ބޮލީވުޑް

"ގޫލް" ޓްރެއިލާ: ހީބިހި ނަގައިފި

"ގޫލް" ގެ ޓްރެއިލާ.

ނެޓްފްލިކްސްގައި ހިންދީ ކޮންޓެންޓަށް އޮންނަ ތަރުހީބު އަންނަނީ ބޮޑުވަމުންނެވެ. މިހާރު ނެޓްްލިކްސްއިން ސްޓްރީމުކުރެވޭ ހިންދީ ސީރީޒްތައް ކަމަށްވާ "ލަސްޓް ސްޓޯރީސް" އާއި "ސެކްރެޑް ގޭމްސް" އަކީ މިކަމުގެ ހެއްކެކެވެ.

މި ދެ ސީރީޒްއަށް ތައުރީފު އޮހުނުއިރު، އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ މި ދެ ސީރީޒްގައިވެސް ބަތަލާއެއްގެ ރޯލު ކުޅުނު ރާދިކާ އާޕްތީ އަށެވެ. މިހާރު އަނެއްކާވެސް ރާދިކާ ފެންނާނެ އިތުރު ނެޓްފްލިކްސް ސީރީޒެއްގެ ޓްރެއިލާއެއް މި ވަނީ އާންމުކޮށްފަ އެވެ.

ރާދިކާ ދެން ފެނިގެންދާނެ ސީރީޒްއަކީ މަޝްހޫރު އަރަބި ފޯކްލޯރީއެއް ކަމަށްވާ "ގޫލް" އަށް ތައްޔާރުކުރާ ސީރީޒްއެކެވެ. އެއް މިނެޓަށް ދެމިގެންދާ މި ސީރީޒްގެ ޓްރެއިލާ ބާލާ ނިމޭއިރު މުޅިގައިން ހީބިހި ނަގާ ކަހަލަ އެވެ. ރާދިކާއާއެކު މި ސީރީޒްގައި މާނަވް ކޯލް ލީޑުން ފެނިގެންދާނެ އެވެ.

ބިރުވެރި ސީރީޒެއްގެ ޓެގު އަޅުވައިގެން ގެނެސްދޭ މި ސީރީޒްއަކީ، ތަފާތު ބޮޑެތި ކުށްތައްކޮށްގެން ހައްޔަރުކުރާ ކުށްވެރިންނާ ސުވާލުކުރުމަށް ގެންދާ ހަނގުރާމަ މަތީ ސިފައިންގެ ޑިޓެންޝަން ސެންޓަރެއްގެ ތެރޭގައި ހިނގާ ކަންތައްތަކެއް ގެނެސްދޭ ސީރީޒްއެކެވެ.

ރާދިކާ ކުޅެނީ ތަހުގީގަށް ސުވާލުކުރާ އޮފިސަރެއްގެ ރޯލެވެ. އޭނާއަކީ ސިފައިންގެ އިސްވެރިން ވަރަށް އިތުބާރުކުރާ އޮފިސަރެކެވެ. ސަބަބަބެއް ކަމަށް ޓްރެއިލާއިން ހާމަވީ ރާދިކާގެ ބައްޕަ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާކަން އޭނާއަށް އެނގުމުން އެކަން ފުލުހުންނަށް ފަޅާ އަރުވާލުމުންނެވެ.

ސީރީޒްގެ މައިގަނޑު ވާހަކަ ފެށޭނީ މިލިޓަރީ އޮފިސަރެއްގެ ރޯލު ކުޅޭ މާނަވް ޓެރަރިސްޓެއް ހައްޔަރުކޮށްގެން ގެނެސް، އާޕްތީ ލައްވާ އެ މީހާއާއި ސުވާލުކުރަން ފެށުމުންނެވެ. ސުވާލުކުރަން ފެށުމުން އެމީހާ އާޕްތީގެ ސިއްރުތަށް ހާމަކުރެ އެވެ. އަދި އެމީހާއަކީ އާދަޔާ ހިލާފު ބާރެއް ލިބިފައިވާ މީހެއްކަން އިނގެ އެވެ.

މި ސީރީޒް ޕްރޮޑިއުސްކޮށްފައި ވަނީ ކާމިޔާބު ފިލްމުތައް ކަމަށްވާ "އިންސިޑިއަސް"، "ގެޓް އައުޓް" އަދި "އުޑުތާ ޕަންޖާބް" ފަދަ ފިލްމުތައް އުފެއްދި މީހުންނެވެ. މި ސީރީޒް ލިޔެ އަދި ޑައިރެކްޓުކޮށްފައި ވަނީ ޕެޓްރިކް ގްރަހަމް އެވެ. މިއީ ނެޓްފްލިކްސްއާއި ފެންޓަމް ފިލްމްސްއާއި ގުޅިގެން ތައްޔާރުކުރި ސީރީޒްއެކެވެ.

ޖުމްލަ ތިން އެޕިސޯޑު ހިމެނޭ މި ސީރީޒް ސްޓްރީމްކުރެވޭނީ އަންނަ އޮގަސްޓު މަހު 24 އިން ފެށިގެންނެވެ.