މޯލްޑިވްސް ޕޮލިސް ސާވިސް

އެސްއޯއީގެ ދަށުން ހައްޔަރުކުރި އެހެން ފުލުހުން ވެސް މިނިވަންކޮށްފި

ފެބުރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އިއުލާންކުރި ކުއްލި ނުރައްކަލު ހާލަތުގެ ދަށުން ހައްޔަރުކުރި ހަ ފުލުހަކު މިނިވަން ކުރަން މިއަދު ކުރިމިނަލް ކޯޓުން ނިންމައިފި އެވެ.

ހަ ފުލުހަކު މިއަދު މިނިވަންކުރިއިރު އިއްޔެ އެސްއޯގެ ކުރީގެ ކޮމާންޑަރު އިނިސްޕެކްޓާ އޮފް ޕޮލިސް ސައިފު ހުސައިންއާއި، ސްޓޭޝަން އިނިސްޕެކްޓާ ފާއިޒު މުހައްމަދު މިނިވަންކުރި އެވެ.

މިއަދު މިނިވަންކޮށްފައިވަނީ ފުލުހުންގެ ސްވޮޓު ޓީމުގައި މަސައްކަތް ކުރި ސާޖަންޓު އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލް ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިންއާއި ސާޖެންޓު އަހުމަދު އާސިމް އަދި ސާޖެންޓް މުހައްމަދު ރިޝްވާނެވެ. އެމީހުން ދޫކޮށްލުމުން ކުއްލި ހާލަތުގެ ދަށުން ހައްޔަރުކުރި ހުރިހާ ފުލުހުން މިނިވަންވީ އެވެ.

އެމީހުން މިއަދު ކުރިމިނަލް ކޯޓުން މިނިވަންކުރީ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް އަންގާފައިވާތީ އެވެ. އެމީހުން ޝަރިއަތް ނިމެންދެން ބަންދުކުރީ ހެއްކަށް ނުފޫޒު ފޯރުވަދާނެ ކަމަށް ބުނެ އެވެ.

ނަމަވެސް އެމީހުން ބަންދުގައި ތިބި މުއްދަތުގައި އެފަދަ ކަމެއް އެމީހުންގެ ފަރާތުން ފާހަގަވެފައިނުވާކަން ފުލުހުން މައުލޫމާތު ދީފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް މިއަދު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވި އެވެ. އެހެންވެ އެ މީހުންގެ ބަންދާމެދު ޝަރީއަތެއް ގޮތެއް ނިންމުމަށް އެދުނެވެ. ޝަރީއަތުން ނިންމީ އެ އެންމެން ބަންދުން ދޫކޮށްލުމަށެވެ.

މިއަދު ދޫކޮށްލި ހަ ފުލުހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިހުރީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާގެ މައްސަލާގަ އެވެ. އެ ކުށް ސާބިތުވިޔަސް އަންނަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެމީހުން ބަންދުގައި ތިބޭތާ މިހާރު ވަނީ ހަ މަސް ވެފަ އެވެ.

ހުރިހާ ފުލުހުން ވެސް ވަނީ ހައްޔަރުކުރުމަށްފަހު ވަޒީފާއިން ވަކިކޮށްފަ އެވެ.