޔާ ލީ މިޝޭލް ގާގާއަށް ތައުރީފުކޮށް ކޮށްފައިވާ ޓުވީޓެއް.

ވާނާ ބްރޯސް ޕިކްޗާސް އިން ގެނެސްދޭ މި ފިލްމުގައި ބްރޭޑްލީއަކީ ގިނަ ދުވަސްވީ މިއުޒީޝަނެކެވެ. އޭނާ މަސައްކަތްކުރާނީ މިއުޒިކުގެ އިންޓަސްޓްރީގައި ކުރިއަށްދާން ބޭނުންވާ ކުއްޖަކަށް އެހީތެރިވުމަށެވެ. އެ ކުއްޖާގެ ރޯލުން ފެނިގެންދާނީ ގާގާ އެވެ.

މި ފިލްމަކީ 1937 ވަނަ އަހަރު ހަމަ މި ނަމުގައި ނިކުތް ފިލްމެއްގެ ރީމޭކިންއެކެވެ. ހަމަ މި ނަމުގައި 1954 ވަނަ އަހަރުވެސް މި ފިލްމުގެ ރީމޭކިންއެއް ގެނެސްދިންއިރު، 1976 ވަނަ އަހަރުވެސް ވަނީ މި ފިލްމުގެ ރީމޭކިންއެއް ގެނެސްދީފަ އެވެ. އެންމެ ފަހުގެ ރީމޭކިންގައި ލީޑުން ފެނިގެންދިޔައީ ބާބްރާ ސްޓްރެއިސޭންޑް އަދި ކްރިސް ކްރިސްޓޮފާސަން އެވެ.